ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ކައިވެންޏަކީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައި ކައިވެންޏެކެވެ. ކައިވެނި ކުރި ރަސްމިއްޔާތަކީ އެހައިތަނަށް ދުނިޔޭގައި އެންމެ ގިނަ ބަޔަކު ޓީވީން ބެލި އެއްއިވެންޓަށް ވެގެން ދިޔައެވެ. ނަމަވެސް އެކައިވެންޏަކީ ރީތި ލޯބީގެ ވާހަކައަކަށް ނުވިއެވެ. ދެކަނބަލުންގެ ދޭތެރޭގައި މައްސަލަ ޖެހި ފަހުން ކައިވެނި ރޫޅިގެން ދިޔައީއެވެ.

މިހާތަނަށް އެންމެ ގިނަ ލިޔުންތަކާއި އަދި މަންޒަރު ފެނުނު މީހުންގެ އިންޓަވިއުތަކަށް ބަލާފައި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޗާލްސް އާއި ޑަޔާނާގެ ކައިވެނި ރޫޅިގެން ދިޔައީ ޗާލްސްގެ މިހާރު އަނބިކަނބަލުން ކެމިއްލާ އާއި ޗާލްސް ސިއްރު ލޯބީގެ ގުޅުމެއް ބޭއްވިކަން ޑަޔާނާއަށް ބޭޒާރުވުމުންނެވެ.

ނަމަވެސް ޑަޔާނާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް "ސީއެންއެން" އިން ތައްޔާރުކުރާ ޑޮކިއުމެންޓްރީއަކަށް މައުލޫމާތުދިން ޗާލްސްގެ ކުރީގެ ބޮޑީގާޑެއް ކަމަށްވާ އެލެން ޕީޓާ ދިން އިންޓަވިއުއެއްގައި ބުނީ ޗާލްސް އާއި ކެމިއްލާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުމުގެ ކުރިން ޑަޔާނާ ވަނީ މީހަކާއިއެކު ލޯބީގެ ގުޅުމެއް ބާއްވާފައެވެ.

ނުވަ އަހަރު ވަންދެން ޗާލްސްގެ ބޮޑީގާޑާކަށް ގުޅުނު ޕީޓާ ބުނާ ގޮތުގައި ޑަޔާނާ ޗާލްސް އާއި ކައިވެނި ކޮށްގެން ހުރެ ލޯބީގެ ގުޅުމެއް ބޭއްވީ ޑާޔާނާގެ ބޮޑީގާޑަކަށް އުޅުނު ބެރީ މެނާކީ ނަމަކަށް ކިޔާ މީހަކާއިއެވެ.

ޑަޔާނާ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެސް އޭނާ އަށް އުމުރުން 24 ނުވަތަ 25 އަހަރުގައި މީހަކުދެކެ ވަރަށް ބޮޑަށް ލޯބިވެވުނު ކަމަށާއި ނަމަވެސް އެލޯބީގައި ހަގީގީ ކުލަ ނުޖެހުނު ކަމަށް ބުނެފައި ވެއެވެ. އެންމެ ލޯބިވި މީހާއާއި ކައިވެނި ނުކުރެވުނު ނަމަވެސް އެއީ އުމުރު ދުވަހަށް ދެމިގެން ދާނެ ރަނގަޅު ރަހުމަތްތެރިޔަކަށް ވެގެން ގޮސްފައިވާ ކަމަށް ޑަޔާނާ ބުނެފައި ވެއެވެ. ޑަޔާނާ ޗާޕްސް އާއި ކައިވެނި ކުރީ އުމުރުން 25 އަހަރުގައެވެ. އެހެންކަމުން ޑަޔާނާ އަށް އެންމެ ލޯބިވި މީހާދެކެ އެވަރަށް ލޯބިވެވުނުއިރު އޭނާ ހުންނާނީ ޗާލްސް އާއި ކައިވެނި ކޮށްގެން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެއަކަސް ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ ބޭވަފާތެރިވުމެވެ. ކުރިން ބޭވަފާތެރިވީ ކާކުތޯ ކުރެވޭ ސުވާލަށް ސައްތައިން ސައްތަ ޖަވާބެއް ދޭކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ބޭވަފާތެރިވީ ޗާލްސް. ޗާލްސް ގެ މިހާރުގެ އަނބިކަނބަލުންނާއި ލޯބީގެ ގޮތުން ގުޅިވަޑައިގަތީ ޑަޔަނާއި ކައިވެނި ކުރައވައިގެން ހުންނަވައިގެން. އެކަން ޑަޔާނާ އަސް އެގިވަޑައިގަތުމުން ޑަޔާނާ ޗާލްސްއަރިހުންވަރިވެ ވަޑައިގަތީ. އޭގެ ފަހުގަ ދުވަސްތަކަކށްފަހު ޑޯޑީ އަލްފާއިދު ކިޔާ މުސްލިމް ފިރިހެނަކާއި ރައތްހިވެ ކައިވެނިކުރަން ނިންމެވީ.