ކޮންމެ މީހަކު ވެސް ކައިވެންޏަށް އެދި ހުށަހަޅާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައެވެ. ކޮންމެ މީހަކު ވެސް ބަލާނީ ވީހާވެސް އުފާވެރި ގޮތަކަށް އެ މީހެއްގެ ހަޔާތުގެ ބައިވެރިޔާ އަށް ކައިވެނި ހުށަހެޅޭތޯއެވެ. އެ މީހަކު ޚިޔާރު ކުރާނެ ކަހަލަ ކާނާ އާއި އެ މީހަކު އުފާވާނެ ފަދަ ވަގުތެއްގައި އުފާވާނެ ފަދަ ތަނެއްގައި އެ ހުށަހެޅުން ހުށަހެޅޭތޯ އެތައް ޕްލޭނެއް ކުރެއެވެ. އެހެންކަމުން އެ ހުށަހެޅުން ނާކާމިޔާބު ވުމަކީ ވަރަށް ހިތްދަތިވާނެ ކަމެއްކަން ޔަގީނެވެ.

މައިނަރ ލީގް ބޭސްބޯލް ގޭމްގައި ނަގާފައިވާ ވީޑިއޯ އަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ނަމަވެސް އެއީ އުފާވެރި ވީޑިއޯ އެއް ނޫނެވެ. އެއީ ހިތާމަވެރި ވީޑިއޯއެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ ޕްރޮޕޯޒް ކުރުން ހީކުރި ގޮތާ ޚިލާފަށް ގޮސްފި ނަމަ މާޔޫސް ވާނެ މިންވަރު ވަރަށް ރަނގަޅަށް ދައްކުވައިދޭ ވީޑިއޯއެކެވެ.

އިންޑިޕެންޑެންޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއީ ވޮކެސްޓަރ ރެޑް ސޮކްސް ގޭމްގައި ނަގާފައިވާ ވީޑިއޯއެވެ. އެ ވީޑިއޯ އަށް އެތައް ބައެއްގެ ސަމާލުކަން ލިބުނީ އެ ވީޑިއޯގައި ފެންނަ ފިރިހެން މީހާ ވަރަށް ލޯބިކޮށް އޭނާގެ ބައިވެރިޔާ އަށް ކައިވެންޏަށް އެދި ހުށަހެޅުމުން ހީ ނުކުރާހާ ހިތްދަތި ގޮތަކަށް އެ އަންހެން މީހާ އޭނާ އަށް ނޫނެކޭ ބުނާ މަންޒަރު ފެންނާތީއެވެ.

އެ ފިރިހެން މީހާ އެ އަންހެން މީހާ އަށް ލޯބި ހުށަހަޅަނީ އެއް ކަކޫ މައްޗަށް ތިރިވެ ހުރެގެންނެވެ. އަދި ފޭނުން ވެސް އޭނާ އަށް ތަރުޚީބުދޭ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. ނަމަވެސް އެ މީހާ ޕްރޮޕޯޒް ކުރުމުން އަންހެން މީހާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާ މަންޒަރު ފެނެއެވެ. އަދި އޭނާ ދާން ޖެހިއްޖެ ކަމަށް ބުނެ އެތަން ދޫކޮށް ދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯ އިން ސާފުކޮށް އެނގޭ ގޮތުން ޕްރޮޕޯޒް ކުރި ފިރިހެން މީހާ ހުރީ އޭނާގެ ހުށަހެޅުން ކާމިޔާބު ނުވުމުން ވަރަށް ބޮޑަށް ލަދުގަނެފައެވެ. ޚާއްސަކޮށް އެހާ ގިނަ ބައެއް ކުރިމަތީގައި ނޫނެކޭ ބުނުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވިކަން އޭނާގެ މޫނުމަތިންވެސް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފު

    ޙަހަހަހަަަަ މިވެސް ހަބަރެއްތަ😂

  2. އޯމޯ

    ފުރަތަމަ ކަމަކަށް އެހާ ގިނަބައެއްތެރޭ ޕްރޮޕޯޒްކުރުން އެއީ އެންމެ މޮޔަކަންތައް.