ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުފަން ދުވަހު، ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ވިދުން ގަދަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ފޯރިގަދަ ލަވައަކުން ތަހުނިޔާ ކިޔައިފިއެވެ.

ޕްރިޔަންކާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ސުނީ މީސް މީޑިއާގައި ހިއްސާކޮށްފައިވަނީ ޕްރިޔަންކާގެ ލަވަތަކަށް އޭނާ ނަށާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކްލިޕްއެކެވެ. އެގޮތުން ދެ ތިން ވީޑިއޯއެއް ހިއްސާ ކޮށްފައިވާއިރު، "ރާނީ އަށް އުފާވެރި އުފަންދުވަހަކަށް އެދެން. މިއީ ހާއްސަކޮށް ތިބާއަށް" ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރަމުން ސުނީތާ ބުނެފައިވެެއެވެ.

https://twitter.com/sunee7777/status/1416809705108738049?s=20

ވީޑިއޯތައް ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކިއުމުގެ އިތުރުން ސުނީ ވަނީ ޕްރިޔަންކާއަށް މެސެޖެއް ދީފައެވެ. ޕްރިޔަންކާ އާއި ސުނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން ދޫކޮށްލި މެސެޖުގައި އެތައް ވާހަކައެއް ބުނެދީފައިވެއެވެ.

"އެކި ގޮތް ގޮތުން އަހަރެމެންނާ އެކުގައި ވާތީ ޝުކުރު ކުރަން. އެންމެންނަށް ވެސް ތިއީ ހަަމަ ނަމޫނާއެއް. ހާއްސަކޮށް އެއްޗެއް އެނގެން ބޭނުންވާ އަންހެން ކުދިންނަށް. ތި ދައްކުވައި ދެނީ ތިއީ ވަރަށް ހިތްތިރި މީހެއްކަން. އެންމެން ވެސް ވަރަށް ލޯބިވޭ ޕްރިޔަންކާ ދެކެ" ސުނީ ބުނެފައިވެއެވެ.

ސުނީ ބުނެފައިވަނީ ޕްރިޔަންކާ އަކީ ހުރިހާ އަންހެނުންނަށް ވެސް ނަމޫނާއެއް ކަމަށެވެ. ހަމަ އެފަދައިން ޕްރިޔަންކާއަކީ ސުނީގެ 'އައިޑަލް' ކަން އޭނާ ފާހަގަ ކޮށްފައިވެެެއެވެ. ޕްރިޔަންކާގެ ކަންތައްތައް ފޮލޯ ކުރާ ކަމަށް ސުނީ ބުނެފައިވެއެވެ. ޕްރިޔަންކާގެ ނަން އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވިޔަސް އަބަދުވެސް ރާއްޖޭގައި ޕްރިޔަންކާގެ ނަން ފަވާލާނެކަމަށް ބުނެފައިވެއެވެ.

ޕްރިޔަންކާގެ އުފަންދުވަހު ސުނީ ވަނީ ޕްރިޔަންކާގެ ހަޔާތުގައި ނިމުމެއް ނެތް ގޮތަކަށް އުފާވެރިކަން ދެމެހެއްޓުމަށް އެދިފައެވެ.