ޕައިލެޓުންގެ ހުވަފެނަކަށް ވެފައި އޮންނަ އެއް ކަމަކީ ދުނިޔެ ވަށައިގެން ބުރެއް ޖަހާލުމެވެ. މަދު ބަޔަކަށް އެކަން ކުރެވިފައިވާއިރު، މިއީ ދުނިޔެ ވަށައި ބުރު ޖަހާފައިވާ ދުނިޔޭގެ އެންމެ ހަގު ޕައިލެޓެވެ.

އުމުރުން 19 އަހަރުގެ ޒާރާ ރުތާފޯޑް ބުނެފައިވަނީ އެކަމަކީ އެއީ ހީކުރި ވަރަށްވުރެ ވެސް އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވުމުން އުފާވާ ކަމަށެވެ.

ދުނިޔެ ވަށައި ބުރެއް ޖެހުމަށް އޭނާ ދަތުރު ފަށާފައިވަނީ މީގެ ފަސް މަސް ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. އެދަތުރު އޭނާ ނިންމާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބެލްޖިއަމްގެ އަވަށެއް ކަމަށްވާ ކޯޓްރިކްގެ އެއާޕޯޓަކަށް ޖައްސައިގެންނެވެ.

އޭނާ ދުއްވާފައި ދިޔަ ފްލައިޓް އެއެއާޕޯޓަށް ޖެއްސިއިރު، ނޫސްވެރިންގެ އިތުރުން އޭނާ އަށް މަރުހަބާ ކިޔުމަށް އާއިލާގެ ގިނަ މެމްބަރުން ވެސް ވަނީ އެތަނަށް އެއްވެފައެވެ.

މި ދަތުރަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒާރާ ބުނެފައިވަނީ މި ދަތުރުގައި 30 ގައުމަކަށް އޭނާ މަޑު ކުރި ކަމަށެވެ.

ޒާރާ މިކާމިޔާބީ ހޯދާފައިވާއިރު، އޭނާ އަކީ ޕައިލެޓުންގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އެގޮތުން ޒާރާގެ މަންމަ އާއި ބައްޕަ މީގެ ކުރިން ފްލައިޓް ދުއްވާއިރު، ބައްޕަ ދުއްވާފައިވަނީ ބްރިޓިޝްގެ އަސްކަރިއްޔާ ބޯޓެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު