ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. މީހަކު ދެކެ ލޯބިވެވިއްޖެ ނަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ވެސް ހިނގީ މިފަދަ ކަމެކެވެ. ލޯބިވެރިޔާއާއި އަލުން ގުޅެން ބޭނުން ވުމުން އެހީއަށް އެދި ގުޅީ ފުލުހުންނަށެވެ.

މަދްޔަ ޕްރަދޭޝްގެ ޗިންދުވާރާ އަވަށުގެ އަންހެނަކު ސަރާނީ އަވަށުގެ ފިރިހެނެއް ދެކެ ލޯބިވެގެން ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ފިރިހެން ކުއްޖާގެ އުފަންދުވަހު އަންހެން ކުއްޖާއަށް އުފަންދުވަހުގެ ތަހުނިޔާ ނުކިޔުމުން މި ގުޅުން ކެނޑުނީ ކަމަށް ''ފުރީ ޕްރެސް ޖާނަލް'' ގައި ލިޔެފައިވެއެވެ.

އުފަންދުވަހުގެ ތަހުނިޔާ ނުކިޔުމުން ދެމީހުންގެ ދެމެދުގައި އަރާރުންވުމެއް ދިޔައެވެ. އަދި އޭގެ ފަހުން ފިރިހެން ކުއްޖާ އަންހެން ކުއްޖާއާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ.

ލޯބިވާ މީހަކު ވާހަކަ ދެއްކުން ހުއްޓާލީމަ އޭނާއާ ވާހަކަ ދެއްކުމަށް ކުރެވޭނެ ހުރިހާ ކަމެއް އަންހެން ކުއްޖާ ކުރިއެވެ. އެތައް މަސައްކަތަކަށް ފަހު ވެސް ފިރިހެން ކުއްޖާއާ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

އެހެންކަމުން ފިރިހެން ކުއްޖާއާއި ވާހަކަ ދެއްކުމަށް އެހީތެރި ކަމަށް އެދި އަންހެން ކުއްޖާ ގުޅީ ފުލުހަށް ކަމަށްވެއެވެ.

ފުލުހުން ވަނީ ފިރިހެން ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެނެސް، އަންހެން ކުއްޖާއާއި ދެމީހުންނަށް އެތައް އިރެއް ވަންދެން ކައުންސެލިން ދީފައެވެ.

ފުލުހުންގެ މަސައްކަތާއި އެކު މި ދެލޯބިވެރިން އަލުން ގުޅުނެވެ. އަދި ފުލުހުން ވަނީ އެ ދެމީހުން އަވަހަށް ކައިވެނި ކުރުމަށް ވެސް އެދިފައެވެ.

މައިންބަފައިންގެ ގަބޫލުގައި މިހާރު މި ދެލޯބިވެރިން ވަނީ ކައިވެނި ވެސް ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޯބި ލިބޭތޯ ޖެހީމޭ ސަލާން

    ގަދަ އިނގޭ..ނަސީބެއް ކޯޓާ ހަމައަށް ނުދިޔަކަން..