އިންޑިޔާއަކީ އަންހެނުންނަށް ނުރައްކާތެރި ޤައުމެއްކަމަށް، އެތައް ފަރާތަކުންވަނީ ކަނޑައަޅާފައެވެ. މިކަން، ކޮންމެ ދުވަހެއްގެވެސް ނޫސްތަކުގެ ފަލަ ސުރުޚީތަކުން އެނގެއެވެ. އަންހެނުންނާއި އަންހެން ކުދިން ރޭޕުކުރުމާއި، އެނޫންވެސް އަނިޔާތައް ދިނުން އަދި ރަހީނުކުރުމުގެ ކަންތައްތަކަކީ، އެޤައުމުގައި ކޮންމެ ދުވަހަކުވެސް ހިނގާ ކަންކަމެވެ.

ނިމިގެން މި ދާ ހަފްތާއެއްގެ ރެއެއްގައި، ޓެކްސީ އަކަށް އެރި އަންހެނަކު ރަހީނުކުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ. އޮންލައިން އެޕްލިކޭޝަނެއްގެ ޒަރީއާއިން ހޯދި މި ޓެކްސީ އަށް، 30 އަހަރުގެ މި އަންހެން މީހާ އަރާފައިވަނީ ބެންގަލޫރުގެ އެއަރޕޯޓަށް ދިއުމަށެވެ.

ޓެކްސީ އަށް އެރުމުން، ޑްރައިވަރު ދުއްވަން ފަށާފައިވާއިރު، އޭނާ އެއަރޕޯޓަށް މަޑު ނުކުރާކަން ވަނީ އަންހެން މީހާއަށް ފާހަގަކުރެވިފައެވެ. އަދި، އެއަރޕޯޓު ދޫކޮށް ދަމުން، ކާރުގެ ދުވެލި ވަނީ އެތައް ތަނެއް ބާރުކޮށްފައެޗެ. މިިކަމުގެ ސަބަބުން، ކޮންމެވެސް ނުބައެއް އުޅޭކަން، އަންހެން މީހާއަށް ވިސްނުނެވެ. އަދި، ޓެކްސީގެ ބިއްލޫރި ގަނޑުގައި ބާރަށް ތަޅަން ފެށިއެވެ. ހަމައެހެންމެ، ލެވުނު އެންމެ ބާރަކަށް ހަޅޭ ލަވައި، ކައިރިން ސައިކަލުގައި ދަތުރުކޮށްފައި ދިޔަ މީހުންގެ ސަމާލުކަން ވަނީ ހޯދާފައެވެ.

ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ސަމާލުކަން ލިބި، އަންހެން މީހާވަނީ ސަލާމަތްވެފައެވެ.

އަންހެން މީހާ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަވެސް ކާރަށް އެރުމުން، ކަންބޮޑުވިއެވެ. ސަބަބަކީ، ކާރު ތެރެއިން ބަނގުރާގެ ވަސް ދުވާތީކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި، ކާރު ތެރޭގައި ހުރި ލޯގަނޑަކުން ޑްރައިވަރު ވަރަށް ގިނައިން ބަލަމުން ދިޔަކަމަށާއި، އެހެންކަމުން ޝޯލަކުން މޫނު ފޮރުވުމަށްފަހު، ނިދަނީކަމަށް ހެދީކަމަށްވެސް ބުނެފައިވެއެވެ.

މި ޓެކްސީ ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ އުމުރުން 28 އަހަރުގެ، ސުރޭޝް ކުމާރު ނަމަކަށް ކިޔާ މީހެކެވެ.