އެޕަލް އިން މިއަހަރު ނެރޭނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ އައިފޯން-13 އާއްމުކޮށް ދައްކާލަން ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ ރޭ ހާއްސަ އިވެންޓެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ.

އެޕަލް އިން މިއަދު ވަނީ ސެޕްޓެމްބަރ 14 ވަނަ ދުވަހު އެޕަލްގެ އިވެންޓެއް އޮންނާނެކަން މީޑިއާތަކަށް ކަށަވަރު ކޮށްދީ، ރަސްމިއްޔާތުގެ ދައުވަތު ވެސް ފޮނުވާފައެވެ.

އެޕަލް އިން އަންނަ އަންގާރަ ދުވަހު ދައްކާލާނެ އުފެއްދުންތަކުގެ ތެރޭގައި އައިފޯން-13 ގެ އިތުރުން އެޕަލްގެ ސީރީސް-07 ގަޑި ވެސް ހިމެނޭނެއެވެ. އެޕަލްގެ ހާއްސަ އިވެންޓް އޮންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 22:00 ގައެވެ. އެޕަލް އިން އަހަރު ދުވަސް ތެރޭގައި ބާއްވާ އެންމެ ހާއްސަ އިވެންޓް މިފަހަރު ވެސް އޮންނާނީ އޮންލައިންކޮށެވެ. އެއީ ކޮވިޑްގެ ހާލަތު އަދިވެސް ވަރަށް ގޯސްކޮށް އޮތުމުންނެވެ.

މިއަހަރު ނެރޭ އައިފޯން-13 އާއި މިދިޔަ އަހަރު ނެރުނު އައިފޯން-12 އާއި އަޅައި ބަލާއިރު ޑިޒައިނަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއަހަރު ނެރޭނެ ކަމަށް ބެލެވެނީ 5.4 އިންޗިގެ އައިފޯން-13 މިނީ އާއި 6.1 އިންޗިގެ އައިފޯން 13 އާއި 6.1 އިންޗިގެ އައިފޯން-13 ޕްރޯ އަދި 6.7 އިންޗިގެ އައިފޯން-13 ޕްރޯ މެކްސް އެވެ.

އެޕަލް އިން ހާއްސަ އިވެންޓެއް ތާވަލް ކުރި ނަމަވެސް އާއްމު އުސޫލުން އިވެންޓްގައި ކުރިއަށް ހުރި ކަންކަން އެޕަލް އިން ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ. އެޕަލް އިން އައިފޯން-13 އެރަސްމިއްޔާތުގައި ދައްކާލާނެ ކަމަށް ބުނަނީ ވެސް މީޑިއާތަކުންނެވެ.

އެޕަލް ކުންފުންޏަކީ އެކުންފުނިން ނެރޭ އުފެއްދުންތައް ނެރުމުގެ ކުރިން ރަސްމީކޮށް އެއްވެސް ޚަބަރެއް ކަށަވަރު ކޮށްދޭ ކުންފުންޏެއް ނޫނެވެ. އެޕަލްގެ އުފެއްދުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކާ ފޮޓޯތައް އާއްމު ކުރަމުން ގެންދަނީ ވެސް އެޕަލް ކުންފުނިން މައުލޫމާތު ލިބިގެން އެމަސައްކަތް ކުރާ ބްލޮގަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބޭ

    ޗާރޖް ހުސްވިޔަސް ފޯން ނުނިވޭނެ ގޮތެއް ނުވާނެތަ؟

    3
    1
  2. އިމާމް

    ރާއްޖެ އަންނަ ފޯންތައް އަގުބޮޑުވާނެ . ސަބަބަކީ ރަން އަޅާގެން ހަދާފަހުރި ފޯންތަކެއް ރާއްޖެ އަންނަން ހަމަޖެހިފަ އޮތީ.. .