ބޮލީވުޑްގައި މިހާރު އެންމެ ބާރަށް "ފިޔަ" ޖަހަމުން އަންނަ ތަރި ނޯރާ ފަތޭހީ މިހާރު ދަނީ އޭނާގެ ކުރިއަށް ނެރެން ތައްޔާރުވާ ފިލްމް "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ"އާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ފިލްމްގެ ޓްރޭލާވެސް ވަނީ އާއްމުކޮށްފައެވެ. އެ ޓްރޭލާއިން ނޯރާގެ ނިއްކުރިން ގިނަ އަދަދެއްގެ ލޭ އަންނަ މަންޒަރު ފެނެއެވެ.

އެކަން އިތުރަށް ތަފްސީލުކޮށްދެމުން ނޯރާ ބުނީ، ނިއްކުރި ފެޅިފައިވަނީ ފިލްމް ޝޫޓިންގ ފެށުމުގެ ކުރިން ކަމަށެވެ. އެއީ ހަމަ އަސްލަށް ވެސް ފެޅިފައި ހުރި ތަނަކަށްވުމުން ޑައިރެކްޓަރު އެ މަންޒަރުގެ ޝޮޓް ފިލްމްގައި ބޭނުން ކުރީ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ދިޔައީ އެ ފިލްމްގެ ޝޫޓިންތައް ނަގަމުން ޑައިރެކްޓަރު ބޭނުންވީ އެއްފަހަރާ އެ މަންޒަރު އެއް ކެމެރާއިން ނަގަން، އަހަރެންނާ އަހަރެންގެ ކޯ އެކްޓަރު ކުރިން ހުރި އެ ބައި ވަނީ ރިހާސަލްކޮށްފައި، އެއީ އޭނާ އަހަރެންގެ މޫނާށް ބަޑި ދިއްކޮށްގެން ހުންނައިރު، އަހަރެން އޭނާގެ އަތުން ބަޑި ޖަހައިގަނެ، އޭނާގެ ގައިގައި ތަޅައިގަންނަނީ"، ނޫރާ ކިޔައި ދިނެވެ.

ނޯރާ ބުނީ، ރިހާސަލްގައި އެ މަންޒަރު ވަރަށް ރަނގަޅަށް ދިޔަ ކަމަށެވެ.

"ނަމަވެސް އެކްޓަރު އޮޅިގެން އަހަރެންގެ މޫނުމަތީގައި ބަޑިން ޖެހީ، އެއީ މެޓަލް ބަޑިއެއް، އަދި އޭތި ވަރަށް ބަރު، އެ ޖެހުނު ގޮތަށް ނިއްކުރި ފަޅައިގެން ހޯސްލާފައި ލޭފޭބީ"،

މިއާއެކު ނޯރާ ހޮސްޕިޓަަލަށް ގެންދިޔައެވެ. އެއީ އެތަން ދުޅަވެފައި ހުރުމުންނާއި މާ ގިނައިން ލޭފޭބުންނެވެ.

ނޯރާ ވަނީ ކުރިންވެސް އޭނާގެ މޫނުގައި ބަޑިން ޖެހުނު ވާހަކަ ހިއްސާ ކޮށްފައެވެ. އަދި އޭނާގެ ނިއްކުރީގައި ލަކުނެއް ހުރިކަންވެސް އޭނާ ވަނީ ބުނެފައެވެ.

އެ ފިލްމްގައި ޝޫޓިންގައި ނޯރާއަށް ކުރިންވެސް އަނިޔާވިއެވެ.