އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް މަރުވުމުގެ ކުރިން އޭނާގެ ފިރިހެން ދަރިކަލުން ޕްރިންސް ޗާލްސް އާއި އެންމެ ފަހުން ދެއްކި ވާހަކަ އަކީ ވެސް 100 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ވާހަކަތައް ކަމަށް ޕްރިންސް ޗާލްސް ބުނެފިއެވެ.

ޕްރިންސް ޗާލްސް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއަހަރުގެ އޭޕްރީލް އުމުރުން 99 އަހަރުގައި ފިލިޕް މަރުވުމުގެ އެއްދުވަސް ކުރިން ވެސް ވަރަށް ރަނގަޅަށް ވާހަކަ ދެކެވުނު ކަމަށެވެ. އެދުވަހު ދެބަފައިން ދެއްކީ ޖޫން މަހު ފިލިޕްގެ 100 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ވާހަކައެވެ.

"ބައްޕަ މަރުވި ދުވަހުގެ ކުރީ ދުވަހު އަހަރެމެން ވާހަކަ ދެއްކި. އެއީ އޭރު ކައިރިވަމުން އައި ބައްޕަގެ އުފަން ދުވަސް ފާހަގަ ކުރުމާއި ގުޅޭ ގޮތުން. އަހަރެން ބުނި އަހަރެމެން މިތައްޔާރުވަނީ ބައްޕަގެ އުފަންދުވަސް ފާހަގަ ކުރަންށޭ. އެހެން ބުނުމުން ބައްޕަ ބުނީ ކީއޭއޭ؟ ބައްޕަ ވަނީ އުމުރުން ދުވަސް ވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ބީރުވެފައި. ދެން އަހަރެން އަނެއްކާވެސް ބުނިން ބައްޕަގެ އުފަންދުވަސް ފާހަގަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާ ވާހަކަ." ޗާލްސް ކިޔައިދިނެވެ.

އުފަންދުވަސް ފާހަގަ ކުރުމުގެ ވާހަކަ ފިލިޕް ކައިރީގައި ބުމުން އެހައި ދުވަސް ވަންދެން ދުނިޔޭގައި އޮންނާނެ ކަމަށް އުއްމީދު ކުރާކަމަށް ފިލިޕް ބުންޏެވެ.

ނަމަވެސް 100 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ފުރުސަތު ނުލިބި ފިލިޕް މަރުވީއެވެ.

ބީބީސީ އިން މިހާރު ވަނީ ފިލިޕްގެ ހަނދާނުގައި ހާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފައެވެ. އެޑޮކިއުމެންޓްރީގައި ފިލިޕްގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ރާނީގެ ފިރިކަލެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ކަންތައްތައް ހިނގަމުން ދިޔަ ގޮތް ގެނެސްދޭނެއެވެ.