ކޮއްކޮގެ ފުރާނަނެތް ހަށިގަނޑުގެ އެންމެ ކައިރީގައި އަހަރެންވެސް ހުރީމެވެ. ކަރުނަތައް ޖަމާވެފައިވާ ލޮލުން ފުސްކޮށް ކޮއްކޮގެ ކަފުންލެވިފައިވާ ހަށިގަނޑު ފެނެއެވެ. އެންމެ ފަހުފަހަރަށް ކޮއްކޮގެ ހަށިގަނޑުގައި ބައްދާލީމެވެ. ކޮއްކޮގެ ޒަހަމްވެފައިވާ މޫނު ފެނިފައި އަހަރެންނަށް ރޮއެގަނެވުނެވެ. މަންމަ އަހަންނަށް ހިތްވަރު ދިނެވެ. ނަމަވެސް އަހަންނަށް ދުވަހަކުވެސް ހިތްހަމަ ޖެހުމެއް ލިބޭނެ ހެއްޔެވެ؟ ކޮއްކޮ މަރުވީ އަހަރެންގެ އިހުމާލުންނެވެ. އަހަރެން ކޮއްކޮއަށް ސަމާލުކަން ދިންނަމަ އެހެނެއް ނުވީހެވެ.

ކޮއްކޮ ކައްވަޅުގެތެރެއަށް ތިރިކުރަމުން ދިޔައިރު އަހަރެންނަށް ހަނދާންވަމުން ދިޔައީ މިއަދު ހެނދުނު ކަންތައްވީގޮތެވެ. އަދި މިއަދާ ހަމައަށް އަހަންނަށް ކޮއްކޮއާއިމެދު ކަންތައް ކުރެވެމުން އައި ގޮތެވެ. އަހަރެންނަށް 8 އަހަރު ވީ ތަނާހެން މަންމަމެން އަބަދުވެސް ގެއަށް އަންނަން އުޅޭ އާމެހެމާނަކަށް ކަންތައްތައް ތައްޔާރު ކޮށްދޭން ފަށައިފިއެވެ. އަބަދުވެސް އޭނާގެ ހެދުންތަކާއި، އޭނާއަށް ބޭނުންވާނެ ސާމާނުތައް ތައްޔާރު ކުރަން ފަށައިފިއެވެ. އާއެކެވެ. އަހަންނަށް ކޮއްކޮއެއް ލިބެނީއެވެ.

ކޮއްކޮ ލިބުމުން އެންމެންގެ ސަމާލުކަން އަހަންނަށް ވުރެ ބޮޑަށް ލިބެންފެށީ ކޮއްކޮއަށެވެ. ކަންމިހެންވުމުން ކޮއްކޮދެކެ އަހަރެން ހަސަދަވާން ފެށިއެވެ. އަހަރެންނަކީ ފިރިހެން ކުއްޖަކަށްވާތީ އަމުދުން ކޮއްކޮއާއިއެކު ކުޅެ މަޖާކުރަން ފޫހިވިއެވެ. އަހަރެންގެ އުފަލަކަށްވީ ކޮއްކޮ ރޮއްވުމެވެ. ހިތްހަމަޖެހުމަކަށްވީ ކޮއްކޮގެ ރުއިމުގެ އަޑެވެ. މަންމަ އަހަންނަށް ނަސޭހަތް ދެއެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ރަހުމެއް ނުވަދެއެވެ. އަހަރެން ކޮއްކޮ އަށް ކިތަންމެ އުނދަގުލެއް ކުރިނަމަވެސް ކޮއްކޮ އަހަރެންދެކެ ވަރަށް ލޯބިވާކަން ހުދު އަހަންނަށްވެސް އެނގެއެވެ.

މިއަދު ހެނދުނު މަންމައާއި ބައްޕަ ސްކޫލްގައި އޮތް ބައްދަލުވުމަކަށް ދަމުން އަހަންނާއި ކޮއްކޮ ހަވާލުކުރިއެވެ. ކޮއްކޮ ނުރޮއްވުމަށާއި ކޮއްކޮއަށް ބަލައިގެން އުޅުމަށް މަންމަ އަހަރެންގެ ކައިރިން އެދުނެވެ. މަންމަ މެން ދިއުމުން އަހަރެން ސިޓިން ރޫމަށް ގޮސް ޓީވީ ހުޅުވާލީމެވެ. އެވަގުތު ކޮއްކޮ އައިސް އަހަރެން ގާތުގައި އެދުނީ ކޮއްކޮއާއިއެކު ޓެރަސް އަށް ދިއުމަށެވެ. އެތަނުގައި ހުރި ގަސްތަކަށް ކޮއްކޮ ފެންދޭން ބޭނުން ވެގެނެވެ. އަހަރެން ކޮއްކޮގެ ބަސް އަޑު އިވުނު ކަމަށް ވެސް ނުހަދަމެވެ. އެހެންކަމުން ކޮއްކޮ ޓެރަސް އަށް އެކަނި ދިޔައެވެ.

