މާބަނޑު ދުވަސްވަރަކީ އަންހެނާގެ ހަޔާތުގައި ވަރަށް މުހިންމު ދުވަސްވަރެކެވެ. އެހެނީ އެދުވަސްވަރަކީ އެހެން ފުރާނައެއް މައިމީހާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ދުވަސް ވަރަކަށް ވީމައެވެ. މާބަނޑު ދުވަސްވަރު އަންހެނުން އުފުލަން ޖެހޭ ތަކުލީފުތަށް ވަރަށް ގިނައެވެ. އެގޮތުން ހުޅުހުޅުގައި ރިއްސުމާއި ފައި ފޮށްސިވުމާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.

މާބަޑު ދުވަސްވަރު އަންހެނާ ބަނޑުގައި ރިއްސަނީ މައިގަނޑު ތިން ސަބަބަކާއި ހުރެއެވެ. އެ ސަބަބުތަށް ތިރީގައި އެވަނީއެވެ.

ބަނޑުގައި ގޭސް އުފެދުމާއި، ބަނޑުހަރުވުން

ބަނޑުގައި ގޭސް އުފެދެނީ މާބަނޑުވުމުން، ޕްރޯޖެސްޓަރޯ ހޯރމޯންގެ މިންވަރު އިތުރުވާތީ އެވެ. މިހޯރމޯން ދޫކުރުން އިތުރުވުމުން، ކާތަކެތި ހަޖަމު ކުރާ ނިޒާމުގައި ދައުރު ކުރުން ލަސްވެއެވެ. މިކަމުގެ ސަބަބުން ބަނޑު ހަރުވެ ބަނޑުގައި ގޭސް އުފެދި ބަނޑުގައި ރިހޭގޮތް މެދުވެރިވެއެވެ.

ރައުންޑް ލިގަމެންޓް އަށް ތަދުވުން

ރައުންޑު ލިގަމެންޓަކީ ރަހިމުގެ ދެފަރާތުން ފެށިގެން ކުރިމަތިފަރާތަށް (އުކުޅުވަޅަށް) ގޮސްފައި އިންނަ ފައިބަރުގަޑެއް ކަހަލަ އެއްޗެކެވެ. މިއީ ރަހިމުގެ ހިފަހައްޓައިދިނުމަށް ގުދުރަތީގޮތުން ލެވިފައިވާ އެއްސުމެކެވެ. މާބަނޑުވެ، ރަހިމު ބޮޑުވާ ވަރަކަށް މި ލިގަމެންޓަށް ދެމި، ވާންވާނެ އެވެ. މިކަމުގެ ސަބަބުންވެސް ބަނޑުގައި ރިއްސުން އެކަށީގެންވެއެވެ.

ރަހިމަށް ވާންވުމާއި ދޫވުމުގެ ސަބަބުންވާ ތަދު

ގާތްގަޑަކަށް ބަނޑަށް 4 މަސް ނުވަތ 5 ވަނަ މަހުން ފެށިގެން ރަހިމަށް ވާންވެ ދޫވާ ކަމުގެ އިހުސާސް ބައެއް ވަގުތު ކުރެވޭނެއެވެ. ބަނޑަށް ދުވަސްވީ ވަރަކަށް ރަހިމަށް ވާންވުން ދާނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ބަނޑުގައި ގަދައަށް ރިއްސާނެއެވެ..

މައުލޫމާތު: ޕޭރެންޓްސް.ކޮމް