ވަރުން ދަވަން އަކީ އަންހެން ކުދިންގެ މެދުގައި މަގުބޫލް ރީތި ފަންނާނެކެވެ. އޭނާ އަށް ލިބިފައިވާ ރީތިކަމާއި އޭނާގެ ކެރެކްޓާ އަކީ ގިނަ އަންހެން ކުދިންނަށް ކަމުދާ ގަޔާވާ ސިފަތަކެކެވެ. ވަރުން ލިބުމަށް އެދޭ އަންހެން ކުދިން ނުލާހިކު ގިނައެވެ. އެކަން އޭނާ ބޭރުގައި އުޅޭއިރު އަންހެން ކުދިންގެ ކިބައިން އެތަށް ފަހަރަކު ފެނެއެވެ.

ނަމަވެސް ވަރުން ލިބުމަށް އެދެމުންދާ އަންހެން ކުދިންނަށް މިއީ ހިތާމަވެރި ޚަބަރެކެވެ. ވަރުން ދަވަން މި އަހަރު އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި ކައިވެނި ކުރަނީއެވެ. ނަތާޝާ އާއި ވަރުންނަކީ ސްކޫލް ދައުރުއްސުރެ ލޯބީގެ ގުޅުން ބާއްވަމުން އަންނަ ދެ މީހުންނެވެ. އެދެމީހުން ރުޅިވާ ވާހަކަ ދޭތެރެ ދޭތެރެ އިން މީޑިޔާގައި ދެކެވުނު ނަމަވެސް މިއަހަރު އެމީހުން ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށް އަޑުތަށްވަނީ އަރައިފައެވެ.

މީގެ މަހެއްކުރިންވެސް ވަނީ މި ދެލޯބިވެރިން ރުޅިވިކަމަށް އަޑުތަށް އަރައިފައެވެ. އެއީ ނަތާޝާ ވަރުންނާއި އެކީގައި އަނިލް ކަޕޫރުގެ ދިވާލީ ޕާޓީއަށް ދާން ހުރިހާކަމެއް ނިމިފައި އޮއްވައި އެ ޕާޓީއަށް ވަރުންނާއި އެކީ ނުގޮސް ނަތާޝާ އޭނާގެ ރައްޓެހިންނާއި އެކީގައި ތައިލޭންޑަށް ޗުއްޓީއަށް ދިޔުމުންނެވެ.

އަދި ވަރުންގެ ޝެޑިއުލް ބިޒީކަމުންނާއި ނަތާޝާއަށް ވަގުތު ނުދެވޭތީ އެދެމީހުންގެ ގުޅުން އެއްކޮށް ކަޑާލާފައިވާކަމަށް ވެސް ޚަބަރު ފެތުރިފައިވެއެވެ. ނަމަވެސް ވަރުން މިހާރުވަނީ އަމިއްލަ ގެއެއް ގަނެ އެގޭގައި ދިރިއުޅެން ފަށާފައެވެ. މި ދެތަރިންވަނީ މީގެ 3 ހަފްތާކުރިން އެކުގައި ފިލްމް ބެލުމަށް ސިނަމާއަށް ގޮސް އުޅެނިކޮށްވެސް ފެނިފައެވެ. އަދި އެމީހުން މީޑީޔާއަށް ފިލަން އުޅެފައެއްވެސް ނުވެއެވެ.

މީގެ ދުވަސްކޮޅެއްކުރިން ވަރުން ކައިރީގައި އޭނާ ކައިވެނިކުރާނީ ކުޑަ ކުޑަ ޕާޓީއެއް ބާއްވާފައިތޯ ސުވާޅުކުރުމުން އޭނާ ބުނީ އޭނާ ބޭނުމީ ވަރަށް ކުޑަ ކުޑަ ޕާޓީއެއް ބާއްވައިގެން ދައުވަތުދެވޭ މަދު މީހުންކޮޅެއް ގެނެސްގެން ކައިވެނިކުރާށެވެ. ނަމަވެސް އޭނާ ބުނީ އޭނާގެ އާއިލާއަކީ ޕަންޖާބީ ބައެއްކަމުން އޭނާގެ މައިންބަފައިން ބޭނުންވާނީ ބޮޑު ހަފްލާއެއް ބާއްވަން ކަމަށެވެ.

ވަރުންނާއި ހަވާލާދީ އޭނާގެ ގާތް ފަރާތެއް މީޑިޔާއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ވަރުންނާއި ނަތާޝާ މިއަހަރުގެ ތެރޭގައި ކައިވެނި ކުރުމަށް ނިންމާފައިވާކަމަށާއި މިހާރު އެކަމަށް ކުރަންޖެހޭ ތައްޔާރީތަކާއި ގުޅޭ ގޮތުން ދެފަރާތުގެ އާއިލާއިން މަސްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.