އިންސާނުން ލައްވާފައިވަނީ އެކި ސިފަ ސިފައިގައެވެ. ބައެއް މީހުންނަކީ ދޮން މީހުންނެވެ. އަނެއް ބަޔަކީ ކަޅު މީހުންނެވެ. ހަމައެހެންމެ، ދިގު މީހުންނާއި ކުރު މީހުންވެސް ލައްވާފައިވެއެވެ.

އަވަށްޓެރި އިންޑިޔާގެ ޕަންޖާބު ސްޓޭޓުގެ އަވަށަކަށް ނިސްބަތްވާ މި މީހާއަކީ އުފެދުމުގައިވެސް ކުރު މީހެކެވެ. އުމުރުން މިހާރު 22 އަހަރު ވެފައިވާއިރު، ހަށިގަނޑުގެ ހެދި ބޮޑުވުން ވަނީ އުމުރުން ހަ މަހުގައި ހުއްޓިފައެވެ.

މަންޕްރީތު ސިންގް ނަމަކަށް ކިޔާ މި މީހާގެ އިސްކޮޅުގައި ހުންނަނީ 23 އިންޗިއެވެ. އަދި ބަރުދަނުގައި ހުންނަނީ 6.80 ކިލޯ ގުރާމެވެ. މިކަމުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އޭނާ ބަލާލުމަށް އަންނަކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، އޭނާގެ އުމުރުން 12 އަހަރުން ފެށިގެން، އެކި ހިސާބުތަކުން، އޭނާ ދެކިލުމަށް މީހުން އަންނަކަމަށްވެއެވެ.

އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިފުޅަކީ އެހެން މީހުންނަށްވުރެ ކުރުކޮށް ހުންނަ މީހަކަށްވުމުން ގަނާ (ބުލީ) ކުރުންފަދަ ކަންކަމެއްވެސް ނުކުރެއެވެ.

މަންޕްރީތުގެ އާއިލާގެ މެންބަރުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އޭނާއަކީ ވާހަކަ ދެއްކުމުންވެސް މަހުރޫމުވެފައިވާ މީހެކެވެ. މަދު ބަސް ތަކެއް ނޫނީ، އޭނާއަށް ނުބުނެވޭކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އަދި، ފައިގެ ހަރަކާތް ކުރުން ހުއްޓާލީ، އުމުރުން އެންމެ ތިން މަހުގައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

އޭނާގެ މައިންބަފައިން ކިޔައިދީފައިވާ ގޮތުގައި، މަންޕްރީތަކީ ޞިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮކަންމަތީ އުފަންވި ކުއްޖެކެވެ. އަދި، ކުރިންވެސް ފާހަގަކޮށްފައިވާ ގޮތަށް ހަ މަހުގައި ހަށިގަނޑުގެ ތަރައްޤީވުން ހުއްޓުނެވެ. އެހެންނަމަވެސް، އެކަން ބަލައި، އެކަންކަމަށް ފަރުވާ ކުރާނެހާ ތަނަވަސްކަމެއް، އެ އާއިލާގެ ކިބައިގައި ނެތެވެ.

އެހެންކަމުގައިވިޔަސް، ބައެއް ޑޮކްޓަރުންނަށް ދައްކާ ބައެއް ފަރުވާތައް ހޯދާފައިވެއެވެ. އެގޮތުން، އެއީ ތައިރޮއިޑުގެ މައްސަލައެއްގައި ސަބަބުން ކުރިމަތިވާ ކަމެއްކަމަށް، އެއް ޑޮކްޓަރަކު ބުނިކަމަށްވެސްވެއެވެ. ހަމައެހެންމެ، އެކަމަށް ހައްލު ހޯދުމަށް ބޭސް ބޭނުންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، އެއީ ޖެނެޓިކް ޑިސްއޯޑަރ އެއްގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށްވެސް، ޑޮކްޓަރަކު ބުނިކަމަށް ބުނެފައިވެއެވެ.

މަންޕްރީތުގެ އެއްބަނޑު އެއްބަފާ އިތުރު ދެ ކުދިންވެސް ތިބެއެވެ. އެއީ އޭނާގެ ދެ ކޮއްކޮ ކަމުގައިވާއިރު، އެކުދިންގެ ކިބައިގައި އެފަދަ އެއްވެސް މައްސަލައެއް ނެތެވެ.