ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ހަނީމޫނަށް ފަހު ރާއްޖެއިން މިއަދު ފުރައިފިއެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައި ވަނީ މިމަހުގެ ނުއަވަނަ ދުވަހު އެވެ. އަދި ދިހަވަނަ ދުވަހު ކެޓްރީނާ އާއި ވިކީ ވަނީ ރާއްޖެއަށް ހަނީމޫންއަށް އައިސްފައެވެ. ޕްރައިވެޓް ޖެޓެއްގައި މިދެތަރިން ރާއްޖެއައިއިރު މި ޖެޓް ޖައްސާފައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި ދެތަރިން ހަނީމޫނަށް ރާއްޖެ އައިސްފައި ވަނީ ސިއްރުންނެވެ. އަދި މި ދެތަރިންގެ ކުރު ހަނީ ދަތުރު ހޭދަކޮށްފައި ވަނީ ރަންދެލި ރިސޯޓްގައެވެ.

ކެޓްރީނާ އާއ ވިކީ ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ދިއުމަށް ފުރާފައިވާއިރު، މިދެމަފިރިން ރާއްޖެއަށް ނާންނާނެ ކަމަށްވެސް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރިއެވެ.

މި ދެތަރިން ރާއްޖެ އައި ނަމަވެސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު، ނަގާފައިވާ އެއްވެސް ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަރަށް ސިއްރުން ބޭއްވި ހަފްލާއެއްގައި ކެޓްރީނާ އާއި ވިކީ ކައިވެނިކުރިއިރު މި ދެތަރިން ކައިވެނި ކުރާނެ ކަމުގެ އަޑުތައް ގަދަވި ނަމަވެސް، އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެކަން ކަށަވަރުނުކޮށްދޭކަން ފާހަގަ ކުރެވެއެވެ. ކައިވެނީގެ ހަފްލާ ތެރެއިން ނަގާފައިވާ ރީތި ފޮޓޯތަކެއް ކައިވެނި ކުރި ދުވަހު ކެޓްރީނާ އާއި ވިކީވެސް ވަނީ މީސް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކޮށްފައެވެ.