މިއީ ފޭސްބުކްގައި ކުރިން ވަރަށް މަގްބޫލްކަން ހޯދި ޕޭޖެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ގޯސް ކަންކަމާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ވާދަވެރި ޕާޓީތަކުގެ އިސް ބޭފުޅުންގެ އަމަލުތަކަށް ފާޑުކިޔާފައި ހުންނަ ކުރެހުންތަކުގެ އިތުރުން މުޖުތަމައުގައި އޮތް "ބޭއިންސާފު" ދައްކުވައިދޭ އެތައް ކުރެހުމެއް އޮތެވެ.

އެކަމަކު 2014 ގައި ޕޯސްޓެއް ކުރުމަށް ފަހު މި ޕޭޖްގެ ޚަބަރެއް ނެތެވެ. ވޭތުވެދިޔަ ހަ އަހަރު ތެރޭގައި އެންމެ ޕޯސްޓެއް ވެސް ކުރުމެއް ނެތި އޮތުމަށް ފަހު، މި އަހަރުގެ ފެބްރުއަރީ މަހު މި ޕޭޖްގައި ކުރެހުމެއް ޕޯސްޓް ކޮށްލިއެވެ. ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރި ޕޯސްޓުން ވެސް ފެނުނީ އަދިވެސް މި ޕޭޖްގެ މަގްބޫލް ކަން ދަށަށްނުދާ ކަމެވެ.

ފެބްރުއަރީ 13، 2021 ގައި ކޮށްފައިވާ އެ ޕޯސްޓްގައިވާ ކުރެހުމަކީ ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ރައީސުންނާއި، ދިވެހި ފުޓުބޯޅައިގެ ބަތަލު އަލީ އަޝްފާގު ފެންނަ ކުރެހުމެކެވެ. އޭގައި ލިޔެފައި އޮތީ ސިޔާސީ ލީޑަރުން ގައުމު ބައިބައިކޮށްލިއިރު، އަޝްފާގު ނުކުމެ ކޮންމެ ފަހަރަކު ހެން ގައުމު އެއްބައިވަންތަ ކޮށްލާ ކަމެވެ.

މި ޕޯސްޓަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހުގައި "ހޫނު މައުޟޫއު" އަކަށް ވެގެންދާ ކޮންމެ ކަމެއްގައި ކުރެހުމެއް ކުރަހާފައި މެސެޖެއް ރައްދުކޮށްދެވޭ ގޮތަށް ޕޯސްޓް ކުރެއެވެ. ހަ އަހަރު ފަހުން ފެބްރުއަރީ މަހު ކުރި އެ ޕޯސްޓްއާއެކު، މިހާތަނަށް 14 ވަރަކަށް ޕޯސްޓް މި ޕޭޖްގައި ކޮށްފައިވެއެވެ.

މިއިން ކޮންމެ ޕޯސްޓްއަކަށް އެތައް ޝެއާއަކާއި ރިއެކްޓެއް ލިބެއެވެ. އަދި ގިނަ ބަޔަކު މި ޕޯސްޓްތަކަށް ކޮމެންޓް ކޮށްފައި ހުރެއެވެ. މި ޕޯސްޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މުޖުތަމައުގައި އޮތް މައްސަލަތަކާއި "ބޭއިންސާފު" ދައްކުވައިދޭ ޕޯސްޓްތަކެވެ. އެ ކުރެހުންތައް ވަރަށް ތަފްސީލްކޮށް ހުށަހަޅާފައި އޮންނައިރު، މި ކުރެހުންތަކުގެ ފަހަތުގައިވާ ފަންނުވެރިންނެއް ނޭނގެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ވެސް ވެރިންގެ އީދަކަށް

މެއި 26، 2021 ގައި ކޮށްފައިވާ މި ޕޯސްޓެވެ. މީގައިވާ ކުރެހުމުގައި ފެންނަނީ މި ސަރުކާރުގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުމެއް ނެތި، ކޮވިޑް-19 ގެ ވައިރަސް ދައްކުވައިދޭ ބޯޅައާ އެކު ތާސް ކުޅެން ތިބި މަންޒަރެވެ.

