ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ލިއޮނަލް މެސީ ޕެރިސްގައި ދިރިއުޅެމުން އަންނަ ހޮޓަލުން ބަޔަކު ވައްކަން ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މެސީ ދިރިއުޅެމުން އަންނަ ހޮޓަލުން ވައްކަން ކޮށްފައިވަނީ މާސްކު އަޅައިގެން ތިބި ބަޔަކެވެ. އެގޮތުން އެމީހުން އެ ހޮޓަލަށް ވަދެ ގިނަ އަދަދެއްގެ ފައިސާއާއި ރަން ފަދަ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

މެސީ ދިރިއުޅެމުން އަންނަ ހޮޓެލް ކަމަށްވާ 'ލެ ރޯޔަލް މޮންކިއު" އަށް ވަގުން ވަދެފައިވަނީ އެތަނުގެ އެންމެ މަތިން ކަމަށާއި ހޮޓަލުގައި ހުރި ހަތަރު ކޮޓަރިއަކަށް ވަދެފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެތަނަށް ވަގުން ވަދެފައިވަނީ މެސީ އެތަނަށް ބަދަލުވެގެން ބެލްކަނީގައި ހުރެ ސަޕޯޓަރުންނަށް ފެނިލިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި ވަގުން ވަދެފައިވާ ރެއަކީ ޕީއެސްޖީ މެޗެއް ވެސް ކުޅުނު ރެއެކެވެ. އެހެން ނަމަވެސް ލިބުނު އަނިޔާގެ ސަބަބުން އެދުވަހުގެ މެޗަށް މެސީ ހާޒިރުނުވެ އޭނާ ހުރީ ހޮޓަލުގައެވެ.

ހަތަރު ކޮޓަރިއަކަށް ވަގުން ވަދެފައިވާއިރު، އޭގެ ތެރޭގައި މެސީ ދިރިއުޅޭ ކޮޓަރ ނުހިމެނޭ ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި މީހަކު ބުނީ، އޭނާގެ ކޮޓަރިން 3،000 ޕައުންޑުގެ ކަރުގައި އަޅާ ރަން ފަށަކާއި، 500 ޕައުންޑުގެ ކަންފަތުލާ އެއްޗެއްގެ އިތުރުން 2000 ޕައުންޑް ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، ސީސީޓީވީ ކެމެރާ ބެލިއިރު، މާސްކު އަޅައިގެން ތިބި ދެ މީހަކު ހޮޓަލަށް ވަންނަ މަންޒަރު ފެންނަ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންބައެއް ކަން އަދި އެނގިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.