ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައިދުގެ އިތުރުން ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އާއި އަދިވެސް 100 އަށްވުރެ ގިނަ ދިވެހިން ހިމަނައިގެން ކުޅަދާނަ ކޮރިއޯގްރާފާ އަދި ޕްރޮޑިއުސަރ ޖާދުﷲ އުފެއްދި މިނިވަން ދުވަހުގެ ލަވަ ކަމަށްވާ 'ގަލަމުންވެ ސޫރަ ރަންދެލީ' ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިއީ މިނިވަންދުވަހާއި ގުޅުވައިގެން ޖާދު އަބަދުވެސް ނެރެމުން އަންނަ ލަވަތަކުގެ ތެރެއިން ލަވައެކެވެ.
ޖާދު ބުނީ މި ލަވައަކީ މިނިވަންދުވަހަށް ހާއްސަކޮށްގެން ހުށަހަޅައިދޭ ފަސް ވަނަ ލަވަ ކަމަށެވެ. ލަވައާއި ގުޅިގެން އިތުރަށް މައުލޫމާތުދެމުން ޖާދު ބުނީ އަބަދުވެސް ގައުމީ ލަަވަތަކަށް ޝައުގުވެރިކަން ހުންނަ ކަމަށާއި، ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާއި ދިމާކޮށް ލަވައެއް ނެރެދެމުން އަންނަ ކަމަށެވެ.
މި ލަވައިން ފެނިގެންދަނީ މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މީގެ ކުރިން އެފަދަ މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން މަޝްހޫރު ފަންނާނުންނާއި، އާންމުންގެ ތެރޭގައި މާބޮޑަށް މަގްބޫލް ނޫން ފަރާތްތަކެވެ.
މިއީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީގެ ޅެމަކަށް ޓައިމް އެކަޑަމީ ސްޓޫޑިއޯއިން ޝާޒް ސައީދު މުއިޒިކް ތައްޔާރުކޮށް، އަލީ ރަޝީދު ގޮޅާ (ކެމެރާ)ކޮށްދީފައިވާ ރީތި ލަވައެކެވެ. މި ލަވައަށް ތޭރަވާގެ ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އޭނާ ބުނެއެވެ.
މި ލަވަ ފަށަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި އަޙްމަދު އީސާ (އާނަންދު) އެވެ. ރައިވަރުގެ ބައިތަކުތަކަކުން ލަވަ ފަށައިގަތްއިރު ވަރަށް ފުރިހަމަ އެވެ. ދެން ފެނިގެން ދަނީ ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު "އުދުހިލާ" މަންޒަރެވެ. މިއީ ޔަގީނުންވެސް މިނިވަންކަން ދެއްކުމުގެ ނިޔަތުގައި ދައްކުވައިދިން މަންޒަރެކެވެ. މިއާއެކު ލަވަ ފަށައިގަނެއެވެ. މި ލަވަ ކިޔާފައީ ވަނީ ޖޫނީ އާއި އިޝާމް އެވެ. ދެން މި ލަވައިން ފެނިގެން ދަނީ ޖޫނީއެވެ. އޭނާ ތަންކޮޅެއް ގެނެސްދިނުމަށްފަހު ދިޔާނާ ދެން ފެނިގެން ދާއިރު، ސިޔާސީ އެކި ބޭފުޅުންނާއި އެކި ދާއިރާތަކުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދާފައިވާ މަޝްހޫރު މޫނުތައް ފެނިގެން ދެއެވެ. އަދި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ބައެއް އާއްމުންވެސް މި ލަވައިން ފެނިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
"މިފަހަރު ތަފާތު ކޮށްލަން ވެގެން ހަމައެކަނި ފަންނާނުން ނުހިމަނައި އެކި ފަންތީގެ މީހުން ބައިވެރިކޮށްގެން ލަވަ ނިންމާލައިފައި އެވަނީ" ލަވައާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރަމުން ޖާދު ބުންޏެވެ.
ޖާދު ބުނީ ލަވަައިގައި ބައިވެރިވުމަށް އެދި ވަރަށް ގިނަ ފަރާތްތަކަށް ގުޅަމުންދިޔަ ކަމަށެވެ. އަދި އެ ފަރާތްތަކަށް މިއީ ގައުމީކަމެއްގެ ގޮތުގައި ކިހައި މުހިންމުކަމެއްކަން ކިޔައިދީފައިވާނެކަން ޖާދު ފާހަގަކުރިއެވެ.
"ވަކި ބަޔަކަށް އަމާޒުކޮށްގެނެއް ނޫން ލަވައިގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާނީ. ބެލިން ވީހާވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމަށް. މިކަމަށް ލޯބިކުރާ ފަރާތްތަކުން ކަންނޭންގެ ބައިވެރިވީ. ހުރިހާ ގޮތަކުން ބަލާއިރު ލަވައިން ފެނިގެން އެދަނީ މިކްސް އެއް" މާލޭގެ އިތުރުން ހިންމަފުއްޓާއި މާފުށީގެ މަންޒަރުތައް ފެނިގެންދާ މި ލަވައިގެ ބައިވެރިން ހޮވާފައިވާ ގޮތާއި ގުޅިގެން ޖާދު ބުންޏެވެ.
ޖާދުއަކީ ފިލްމީ ދާއިރަގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާއަކީ މަޝްހޫރު ނެށުންތެރިއެއްގެ އިތުރުން، މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދާފައިވާ މޮޅު ފެޝަން ޑިޒައިނަރެކެވެ. އޭނާ ވަނީ އެ ދާއިރާގައި އެތައް މަސައްކަތެއް ކޮށް، އެވޯޑްވެސް ހާސިލްކޮށްފައެވެ.
