1994 ވަނަ އަހަރު "މިސް ވޯލްޑް"ގެ ޝަރަފު ހޯދި ކުޅަދާނަ ބޮލީވުޑް އެކްޓްރެސް އައިޝްވާރިޔާ ރައި ބައްޗަން އާއި އޭނާގެ ލޮލުގެ ކޮއިފަދަ ދަރިފުޅު އަރާދިޔާ ބައްޗަން އުފާވެރި ވަގުތުތަކެއް ޕެރިސްގައި ހޭދަކުރަމުންދާކަން އައިޝްވާރިޔާގެ އިންސްޓަގްރާމް އެކައުންޓް ހެކިދޭނެއެވެ. މިދުވަސްކޮޅު، މި ދެމައިން ޕެރިސްގައި ދިރިއުޅެމުންދާއިރު، އެއްދުވަހު އެއިފިލް ޓަވަރަށް ގޮއްސިއްޔާ، ޖެހިގެން އަންނަ ދުވަހު މިދެމައިންގެ މަންޒިލަކަށް ވަނީ ޑިޒްނީލޭންޑް ފަދަ ތަންތަނެވެ.

ދާދިފަހުން އައިޝްވާރިޔާ ވަނީ އެއިފިލް ޓަވަރު ކައިރި ހަވާ އަރުވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. އަދި އޭގެ އިތުރުން، އެދެމައިންގެ ރައިޑްއެއް ދައްކުވައިދޭ ފޮޓޯއެއްވެސް އޭނާވަނީ އާންމުކޮށްފައެވެ.

https://www.instagram.com/p/BlOrM9jFB8a/?utm_source=ig_embed

އައިޝްވާރިޔާގެ އެންމެ ފަހުގެ މި ދެ ޕޯސްޓުންވެސް އެދެމައިން ހޭދަކުރަމުންދާ އުފާވެރި ވަގުތުތައް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ހަމައެހެންވެ، އަރާދިޔާގެ މޫނުމަތިންވެސް ފެނިގެންދާ އުފާވެރި ހިނިތުންވުން ވެފައިވަނީ ގިނަބައެއްގެ ލޮލުގައި އަޅައިގަތް ކަމަކަށެވެ.

https://www.instagram.com/p/BlOtci9l5cH/?utm_source=ig_embed

 

އައިޝްވާރިޔާއާއި އެކްޓަރު އަބީޝެކް ވަރުމަން 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކައިވެނިކޮށްފައިވާއިރު، މިދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު އަރާދިޔާ ލިބިފައިވަނީ 2011 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހުގައެވެ. އޭގެފަހުން އައިޝްވާރިޔާވެސް ފިލްމުތަކާއި ކުޑަކޮށް ދުރުވެ، ދަރިފުޅާއިއެކު ގިނަ ވަގުތުތައް ހޭދަކުރުމަށް އިސްކަން ދޭ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މި އުފާވެރި ޗުއްޓީ ނިންމާލުމަށްފަހު އައިޝްވާރިޔާ އެނބުރި މަސައްކަތަށް ނިކުތުމަށްފަހު، އެނާގެ ކުރިއަށް އޮތް ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓްތަކުގެ މަސައްކަތްތައް ފަށަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ސްކްރީން ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އައިޝްވާރިޔާއާއިއެކު ފެނިގެންދާނީ އެކްޓަރު ރާޖް ކުމާރު ރާއޯއެވެ. އޭގެއިތުރުން، އެކްޓަރު އަނިލް ކަޕޫރްވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.