މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންހު އާއި އޭނާގެ ފިރިމީހާ ހާރްޝް ލިމްބާޖިޔާ އަށް ދަރިއަކު ލިބިއްޖެއެވެ.

ބާރްތީ ވިހާފައިވާކަން ފިރިމީހާ ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ދެމަފިރިންގެ އަލަތު ދަރިފުޅެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ.

ހާރްޝް އިންސްޓަގްރާމްގައި ވަނީ ދެމަފިރިންގެ ކުރީގެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އަދި ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ބުނެފައި ވެއެވެ.

އެ ފޮޓޯއާއެކު އެ މީހުންގެ ފޭނުންނާއި މަޝްހޫރު ތަރިންވެސް ދަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ދާދި ފަހުން ބާރްތީ ވަނީ އޭނާގެ މެޓާނިޓީ ފޮޓޯ ޝޫޓްގެ ފޮޓޯތައް މީސް މީޑިއާއަށް ދޫކޮށްލާފައެވެ. އެ ފޮޓޯތަކަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ. އޭނާ ބަނޑުބޮޑުކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރު އާއްމު ކުރި ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށެވެ.

މަސައްކަތުގެ ތެރެއިން ބަލާއިރު، ބާރްތީ ބިޒީކޮށް އުޅެނީ ރިއެލިޓީ ޝޯ ހުނަރްބާޒް އާއި ޚަތްރާ ޚަތްރާ ޚަތްރާ ހޯސްޓް ކުރުމުގައެވެ.