ބޮލީވުޑުގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމުގައިވާ އަޖޭ ދޭވްގަންއާއި ކާޖޮލްގެ ކައިވެންޏަށް 22 އަހަރުވީ އިރުވެސް މި ލޯތްބަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ.

އަޖޭއާއި ކާޖޮލްގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް ވެސް ހުރެއެވެ. ދެމީހުންގެ ހުރި ތަފާތު މިޒާޖާއި އެކު ވެސް 22 އަހަރު ކާމިޔާބު ކަމާއި އެކު އުފާވެރި ދިރިއުޅުމެއް ދަނީ އުޅެމުންނެވެ.

ނަމަވެސް އެންމެ ފުރަތަމަ ކާޖޮލްއާއި ދިމާވުމުން އޭނާގެ ހުރި ސިފައެެއްގެ ސަބަބުން ދެވަނަ ފަހަރަށް އޭނާއާ ބައްދަލުވުމަށް ނުވަތަ ފިލުމެއްގައި ވެސް މަސައްކަތް ކުރުމަށް އަޖޭ ބޭނުމެއް ނުވިއެވެ.

ފުރަތަމަ ނަޒަރުން ނަފުރަތު އުފެދުނު މި ލޯބި ކާމިޔާބުވެގެން ދިޔައީ ތަފާތު މިޒާޖުގެ ސަބަބުން ކަމަށް ކާޖޮލް ވަނީ އެތައް އިންޓަވިއުއެއްގައި ބުނެފައެވެ.

ނަމަވެސް އަޖޭ ކާޖޮލްއާއި ދެވަނަ ފަހަރަށް ބައްދަލު ކުރަން ބޭނުންވިއެވެ. ކާޖޮލްއަށް ނަފުރަތު ކުރި ކަމަށް އަޖޭ ބުނެފައިވެއެވެ.

''ހަލްޗަލްގެ ޝޫޓިން ފެށުމުގެ ކުރިން އެއްފަހަރު ކާޖޮލްއާއި ބައްދަލުވި. އެއަށްފަހު ކާޖޮލްއާއި ބައްދަލުވުމަކަށް އެއްވެސް ޝައުގެއް ނެތް. އެންމެ ފުރަތަމަ ދިމާވިއިރު ވެސް ކާޖޮލްއަކީ، ވަރަށް އަޑުގަދަ، ގިނައިން ވާހަކަދައްކާ އަދި ގޮތްދޫނުކުރާ މީހެއް. ޝަހުސިއްޔަތުގެ ގޮތުން ބަލާއިރު އަހަރެމެން ދެމީހުންނަކީ ވެސް ވަރަށް ތަފާތު ދެމީހުން. ނަމަވެސް ވާން ހުރި ކަމެއް ވާނެ'' އިންޓަވިއުގައި އަޖޭ ބުނެފައިވެއެވެ.

ކާޖޮލްއަކީ އަޑުގަދަ، ވާހަކަ ގިނަ މީހެއް ނަމަވެސް އަޖޭއަކީ ބަސްމަދު މަޑުމައިތިރި މީހެކެވެ. އަޖޭއާއި ކާޖޮލް ލޯބީގެ ގޮތުން ގުޅިފައިވަނީ އެމީހުން އެކުގައި ކުޅުނު ފިލުމެއްގެ ޝޫޓިންގެ ތެރެއިންނެވެ.