ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް އެބޭފުޅުންގެ ތުއްޕުޅު ދަރިކަނބަލުން ލިލީބެޓް "ލިލީ" ޑިޔާނާ މައިންޓްބެޓެން ވިންސާ އާއިއެކު އިނގިރޭސިވިލާތައް ދަތުރު ކުރަން ތައްޔާރުވެއްޖެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

ޖޫން މަހުގެ 04 ވަނަ ދުވަހު އުފަންވި ލިލީއާއިއެކު ޕްރިންސް ހެރީ އާއި މޭގަން އިނގިރޭސިވިލާތައް ދަތުރު ކުރަން ނިންމާފައި ވަނީ ކްރިސްޓިއަން ދީނުގެ ދީނީ އަޅުކަމެއް ކަމަށްވާ ކްރިސްޓެނިން ކުރަން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ކްރިސްޓިއަން ދީނުގެ ކުދިން އުފަންވުމުން ފެނެއް ކިޔަވާފައި އެކުއްޖާ އެފެނުން ފެން ވެރުވުމުގެ ދީނީ އިހްތިފާލެކެވެ.

ހެރީ އާއި މޭގަންގެ އާއިލާ ދިރިއުޅެމުން އަންނަނީ އެމެރިކާގެ ކެލިފޯނިއާގައެވެ. ހެރީ ވަނީ ލިލީ ކްރިސްޓިއަން ކުރުމުގެ ދީނީ އިހްތިފާލް ބާއްވަން ބޭނުން ވަނީ ލިލީގެ ބޭބެ އާއި އެއްފަދައިން ވިންޑްސާގައި ކަމަށް ގާތް މީހުން ކައިރީ ބުނެފައެވެ. "ހެރީ ވަރަށް ގިނަ މީހުން ކައިރީ ބުނެފައި ވަނީ ލިލީ ކްރިސްޓިއަން ކުރުމުގެ އިހްތިފާލް ބާއްވަން ބޭނުން ވަނީ ވިންޑްސާގައި ކަމަށް." މީޑިއާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ހެރީ ބޭނުން ވަނީ މިއިހްތިފާލުގައި ރާނީ އެލިޒަބަތު ވެސް ބައިވެރިވާށެވެ. އެކަން މިހާރު ރާނީ އެލިޒަބަތު އަރިހުގައި ވެސް ހެރީ ވަނީ ދަންނަވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހެރީ އިނގިރޭސިވިލާތައް ދަތުރު ކުރަން ހަމަޖެހިފައި ވަނީ ކޮވިޑްގެ ހާލަތައް ރަނގަޅު ބަދަލެއް އައުމުންނެވެ. މިހާރު އިނގިރޭސިވިލާތުން ކޮވިޑާއި ދެކޮޅަށް އަޅާފައި އޮތް ފިޔަވަޅުތަކުގެ ދަށުން އެމެރިކާގެ ރަށްވެރިންނަށް އިނގިރޭސިވިލާތައް ދަތުރެއް ނުކެރެވެއެވެ. މޭގަން އަކީ އެމެރިކާގެ ރައްޔިތަކަށް ވުމުން މިހާރު އޮތް ހާލަތުގައި އޭނާ އަށް އިނގިރޭސިވިލާތައް އެތެރެއެއް ނުވެވޭނެއެވެ.