ކޮއްކޮ ދިއުމުން އަހަރެންގެ ހިތަށް ނޭންގޭ ބިރުވެރި ކަމެއް ވެރިވާންފެށިއެވެ. ކޮންމެސް ބޮޑުކަމެއް ވާން އެބަ އުޅެއޭ ހިތްބުނަން ފަށައިފިއެވެ. އަހަރެން ޓީވީ ނިއްވާލުމަށްފަހު ޓެރަސް އަށް ދިޔައީމެވެ. ކޮއްކޮ އަހަރެން ފެނުމުން ހީލިއެވެ. އަހަންނަށްވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެއީ އަހަރެން ކޮއްކޮއާއި ދިމާލަށް ހީލި ފުރަތަމަ އަދި ފަހު ފަހަރެވެ.

އަހަރެން ގޮނޑި މަތީގައި އޮތް ނޫސް ނަގައިގެން ކިޔަންފެށީމެވެ. އޭރު ކޮއްކޮ ހުރީ ފުއްޕާ ހަމެއް ހިފައިގެން ކުޅޭށެވެ. ކުއްލި އަކަށް އިވުނީ ކޮއްކޮގެ ހަޅޭކުގެ އަޑެވެ. އަހަރެން ބަލައިލި އިރު ކޮއްކޮ ރެއިލިން މަތިން ވެއްޓެނީއެވެ. ކޮއްކޮ ބިންމަތީގައި ޖެހި ލޭތައް ބުރައިގެން ދިޔައެވެ. އަހަރެންނަށް ހަދާނެ ގޮތްހުސްވިއެވެ. އެވަގުތު މަގުމަތީގައި ހުރި އަހަރެންގެ ބޮޑުބޭބެ ކޮއްކޮ ހޮސްޕިޓަލަށް ގެންދިޔައެވެ. އިރުކޮޅަކުން އާއިލާގެ އެންމެން ހޮސްޕިޓަލަށް ޖަމާވާން ފެށިއެވެ. އަހަރެންނަށް ހުރެވުނީ ގަބުވެފައެވެ. ކަންތައްތައް ވީލެއް އަވަސް ކަމުންނެވެ.

ކޮއްކޮގެ ޖަނާޒާގެ ކަންތައް ނިމިއްޖެއެވެ. ގެއަށް އައިސް އަހަރެން ކޮއްކޮގެ ކޮޓަރިއަށް ވަނީމެވެ. މުޅި ގޭތެރޭގައި ވަނީ ފަޅުކަމެވެ. ކޮއްކޮގެ ބޭނުންތެރިކަން އަހަރެންނަށް އިހުސާސްވީ އެ މައުސޫމް ފުރާނަ މިދުނިޔެއާއި ވަކިވުމުންނެވެ. އަހަރެން ކޮއްކޮގެ ފޮތް އަލަމާރި ހުޅުވާލީމެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މުށި ކުލައިގެ ބޭރުގަނޑެއް ލެވިފައިވާ ފޮތެކެވެ. އަހަރެންގެ ފޮޓޯއެއް ފުރަތަމަ ގަނޑުގައި ހަރުކޮށްފައިވާ އެފޮތުގައި ވަނީ ކޮއްކޮ އަހަރެންދެކެ ލޯބިވާވަރު ހާމަކޮށް ކޮއްކޮ ލިޔެފައިވާ ލޯބި ލޯބި ޖުމްލަތަކެވެ. އެންމެ ފަހު ސަފްހާގައި ވަނީ ކޮއްކޮ އަހަރެންދެކެ ލޯބިވާއިރުވެސް އަހަރެން ކޮއްކޮދެކެ ލޯބި ނުވާ ވާހަކައެވެ. އަހަރެން ކޮއްކޮ ރޮއްވާ ވާހަކައެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ނޫނެކެވެ. ކޮއްކޮދެކެ އަހަރެންވެސް ވަރަށް ލޯބިވެއެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުއްތު

    ????

    17
  2. ހިދަތި

    ????????????????????????????????????????????

  3. އާދަމް ޒާހިރު

    ވަރަށް ރީތި ގެތުމެއް. ވަރަށް މޮޅު ސިފަކުރުމެއް. ވަރަށް ހިތްގައިމު ކުރުކުރު ބުނެދިނުމެއް. ރޮވިއްޖެ. އަދި އެތައް ޙާދިސާއެެއް ކުރިމަތީ ކުރެހިއްޖެ. ޙަޤީޤަތެއްކަމުގައި ހީވާހާ މޮޅު. އައްސަރިބަސް. ކުރޮޅި މުދައްރިސް.