ކޮވިޑް-19 ގެ ސަބަބުން ގައުމުތައް ފުރަބަންދު ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ގޭގައި ތާށިވެފައެވެ. އެކަމުގެ ސަބަބުން މީހާގެ ބަރުދަނަށް ބޮޑު ބަދަލެއް އަންނަކަން އެންމެން ވެސް ގަބޫލު ކުރެއެވެ.

އިނގިރޭސި ވިލާތުގެ ޕަބްލިކް ހެލްތުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ފުރަބަންދުގެ ސަބަބުން ގިނަ ބައެއްގެ ހަށިގަނޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އޭގެ ތެރޭގައި ބަރުދަނަށް ހަތަރު ކިލޯ އިތުރުވި މީހުން ވެސް ހިމެނޭ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

މި ދިރާސާ ހެދުމަށް 5،000 މީހުން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން 40 އިންސައްތަ މީހުންގެ ބަރުދަން ވަނީ އެ ގައުމު އެންމެ ފުރަތަމަ ފުރަބަންދު ކުރި މާޗް މަހުގެ ތެރޭގައި އިތުރުވެފައެވެ.

ބަރުދަން އިތުރުވެފައިވާ މީހުންގެ ތެރެއިން 21 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ބަރުދަން ހަ ކިލޯ އަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުން ހިމެނެއެވެ.

މި ދިރާސާގައި ބައިވެރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ބޭނުންވަނީ ސިއްހަތު ރަނގަޅު ހަށިގަނޑެކެވެ. އެކަން ހާސިލު ކުރުމަށް އެކި ކަހަލަ ފިލާވަޅުތަކާއި ކަސްރަތުތައް ކުރި ނަމަވެސް، ގޭގައި އެންމެ އެދެވޭ ކަސްރަތެއް އެފަރާތްތަކަށް ނުކުރެވޭކަން ވަނީ ފާހަގަ ވެފައެވެ.

އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި މިހާރު ވަނީ އެކި ކަހަލަ އެޕްލިކޭޝަންތައް ވެސް އުފައްދައިފައެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ފުރަބަންދުގައި ބަރުދަން އިތުރުވެފައިވަނީ ގޭގައި ތިބެ، ކަސްރަތު ނުވަތަ އެއްވެސް ކަހަލަ ކުޅިވަރެއް ކުޅުމަށް ފުރުސަތެއް ނުލިބޭތީއެވެ.