ފިލުމު ''ކެޑަނާތު'' އިން ބޮލީވުޑަށް ތަޢާރަފްވި ސާރާ ޢަލީ ޚާނަކީ މީސް މީޑިޔާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. މީގެއިތުރުން ސާރާގެ މަޖާ ޕޯސްޓުތަކަކީ ވެސް ގިނަ ބަޔަކަށް ކަމުދާ ޕޯސްޓުތަކެކެވެ.

ސާރާގެ މި ސަކަ މިޒާޖުން ބެލުންތެރިންގެ ސަމާލުކަން ހުއްޓުނީ ވަރުންއާއި އޭނާގެ އަންހެނުން ނަތާޝާއަށް ދިނުމަށް ސާރާ ނިންމާފައިވާ ލަނޑެއް ނުވަތަ ކުރަން ނިންމާފައިވާ ސަމާސާއެއް ހިއްސާ ކުރުމުންނެވެ.

މާލިނީ އަގަރްވާލް ވޫޓްގައި ހުށަހަޅައިދޭ ޗެޓް ޝޯއެއް ކަމުގައިވާ ''ފީޓް އަޕް ވިތު ސްޓާރސް'' ގެ ތިންވަނަ ސީޒަންގައި ސާރާ ބައިވެރިވި އެޕިސޯޑެއްގައި އޭނާ ވަނީ އޭނާގެ ޕްލޭން ހިއްސާ ކޮށްފައެވެ.

ސާރާ އެންމެ ބޮޑަށް ލަނޑެއް ނުވަތަ ސަމާސާއެއް ކޮށްލަން ބޭޏުންވަނީ ކާކަތޯ މި ޝޯގައި ސުވާލު ކުރުމުން ވިސްނައިލުމަށް އިތުރު ސިކުންތެއް ވެސް ނުނަގައި ސާރާ ބުނެފައިވަނީ އެއީ ފިލުމު ''ކޫލީ ނަންބަރު 1'' ގައި އޭނާގެ ކޯ ސްޓަރ ވަރުން ދަވަންއާއި އޭނާގެ އަންހެނުން ނަތާޝާ ކަމަށެވެ.

''މީހަކާއި ސަމާސާއެއް ކޮށްލަން ޖެހިއްޖެ ނަމަ އަހަރެން އެންމެ ބޮޑަށް ސަމާސާއެއް ކޮށްލަން ނުވަތަ ލަނޑެއް ދޭން ބޭނުންވަނީ ވަރުންއާއި ނަތާޝާއަށް. އަހަރެންގެ މޫނުގައި ބޫޓް ޕޮލިޝް އުނގުޅުމަށް ފަހު ވަރުންއާއި ނަތާޝާގެ ކޮޓަރިއަށް ވަދެ އެ ދެމީހުންނާއި ދިމާއަށް ބަލަން ހުންނާނީ. ނުވަތަ އެހެން ހުރެގެން ހަޅޭއްލަވާނީ. އެއިރުން ވަރަށް މަޖާވާނެ'' ސާރާ ބުނެފައިވެއެވެ.

ސާރާގެ މި ޕްލޭން އަޑު އެހުމަށް ފަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ސާރާ މި ގޮތަށް ކަންތައް ކުރުމުން ވަރުންއާއި ނަތާޝާއަސް ވާނެ ގޮތެއް ބަލައިލުމަށެވެ.

ސާރާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަކްޝޭ ކުމާރާއި ދަނުޝްއާއި އެކު ފިލުމު ''އަތުރަންގީ ރޭ'' އިންނެވެ.