21 ވަނަ ގަރުނުގައިވެސް އަންހެނުންނަށް މައްސަލަތަކެއް ކުރިމަތިވެފައިވާކަމީ، ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ. މިކަން ކަން ހައްލުކުރުމަށް އެތައް ބަޔަކު މަސައްކަތް ކުރަމުންވެސްދެއެވެ. ހަމައެހެންމެ، އެކަންކަމުގެ ނަތީޖާވެސް ކޮންމެވެސް ސިފައެއްގައި ފެންނަމުންދެއޭ ބުނުމަކީ ދޮގަކަށްވެސް ނުވާނެކަން ޔަޤީނެވެ. މީގެއިތުރުން، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކަންކަން ކަށަވަރު ކޮށްދިނުމަށް އެތައް ފަރާތަކުން އެތައް މަސައްކަތެއްވެސް ދަނީ ކުރަމުންނެވެ.

މިކަން ކަން އިތުރުވެ، މުޖުތަމަޢުތަކުގައި އަންހެނުންނަށް އޮންނަ ބާރު ގަދަވަމުންދާއިރު، ފިރިހެނުންގެ ޙައްޤުތަކަށް ކޮންމެވެސް މިންވަރަކަށް ބުރޫ އަރަމުންދާކަމަށް، ދުނިޔޭގެ އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ. ހަމައެހެންމެ، އަންހެނުން ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން، ފިރިހެނުންނާ ދެކޮޅަށްވެސް އެތައް އަނިޔާއެއް ދެމުންދާކަން ވަނީ ހާމަވެފައެވެ.

އެހެންނަމަވެސް، ފިރިހެނުންނަށް ދެވޭ މިފަދަ އަނިޔާތަކާ ދެކޮޅަށް، އަންހެނަކު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މީސް މީޑިޔާއާއި އެނޫންވެސް މަންސަތަކުގައި (ޕްލެޓްފޯމް) ތަކުގައި މި އަންހެން މީހާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ، އަވަށްޓެރި އިންޑިޔާއަށް ނިސްބަތްވާ ދީޕިކާ ބަރުދުވާޖް އެވެ.

ދީޕިކާ ބުނެފައިވާ ގޮތުގައި ފިރިހެނުންނަށް ކުރާ އަނިޔާތަކަކީވެސް ހަޤީޤަތެކެވެ. އެހެންނަމަވެސް، އެއީ ކޮންމެ ފަހަރަކު ޖިސްމާނީ ގޮތުން ދެވޭ އަނިޔާއެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން، ފިރިހެން މީހާގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައިގެން، ކައިވެނިކޮށްގެން އުޅޭ އަންހެނުންނާއި އެމީހުންގެ އާއިލާތަކުން، އެތައް ފައިދާތަކެއް ލިބިގަންނަމުންދާކަމަށް އޭނާ ބުނެފައިވެއެވެ. ހަމައެހެންމެ، އެތައް ގޮތަކުން ފިރިހެނުންނަށް ފުރައްސާރަ ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، އަންހެނަކަށް ފިރިހެނަކު އަނިޔާކުރިކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދަކަށް، ދޮގު މައްސަލަތައް ހިމެނެއެވެ. މިފަދަ ކަންކަން ގިނައިން ކޮށް އުޅެނީ ފިރިހެން މީހާއަށް ގެއްލުންތަކެއް ދިނުމަށްކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ދީޕިކާ ބުނެފައިވާ ގޮތުގައި އޭނާ ކުރާ މަސައްކަތުގެ ސަބަބުން، އޭނާއަށް ދަނީ އެތައް ބައެއްގެ އިންޒާރު ލިބެމުންނެވެ. އާއްމުކޮށް، މީސް މީޑިޔާ މެދުވެރިކޮށް، އޭނާ މަރާލަން އެތައް ބަޔަކު އިންޒާރު ދޭކަމަށްވެސް، ނޫހަކަށް މައުލޫމާތު ދެމުން ދީޕިކާ ބުނެފައިވެއެވެ.

އޭނާވަނީ މި މައްސަލައަށް ހައްލު ހޯދުމަށް، ފިލްމެއްވެސް ޑައިރެކްޓް ކޮށްފައެވެ.