ފަހަތުގައި ވަޒީރުން ނެށުމާއި ޕާޓީ ކުރާ މަންޒަރު ފެނެއެވެ. ވަޒީރުންތަކެއް ތިއްބެވީ "ވޯޓް" ލިޔެފައި ހުރި ޓީޝާޓްތަކެއް ލައިގެނެވެ. މިއީ ކައުންސިލް އިންތިޚާބާ ދިމާކޮށް ރައީސް ސޯލިހްއާއި، ނަޝީދުއާއި، ބައެއް ވަޒީރުން ކެމްޕޭނަށް ގޮސް ނެށި ބައެއް ހަރަކާތްތައް ދައްކުވައިދޭ ކުރެހުމެކެވެ. އަދި ޓިޝޫ ޕޭޕަރުން ބޯޅަ ވައްޓާނުލައި ފައިން ގެންގުޅުމުގެ ޗެލެންޖްގައި ވަޒީރަކު ހުންނެވިއިރު އައިވީ ހޮޅިއެއްގައި ހިފަހައްޓައިގެން އާންމު މީހަކު ރޯން ހުންނަ މަންޒަރު ފެނެއެވެ.

ދަރުމަަވަންތައިން ޖާގަ ނުލިބި ހުޅުމާލެ ފެސިލިޓީ ފުރުން

ފަހުން މި ޕޭޖްގައި ކޮށްފައިވާ ޕޯސްޓްތަކުން ދެން ފެނުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދޭން ޖެހި، އެ ފެސިލިޓީގައި އެތައް ބަޔަކު ނިޔާވަމުން ދިޔަ ދުވަސްވަރުގައި ކޮށްފައިވާ ޕޯސްޓްއެކެވެ. އެ ޕޯސްޓްގައި ތުހުމަތުކޮށް ކުރަހާފައި އޮތް ގޮތުން، އާންމުންގެ ކޮންމެ މީހަކު ފޮނުވާލަނީ ހުޅުމާލެ ފެސިލިޓީއަށެވެ.

ތަނަވަސް ވަސީލަތްތަކާއެކު ހުރި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ބާއްވަނީ މުޅިން ވެސް ވަރުގަދަ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލީ ބޭފުޅުން ކަަމަށް އެ ޕޯސްޓުން ދައްކުވައިދެއެވެ. ވޯޓު ލިބުނު ކޮންމެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ޖާގަ ދޭ ކަމާއި، ވޯޓު ލީ އާންމު ރައްޔިތުންނަށް ފަރުވާ ދެނީ ހުޅުމާލެ ފެސިލިޓީއިން ކަމުގައި އެ ކުރެހުމުގައި ދައްކުވައިދީފައިވެއެވެ.

ނަޝީދު ފަރުވާއަށް ދިޔަ ގޮތާއި މިޝްކާއަށް ފަރުވާ ނުލިބުނު ގޮތް

މިއީ ފަހުން މި ޕޭޖްގައި ޕޯސްޓްކޮށްފައިވާ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިއްސާ ކުރި ޕޯސްޓެވެ. މި ޕޯސްޓްގައި ފުރަތަމަ ދައްކުވައިދެނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވިއިރު އޮތް ހައި ސެކިއުރިޓީއެވެ.

ދެން ކުރަހާފައި އޮތީ އާންމު ރައްޔިތު މީހަކަށް ފަރުވާ ނުދެވި ދިއުމުން ނޫނީ ފަރުވާ ދިނުން ލަސްވެގެން ދިއުމުގެ ސަބަބުން ނިޔާވެގެން ސަރަހާއަށް ގެނެސް ވަޅުލަން ޖެހޭ މަންޒަރެވެ. ހަަތަރު ވަރަކަށް މީހުން ވެގެން މީހަކު ސަންދޯކަށް ލައިގެން ސަހަރާއަށް ގެންދަނީއެވެ. ސަންދޯކުގައި ހިފަހައްޓައިގެން ތިިބި މީހުންގެ މޫނު މަތީގައި ހިތާމައާއި ކަރުނަތައް ދައްކުވައިދެއެވެ.

މިއީ އުމުރުން 10 އަހަރުގެ ކުއްޖަކަށް ފަރުވާ ދިނުން ލަސްވެގެން ނިޔާވި މައްސަލަ ހޫނުވެގެން ދިޔަ ދުވަސްވަރު ކޮށްފައިވާ ޕޯސްޓެކެވެ. އެ މައްސަލާގައި ސިއްޚީ ދާއިރާގައި ހިމެނޭ ޑޮކްޓަރުންނާއި ކޯލް ސެންޓަރުގެ އިހުމާލުތައް ފެންނަން އޮތް އިރު، އެއިން ބަޔަކަށް ފިޔަވަޅު އެޅުން ވެސް އޮތީ ފަހަތު ފަޔަށް ބުރަވެފައެވެ. ސިއްޚީ ވަޒީރަށް އެތައް ފާޑުކިއުމެއް މި މައްސަލާގައި އަމާޒުވިއެވެ.

