މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިއާގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ތުހުމަތުތަކާއި ގުޅޭ 200 ސޮފްހާގެ ދައުވާއެއް މުމްބާއީ އެންސީބީއިން ކޯޓަށް ހުށަހަޅައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ދެ ތަރިން ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރު ގެ ތެރޭގައެވެ. އެ މީހުން މިހާރު ތިބީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ބާރްތީ އާއި ހާރްޝް އެންސީބީން 2020 ވަނަ އަހަރު ހައްޔަރުކުރީ ކެނެބިސް ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި މުޅި އިންޑިއާގެ ފިލްމް އިންޑަސްޓްރީ އާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބިގެން ދިޔައީ ޝޮކެކެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ ގެއާއި އޮފީހަށް ބަލައި ފާސްކޮށް 86.50 ގްރާމްގެ މަރުޖާނާ އަތުލައިގަތުމަށްފަހުއެވެ. އެ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ 15،000 ރުޕިސް، ކޮންމެ މީހަކު ކޯޓަށް ދެއްކުމަށް ފަހުއެވެ.

އެއިރު އެންސީބީން ބުނިގޮތުގައި އެ ގެ ބަލާފާސް ކޮށްފައި ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެންސީބީން ކުރި ތަހުގީގުގެ ތެރެއިންނެވެ. މި ތަހުގީގަކީ ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ތަރި ސުޝާންތް ސިންގ ރާޖްޕުތްގެ މަރަށް ފަހު ކުރިއަށްގެންދިޔަ ތަހުގީގެކެވެ. މި ތަހިގީގުވެސް ތެރެއިން އެހެން ބައެއް ތަރިންނާއި، ބައެއް މަސްތުވާތަކެތީގެ ބޮޑުންވެސް ހައްޔަރު ކުރިއެވެ.

އެ މައްސަލައަށް ފަހު ދެ ތަރިންގެ ތަރި އޮއްސިދާނެ ކަމަށް ބެލެެވުނު ނަމަވެސް، މިހާރުވެސް ބައެއް ޝޯވތައް ހުށަހަޅައިދިނުމުގައި ދެ ތަރިން ފެނިގެން ދެއެވެ.

އަދި ބާރްތީ އަކީ މިހާރު މަންމައެއްކަންވެސް ފާހަގަަކޮށްލަން ޖެހެއެވެ.