އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ސިއްހީ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށާއި އިތުރު ދެހަފްތާ ދުވަހު އަދިވެސް އަރާމު ކުރަން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރާނީގެ ރަސްމީ ގަނޑުވަރު ކަމަށްވާ ބަކިންހަމް ޕެލަސް އިން ހުކުރު ދުވަހު ބުނީ ޑޮކްޓަރުންގެ އެދިވަޑައިގަތުމާއި އެއްގޮތައް ރާނީ ކުރިއަށް އޮތް ދެހަފްތާގައި ވެސް ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

އުމުރުފުޅުން 95 އަހަރުގެ ރާނީގެ ގިނަ ބައްދަލުވުންތައް ކޮވިޑާއި ގުޅގެން ބާއްވަމުން އަންނަނީ ވެސް އޮންލައިންކޮށެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފައާއި އެއްގޮތައް އަރާމު ކުރައްވަން ވަގުތު ހުސްކުރެއްވުމަށްޓަކައި އޮންލައިން ބައްދަލުވުންތަކުގައި ވެސް އެކަމަނާ ބައިވެރިއެއް ނުވާނެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ހަނދާންތައް އާކުރަން ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު ބާއްވާ ހަފްލާއެއްގައި ރާނީ އެލިޒަބަތު ބައިވެރިވާ ގޮތައް ކުރިން ތާވަލް ކުރެވުނެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ ރާނީ އެބައްދަލުވުމުގައި ބައިވެރިނުވާ ގޮތަށެވެ.

މާދަމާ ގްލަސްގޯގައި ފަށާ އދ.ގެ ތިމާވެށީގެ ބައްދަލުވުމުގެ ބައެއް ހަރަކާތްތަކުގައި ރާނީ އެލިޒަބަތު ބައިވެރިވާ ގޮތައް ވެސް ކުރިން ހަމަޖެއްސިއެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ އެއިން އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރި ނުވާށެވެ.

ރާނީ އެލިޒަބަތުގެ ސިއްހީ ހާލަތު ހުރި ގޮތުން ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިނުވާތާ މިހާރު ވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާނީ އަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައިގެ ތަފްސީލެއް ޝާހީ އާއިލާ އިން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ އެކަމަނާގެ އާލާސްކަންފުޅާއި ކޮވިޑާއި ގުޅުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހާސްކަނޑާލަ! ތަޚްތާ ހަވާލުވާން ބޭނުން މީހާ މިކޮޅުން ނައްޓާލާފި!

    6
    3
  2. އަލްޖިބްރާ

    ތިޔަމީހާގެ ދުވަސްވެސް ގާތްވަނީ ކަންނޭގެ !