ޖާދުއަށް މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވާލައިގެން ނެރެފައިވާ 'ގަލަމުންވެ ސޫރަ ރަންދެލީ' މި ލަވަ ހާއްސައެވެ. ދެ ހަފްތާއިން ލަވައިގެ މަންޒަރުތައް ނިންމާލައިފައިވާއިރު، ޖާދު ބުނީ ދިވެހި ރައްޔިތުން މި ލަވަ ބަލައިގެންފި ކަމަށެވެ. މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ނުލިބޭހާ ބޮޑު ތަރުހީބެއް މި މަސައްކަތަށް ލިބެމުންދާކަން އޭނާ ފާހަގަކުރިއެވެ.
100 އަށް ވުރެ ބައިވެރިން ފެނިގެންދާ މި ލަވަ ޕީއެސްއެމް ގެ މިނިވަން ދުވަހުގެ ހާއްސަ ޓެލެތޯނުގައި ވަނީ ދައްކާފައެވެ.
އަޝްރަޕްގެ ލަވަ އަދަބީ ގޮތުން ވަރަށް ސަޅި! މުޖްތަމައުގެ އެކި "ފަންތީ" ގެ މީހުން ޝާމިލުކުރުމަކީ ވަރަށް ސަޅި ކަމެއް އެކަމަކު ހުރި މުޖްތަމައުގެ އެކި ގިންތިތަކުގައި ހުރި ފަރަގު މިލަވައިން ވަރަށް ރީއްޗަށް ފެނިގެން ގޮއްސި! ފޯރާ މީހުން ނަލަ ހެދިގެން އެންމެ ދުވަހަކަށްޓަކައި ރީތި ހެދުންތައް ފަހައިގެން ލައިގެން ހުރި އިރު ބާޒާރު މަތީމީހުންނަށް އެނަސީބު ލިބިފައި ނުވާކަން ފެނިގެން ގޮއްސި! ހަރަދެއް ކޮއްލައިގެން އެމީހުންވެސް އެހެންމީހުންނެކޭ އެއްގޮތަށް ނަލަކޮށް ފަރިކޮށްލިނަމަ ލަވަ ބަލާ ނިމުމުން ކުރެވޭ ހިތާމައެއް ނުކުރީސްތޯއްޗެ!
ލަވައިގެ ފެށުން ސަކަރާތް. ޜައިވަރަށް އާޝާގެ ލިޕްސިން އަދި އެކްޓިން ވަރަށް ނުގުޅޭ. ލަވަ ކިޔާފަ އިންގޮތް ވެސް ކަމަކު ނުދޭ. ގައުމީ ލަވައެއްވީމަ ޖީލު ތަކަކަށް ފޯޜާނެ އެއްޗެއް ވީމަ އަދި ރީޓަޗް ކޮއްލަން ރަނގަޅު. ޖާދު އައް ސާބަހާއި ޝުކުރު ހައްގު
ޖާބެ ކުރާ ކަންތަކުން ހީ ހީ ހަލާކު ވެދާނެ
ނިއުމާއަށް އެހާ ކަންތައްބޮޑު ހެދުމެއްނޫނީ ނުލެއްވެދޯ…
މިކަހަލަ ޒަމާނެއްގަ ހުންނަން ޖެހޭ ސިފަ މިލަޔަކުން ނުދެއްކޭ. އަގަޔާ ބަހާ ދިމާނުވޭ އަދި ހަރަކާތް ތައްވެސް އަޅައިގަންނަ ގޮތް ހުރޭ.މިއީ އެކަމަކު އެކިމަންޒަރު ފެންނަލަވައެއް.
ފައްކާމަސައްކަތެއް.ވަރަށް ޝައުގުވެރި.މިއީ ގައުމީ ރޫހަކީ.ހަބޭސް.
ކަމަކު ނުދޭ…
ދެން އައްޗީޑި. ރައްޔި ތުންނަށް ނަމޫނާ ދައްކަން ތިއްބެވި އެކިޔާ "ޢިއްޒަ ތްތ ތެރިން" ގެ ޙާލަ ތު ހުރި ގޮ ތް... އަހަރުމެންނާއި އަހަރުމެންގެ ދަރީންގެ ހި ތާމަ. ހި ތާމައިގެ ކޮޅެއް ނެ ތް...
މި ފަހުގެ ތާރީޚެއްގަ އަޑު އިވުނު ވަރަށް ފުރިހަމަ ޅެންވެރި ކަމެއް. ހަމަ ގައިން ހީބިހި ނަގައިގެން ހިނގައްޖެ. ތަކުރާރުކޮށް އަޑުއަހާލާހާވެސް ފުރިހަމަ. އަޝްރަފްގެ ޅެންވެރިކަމަށް ހަމަ ސަތޭކަ. ވީޑިޔޯގައި އެމްއެންޑީއެފް ހިމަނާފަ ނުވުމަކީ ވަރަށް ދެރަ ކަމެއް. މިނިވަން ކަމާ ގުޅޭ ވީޑިޔޯއެއް އެމްއެންޑީއެފް ނުލާ ފުރިހަމަ ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ.
ނައު ޔުއަރ ޓޯކިން! އަންކޯ!!
އަލީ ރަމީޒުވެސް ތަންކޮޅެއްގަ ބައިވެރިވިނަމަ ވ.ފުރިހަމަވީސް