ކޮވިޑް-19 ޖެހުނު އެތައް ހާސް ބަޔަކު މިހާރު އިސްތަށި ފޭބުމުގެ މައްސަލަތަކާއި ކުރިމަތިވެގެން އެ ވާހަކަތައް ދައްކަމުން ދެއެވެ. އެތައް ބަޔަކު އެ ވާހަކަދައްކަމުން ދަނީ އޭގެ ކުރިން ނުވާ އެތައް އުނދަގޫތަކެއް ކޮވިޑަށް ފަހު ކުރިމަތިވަމުންދާތީއެވެ.

އިންޑިއާގެ ބެންގަލޫރްގެ އެސްޓަރ އާރްވީ ހޮސްޕިޓަލްގެ ޑާމެޓޮލޮޖިސްޓް ޑރ.ސްނެހާ ސޫދް ވިދާޅުވީ، ކޮވިޑްއިން ރަނގަޅުވުމަށްފަހު އެތައް ބަޔަކު ބޮލުން ވަރަށް ބޮޑަށް އިސްތަށި ފައިބާ މައްސަލަ ކުރިމަތިވަމުންދާ ކަމަށެވެ.

"ކޮވިޑްގެ ސަބަބުން ހާލަތު އެންމެ ގޯސްވާ މީހުންގެ ބޮލުން އެބަ އިސްތަށި ފައިބާ، މިއީ ކޮވިޑް-19 ވައިރަސް އާއި ދެކޮޅަށް ހަށިގަނޑު މަސައްކަތް ކުރަން ފެށުމުން ހަށިގަނޑަށް އަންނަ ބަދަލުތަކެއްގެ ނަތީޖާ." ޑރ.ސޫދު ވިދާޅުވިއެވެ.

ޑރ. ސޫދު ވިދާޅުވެފައިވާގޮތުގައި، އާއްމުކޮށް މިފަދަ މައްސަލަތައް ކުރިމަތިވަމުންދާ މީހުންނަށް އެކަމުން އަރައިގަންނަ މަސްތަކެއް ވާނެއެވެ. ބޮލުގެ އިސްތަށި ދިގުވުމުން ކަންކަން އައްމު ހާލަތަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އޭނާ ވިދާޅުވެފައިވާގޮތުގައި، ކޮވިޑްގެ ސަބަބުން ދިމާވާ ސްޓްރެސް މައްސަލަތަކަކީވެސް ބޮލުން އިސްތަށިފައިބަން މަދުވެރިވާ ސަބަބެކެވެ.

އެވްރޭޖް މިންވަރަކަށް ބޮލުން އިސްތަށިފައިބާ ހާލަތްތަކުގައި ގޭގައިވެސް ފަރުވާދެވޭނެ އެވެ. އެގޮތުން ޑައިޓަށް ބަދަލު ގެނެސްގެންނާއި، ކަސްރަތު ކުރުމުންނާއި، ޔޯގާ މެޑިކޭޝަން އާއި ރަނގަޅަށް ނިދުން ފަދަ ކަންކަން ކުރާނަމަ ހާލަތު ރަނގަޅުވާނެއެވެ. އަދި މިކަންތައް ކުރާތާ މަސްތަކެއް ފަހުން ކުދިކުދި އިސްތަށިތައް ބޮލުގައި ފަޅަމުންދާތަން ފެންނަ ނަމަ އެއީ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެެވެ.

އިތުރު ފިޔަވަޅުތައް!

  • ބޮލުގައި ތެޔޮ ނުލުން
  • އަޔަން ހިމެނޭނެ ގޮތަށް ޑައިޓް ޕްލޭން ހެދުން
  • ގިނައިން ބަދަން، އަލްމަންޑް، ވޯލްނަޓް، ފެނުކައްކާފައި ހުރި ޕީނަޓް، ޗިއާ ސީޑްސް އެއްޗެހި ކެއުން
  • ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުން ކުރުން
  • އިސްތަށިގަނޑު އެއްކޮށް ފައިބާހެން ހީވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • މައިލްޑް ސަލްފޭޓް-ފްރީ ޝޭމްޕޫ ބޭނުން ކުރުން
  • އިސްތަށިގަނޑަށް ހީޓް އެންޑް ކެމިކަލް ޓްރީޓްމެންޓް ނުދިނުން
  • ޑެންޑްރަފް ފަދަ މައްސަލައެއް މެދުވެރިވެއްޖެނަމަ ރަނގަޅަށް ފަރުވާ ހޯދުން.

ކޮވިޑް-19 އަކީ އާބައްޔެއް ކަމަށްވާތީ އަދިވެސް މިބަލީގެ ސަބަބުން ކުރިމަތިވާ ހުރިހާ މައްސަލައެއް ސައިންސްވެރިންނަށް ދެނެގެއެއް ނުގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު