ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕާޑުކޯންއަކީ ފިލުމުތަކުގެ ފީއަށް ބަލާއިރު އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށް ވާހަކަ ދައްކާ ފަންނާނެކެވެ.

ދީޕިކާ ދެކޭގޮތުގައި ފިލުމުތަކުގެ ރޯލުތަކަށް ފީ ދޭންޖެހޭނީ އަދާކުރާ ރޯލަށް ބަލާފައެވެ. އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ބަލައިފައެއް ނޫނެވެ.

އެންމެ ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލުމު ''ބައިޖޫ ބާވްރާ'' ގައި ދީޕިކާއާއި އެކު ފިލުމުން ދެން ފެނިގެންދާ ފިރިހެން ފަންނާނާއި އެއްވަރަކަށް ފީ ދެއްކުމަށް ބުނުމުން ސަންޖޭ ލީލާ ވަނީ މި ފިލުމަށް ދީޕިކާ ހޮވުމަށް އިތުރު ވިސްނުމަކަށް ދާން ޖެހިފައެވެ.

މި ފިލުމުގެ ފިރިހެން ލީޑު ރޯލު ކުޅޭ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްއާއި އެއްވަރަކަށް ފައިސާ ދިނުމަށް އެދިފައިވެއެވެ.

''ދީޕިކާ ބޭނުންވަނީ މި ފިލުމަށް އޭނާގެ ފިރިމީހާއަށް ދޭ މިންވަރަށް ފައިސާ ދިނުމަށް. އިތުރަށް ނުވަތަ މަދުން ވެސް އެންމެ ރުޕީސްއެއް ވެސް ބޭނުމެއް ނުވޭ'' ސަންޖޭ ލީލާ ބަންސާލީގެ ފަރާތުން ބޮލީވުޑު ހަންގާމާއަށް އިންޓަވިއު ދިން މީހަކު ބުނެފައިވެއެވެ.

މީގެއިތުރުން ބުނެފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ޖެހިޖެހިގެން ތިން ފިލުމެއްގައި ރަންވީރާއި ދީޕިކާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު ދީޕިކާ ނޫން އެހެން މީހަކާއި އެކު ރަންވީރު ފެނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ދީޕިކާއާއި ރަންވީރު އެކުގައި ފެނިގެން ދިޔަ ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލުމަކީ ''ގޯލިއޮންކީ ރާސްލީލާ- ރާމް ލީލާ''، ''ބާޖިރާއޯ މަސްތާނީ''، ''ޕަތުމާވަތު'' އެވެ.