އިންޑިއާގެ ކުޅަދާނަ ފިލްމީ ތަރި އަކްޝޭ ކުމާރް އާއި އޭނާގެ އަނބިމީހާ ޓްވިންކަލް ކަންނާ ޗުއްޓީއަށް ރާއްޖެއަށް އަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ދެ ތަރިން ރާއްޖެ އައީ ޓްވިންކަލް ކަންނާގެ 48 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. މާދަމާ ޓުވިންކަލްގެ އުފަންދުވަސް ފާހަގަކުރާއިރު، އަންހެން ދަރިފުޅު ނިތާރާ ވެސް ގެނައެވެ.

އަކްޝޭ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓުގައި ބައިސްކަލް ދުއްވަން އިން ވީޑިއޯއެއް ޝެއާކޮށްފައި ވެއެވެ.

މި ވީޑިއޯގައި އަކްޝޭ ހުރީ ގަދަ ޓްރޮޕިކަލް ޕްރިންޓް ގަމީހަކާއި ކުރު ސްކިނީއެއް ލައިގެންނެވެ. އަދި ވީޑިޔޯގެ ބެކްގްރައުންޑްގައި އޭނާގެ އެންމެ ފަހުގެ ރިލީޒް "އެޓްރަންގީ ރީ" ގެ ލަވައެއް ކަމަށްވާ "ރާއީތު ޒާރާ ސި" ކުޅޭއަޑުއިވެއެވެ.

ޓްވިންކަލް ވެސް ވަނީ ރާއްޖެއަށް އައިސް އޭނާގެ އުފަންދުވަސް ފާހަގަ ކުރުންތައް ފެށުނު ވާހަކަ ފޭނުންނާއި ހިއްސާކޮށްފައެވެ. ޓްވިންކަލްގެ އުފަންދުވަހާއި ދިމާކޮށް އަކްޝޭ ވަނީ ކުރިޔާލާ މަސައްކަތްތަކުންވެސް ޗުއްޓީއެއް ނަގައި އެކަމަށް ހުސްވެފައެވެ.

އަކްޝޭ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ ޑިޒްނީ+ ހޮޓްސްޓާއިން ސްޓްރީމްކުރާ އާނަންދް އެލް ރާއީގެ "އެޓްރަންގީ ރީ" އެވެ. ދަނުޝް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި އަކްޝޭ ކުޅެނީ ޖާދޫގަރެއްގެ ރޯލެވެ.