އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބޭބެ ކިމް ޖޮން ނަމްގެ މޫނުގައި ނުރައްކާތެރި ވިހައެއް އުނގުޅާފައިވާ ފޮތިގަނޑެއް އަޅައިގެން އޭނާ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ދެއަންހެނުންނަކީ މީހުން މެރުމަށް ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ދެއަންހެން ކަމަށް މެލޭޝިއާގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.

ކިމްގެ ބޭބެ މަރާލީ 2017 ވަނަ އަހަރު މެލޭޝިއާގެ ކުއަލަލަމްޕޫރު އެއާޕޯޓްގައެވެ. އެކަމުގައި ބައިވެރިވި ދެއަންހެނުން ބުނެފައިވާ ގޮތުގައި އެމީހުންނަށް ހީވެފައި އޮތީ އެއީ ޓީވީ ޝޯވއެއް ކަމަށެވެ. ޖޮން ނަމްގެ މޫނުގައި ފޮތިގަނޑު އެޅީ އެކަން ކުރުމުން ފައިސާ ދޭނެ ކަމަށް އެއާޕޯޓުން ދިމާވި މީހަކު ބުނުމުން ކަމަށް ދެއަންހެނުން ކުރިން ބުނެފައިވެއެވެ.

މިމައްސަލައިގައި މެލޭޝިއާ އިން ދައުވާ އުފުލާފައި ވަނީ އިންޑޮނޭޝިއާ އަންހެނެއް ކަމަށްވާ ސިއްތި އައިޝާ އާއި ވިއެޓްނާމް އަންހެނެއް ކަމަށްވާ ޑޯން ތީ ހުއޮންގެ މައްޗަށެވެ. މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި މެލޭޝިއާގެ ޕްރޮސެކިއުޓަރުން ބުނީ ސިއްތި އާއި ޑޯން އަކީ މީހުން މެރުމަށް ދުރާލާ ތަމްރީނުތައް ހަދާފައިވާ ދެއަންހެނުން ކަމަށެވެ.

ދެއަންހެނުން ޖޮން ނަމް މަރާލުމުގައި ބައިވެރިވީ ޕްރޭންކެއް ޖައްސަން ކަމަށް ބުނި ނަމަވެސް އެމީހުން ޖޮން ނަމްގެ މޫނުގައި ފޮތިގަނޑު އުނގުޅާލުމަށް ފަހު ވެސް އެއްވެސް ވަރަކަށް މަޖާވެ، ހީ ސަމާސާ ކޮށްފައި ނުވާކަމަށާއި އެހެންކަމުން އެމީހުން ކުރީ ކޮންކަމެއްކަން އެމީހުންނަށް އެނގޭ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

އޭގެ އިތުރުން ކިމްގެ މޫނުގައި ފޮތިގަނޑު އުނގުޅާލުމަށް ފަހު ދެއަންހެނުން ވެސް ވަރަށް އަވަހަށް އަތް ދޮވެފައިވާކަން ވެސް ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށާއި އެހެންކަމުން އެއީ ވެސް ފޮތިގަނޑުގައި ހުރި ވިހަ ގޭހުގެ މައުލޫމާތު އެމީހުންނަށް އެނގޭ ކަމުގެ ހެއްކެތް ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

މިމައްސަލަ ދެއަންހެނުންގެ މައްޗަށް ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އައުން އެކަށީގެންވެއެވެ.