އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި ހޯސްޓް ބާރްތީ ސިންގްއާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިއާގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ތުހުމަތުތަށް ފަހު އެ ދެމީހުން ކަފާލާތުގެ ދަށުން ދޫކުރަން ކޯޓުން ނިންމި ނިންމުން އުވާލުމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހުށަހެޅި މައްސަލަ އިންޑިއާގެ ނާކޮޓިކްސް، ޑްރަގްސް އެންޑް ސައިކޯޓްރޮފިކް ސަބްސްޓެންސަސް (އެންޑީޕީއެސް) ކޯޓުން ބާތިލުކޮށްފިއެވެ.

އެންސީބީގެ ވަކީލުން އަޑުއެހުމަށް ހާޒިރުނުވެވުމުން ބާރްތީއާއި ހަރްޝް ކަފާލާތުގެ ދަށުން ދޫކޮށްފައިވާ ކަމަށް ބުނެ ކޯޓުން ބުނީ އަޑުއެހުމަށް ހާޒިރު ނުވުމަކީ އެ އިދާރާގެ ކުށެއް ކަމަށާއި ކަފާލާތުގެ ދަށުން ބާރްތީއާއި ހަރްޝް ދޫކުރި ދޫކުރުން ބާތިލް ކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ބާރްތީ އާއި އޭނާގެ ހަރްޝް ކަފާލާތުގެ ދަށުން ދޫކޮށްލުން އުވާލުމަށް އެދި އެންސީބީން މިދިޔަ ހަފްތާގައި ކުރި ދައުވާ ބާތިލްކޮށް، އެ ދެމަފިރިން ކަފާލާތުގެ ޝަރުތުތަކާއި ޚިލާފު ނުވާ ކަމަށް ކޯޓުން ނިންމާފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެންސީބީން ބުނީ ބާރްތީއާއި ހަރްޝްގެ އަޑުއެހުން އޮތް ގަޑީގައި އެ އިދާރާގެ ވަކީލުން އެހެން މައްސަލައެއްގެ މަސައްކަތުގައި އުޅުމަށްފަހު ކޯޓަށް ހާޒިރުވިއިރު ބާރްތީއާއި ހަރްޝް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކަމަށެވެ.

ބާރްތީ އާއި ހަރްޝް އެންސީބީން 2020 ވަނަ އަހަރު ހައްޔަރުކުރީ ކެނެބިސް ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ ގެއާއި އޮފީސް ބަލައި ފާސްކޮށް 86.50 ގްރާމްގެ މަރަވާނާ އަތުލައިގަތުމަށްފަހުއެވެ. އެ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ 15،000 ރުޕީސް، ދެ މީހުން ވަކިވަކިން ކޯޓަށް ދެއްކުމަށް ފަހުއެވެ.