ރެނާއީ ކްލާރީ ބޮލުގައި ރިއްސާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެއީ މާބޮޑު ކަމެއް ކަމަކަށް ކްލާރީ ހިތަކަށް ނާރައެވެ. އެއީ އާއިލާގެ ގިނަ މީހުންނަކީ މައިގްރޭން ހުންނަ މީހުން ކަމަށް ވާތީ ކްލާރީގެ ބޮލުގައި ވެސް ރިއްސަނީ މައިގްރޭންގެ ސަބަބުން ކަމަށް ގަބޫލު ކުރެވިފައި އޮތުމުންނެވެ.

އުމުރުން 38 އަހަރުގެ ކްލާރީ ބޮލުގައި ރިއްސާތީ ދެއްކީ ޕާތުގައި ހުންނަ ހޮސްޕިޓަލަކަށެވެ. ޑޮކްޓަރު ބޭހެއް ދިނުމަށް ފަހު ވިދާޅުވީ ރައްކާތެރި ގޮތަކީ އެމްއާރްއައި އެއް ހެދުން ކަމަށެވެ. އެހެންކަމުން އެމްއާރްއައި އެއް ހެދުމަށް ފަހު ކްލާރީ ދިޔައީ އެވެ. އޭގެ ތިން ދުވަސް ފަހުން ހޮސްޕިޓަލްގެ އެމެޖެންސީ ފޯން ކޯލެއް ލިބުނެވެ. އެއީ އެމްއާރްއައިގެ ރިޕޯޓް ލިބުމުން ޑޮކްޓަރު ކުރި ފޯން ކޯލެކެވެ.

ވަގުތުން ހޮސްޕިޓަލަށް އައުމަށް ކްލާރީ އަށް އެންގިއެވެ. ހޮސްޕިޓަލަށް ދިއުމުން ކްލާރީ އަށް ޑޮކްޓަރު އެންގީ އޭނާގެ ބޮލުގައި 2.2 ސެންޓިމީޓަރުގެ ޓިއުމަރެއް އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ފަރުވާ ނުދެވިއްޖެނަމަ އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.

ކްލާރީގެ ބޮލުން ޓިއުމަރު ނަގަން ވަގުތުން އޮޕަރޭޝަން ކުރިއެވެ. އޮޕަރޭޝަން ކާމިޔާބުވެއްޖެ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ފަސް ދުވަސް ފަހުން ޑޮކްޓަރުން ވިދާޅުވީ އޮޕަރޭޝަން ކުރި ތަނުގައި އަދިވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އަނެއްކާވެސް އިތުރު ފަރުވާއެއް ކުރަން ޖެހުނެވެ.

މިހާރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކްލާރީގެ އޮޕަރޭޝަން ވަނީ ކާމިޔާބުވެ ހުރިހާ ކަމެއް ހައްލު ކުރެވިފައެވެ. އިތުރަށް ކަންތައްތައް ގޯސްނުވާނަމަ ކްލާރީގެ ހާލު ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކްލާރީ ބުނީ އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާ ކަމަށް އިހްސާސް ކުރެވޭ ކަމަށާއި، މިހާރު ކުރެވެނީ ބުނެދޭން ނޭނގޭ އުފާވެރި އިހްސާސްއެއް ކަމަށެވެ. އެއީ ކުޑަ ވަގުތުކޮޅެއް ލިބިފައި ވަނިކޮށް ފުރާނަ ސަލާމަތް ކުރެވުމުންނެވެ.