އިންޑިއާއިން ދިވެހި ނޫސްވެރިންނަށް ހުރަސް އަޅަން އުޅުން

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. އެއީ ދައުލަތުގެ މައި ތިން ބާރަށް ފާރަވެރިވެ ވަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދޭން އޮންނަ ބާރެވެ. ދިވެހި ބައެއް މީޑިއާތަކުގައި އިންޑިއާއިން ރާއްޖޭގައި ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ޚަބަރުތަކާއި އިންޑިއާއަށް ފާޑުކިޔާފައިވާ ޚަބަރުތަކާ ގުޅިގެން އެ މީޑިއާތަކަށް ފިޔަވަޅު އަޅަން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރު ދިން މައްސަލައަށް ވެސް ކުރެހުމެއް ކުރަހާފައި ޕޯސްޓް ކޮށްފައިވެއެވެ.

މި ކުރެހުމުގައި ދިވެހި ނޫސްވެރިޔަކު ކަރުދާސްތަކެއްގައި އިންޑިއާ އައުޓް: ޝިއާރުތަކަށް ތާއީދުކޮށް ލިޔުންތަކެއް ލިޔަނިކޮށް ބޮޑު މީހަކު ފަހަތުން އައިސް އިންޑިއާގެ ދިދަ ނޫސްވެރިޔާގެ އަނގަ މަތީގައި އަޅުވާފައި ނޫސްވެރިޔާ ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަން ހުންނަ މަންޒަރު ދައްކުވައިދެއެވެ. އަދި ނޫސްވެރިޔާ ލިޔުންތައް އެކި ދިމާއަށް އުކެމުންދާ މަންޒަރު ދައްކުވައިދެއެވެ.

މި ޕޭޖް ހިންގަމުންދާ ފަންނުވެރިން ނުވަތަ ފަންނުވެރިޔަކީ ކޮބައިކަން އެނގެން ނެތަސް، މި ފަންނުވެރިންގެ މަސައްކަތް ވަރަށް ތަފާތެވެ. ކޮންމެ ޕޯސްޓެއްގައި ދައްކުވައިދޭ މެސެޖް ވަރަށް ފުންވެފައި އަސަރު ގަދައެވެ. ރާއްޖޭގައި އޮތް "ބޭއިންސާފު" ނިޒާމު ވަރަށް ސާފުކޮށް އަންގައިދެއެވެ. އާންމުންގެ މީހުނަށް ޚިދުމަތް ދިނުމުގައި އޮންނަ "ސަލާން ޖަހަން ޖެހޭ" ސަގާފަތް ވަރަށް ސާފުކޮށް ބުނެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙައްގުބަސް

  ތަސްވީރު ބަލާނީ ތަސްވީރު ބުނާހެން!! ގުޑްޖޮބް! ޢިބުރަތްތެރި އަދި އެހާމެ މާނަފުން ތަސްވީރުތަކެއް!! މިފަދަ މަޢުލޫމާތުތައް ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ އެންމެ އާދައިގެ މީހާއާ ހަމަޔަށްވެސް ފޯރުކޮށްދެވޭތޯ ބަލަންވީ!! ވޯޓްތައް ހޯދަން ދެން ދުއްވައިގަންނައިރަށް ރައްޔިތުންނަށް ވަރަށް ރަގަނޅަށް ކަންކަން ހިންގާމަގު އެނގިފައި އޮތުން މުހިންމު!! އިންތިޚާބެއް ކައިރިވާއިރަށް ދޮގުހަދައިގެން ރައްޔިތުން ވާވައްދަން އުޅޭނެ!! އިންޑިޔާއައުޓް#

  32
 2. Anonymous

  ޙޭލުންތެރިކޮށްގެން ވެސް ވާނުވާ ފިލުވައިދީގެންވެސް ވޯޓު ދޭނީ ބަދަލަކަށޭ ކިޔާ ކޮންމެވެސް މީހަކަށް.ގޮސް ގޮނޑީގަ ފުލުގެކަޅުހަން ޖެހޭއިރަށް ހަމަ ފެނިގެންދަނީ މާޒީ. ކަރުބުޑުގަ ދުވަހަކު ލޭރަހަ ކެނޑޭވަރެއްނުވޭ. މިތާވެރިޔަކަށް ގެންނަންވީ ބަކަައްޓެއް. ސަލާމަތެއްނެތް އަންބޮނޑި ތެޅޭވަރުން.

 3. ޢަހް

  ނައިސް ޕިކްސް ބްރޯ!