ނާއިޒް ހަސަން (ދާދު) އާންމުންގެ ތެރޭގައި ދަންނަ މޫނަކަށްވީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޖެހި ގޯލުންނެވެ. އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ގޯލް ކަމަށްވާ 2015 ވަނަ އަހަރުގެ ސާފް ސުުޒުކީ ކަޕްގައި ބަންގްލަދޭޝް ކޮޅަށް ޖެހި ގޯލަކީ އެ މެޗުން ރާއްޖެ 3-1 އިން މޮޅުވުމަށް މަގު ފަހިވި ލަނޑެވެ. އެ ގޯލަށް ފަހު ޒުވާން ފޯވަޑެއްގެ ގޮތުގައި ދާދު ތައާރަފް ވެގެން ދިޔައެވެ.
ފުޓުބޯޅައިގެ ދާއިރާގައި ކާމިޔާބީތައް ހާސިލްކުރަމުން އަންނަ ދާދުއަކީ ދ. ރިނބުދޫއަށް އުފަން ޒުވާނެކެވެ. ފުޓުބޯޅައަށް ވަގުތު ދިނުމުގެ އިތުރުން އޭނާ އަންނަނީ އެޗްޑީސީ ތިލަފުށީ އޮފީހުގައި ވެސް މަސައްކަތް ކުރަމުންނެވެ.
ދާދު ބުނީ، ފުޓުބޯޅައިގެ ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އެންމެ މޮޅު ކުޅުންތެރިއަކަށް ވާ ދުވަސް ކަމަށެވެ. ދާދު ހުރީ އެ އަޒުމުގައެވެ.
ސުވާލު: ފުޓުބޯޅައަށް ޝައުގުވެރިވީ ގޮތް؟
އެއީ ދާދު އެންމެ ކުޑައިރުގެ ހަނދާންތަކެވެ. ހަނދާން ވާން ފެށި ހިސާބުގައި ވެސް އޭނާ އަކީ އަބަދުވެސް ބޯޅަ ހިފައިގެން ނުކުމެ ކުޅެން އުޅުނު ކުއްޖެކެވެ. ސްކޫލް ދުވަސްވަރު ވެސް ނިމިގެން ދިޔައީ ފުޓުބޯޅައިގެ ތެރޭގައި އުޅެމުންނެެވެ.
"އެންމެ ކުޑައިރުން ފެށިގެން ވެސް އަބަދުވެސް ބޯޅައެއް ހިފައިގެން ކުޅެން އުޅޭނީ. އަސްލު ބައްޕަ ފުޓުބޯޅަ ކުޅޭތީ ކުޅޭ ހިތްވީ،" ފުޓުބޯޅައިގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވިގެން އައިގޮތް ކިޔައިދެމުން ދާދު ބުންޏެވެ.
ސުވާލު: ގައުމީ ޓީމުން ފުުރުސަތު ލިބުނު ގޮތް؟
ކުޑައިރުން ފެށިގެން ފުޓުބޯޅައަށް ޝައުގުވެރިކަން ހުރި ދާދު ގައުމީ ޓީމުން ފެނިގެން ދިޔައީ 2015 ވަނަ އަހަރުއެވެ. އެ ފުރުސަތު ލިބުނު ގޮތް "ވަގުތު މައިޒާން" އާ ހިއްސާ ކުރަމުން ދާދު ބުނީ އޭރު އޭނާ ފުޓުބޯޅަ ކުޅެމުން ދިޔައީ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗު ކަމުގައި ޓީސީއަށް ކަމަށެވެ.
"ގައުމީ ޓީމުން ފުރުސަތު ލިބުނީ 2015 ގައި. އޭރު ޓީސީއަށް ކުޅެމުން ދިޔައީ. ނިޒާމްބެ ކޯޗަކަށް ހުންނާނީ،" ދާދު ބުންޏެވެ.
ސުވާލު: މިހާތަނަށް ކުޅެވިފައިވާ މެޗުތަކުގެ ތެރެއިން އެންމެ ހަނދާންވާ މެޗެއް؟
2015 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކި މެޗުތަކުން ފެނި، ދާދު ވަނީ މޮޅު ކުޅުމެއް އާންމުންނަށް ދައްކައިފައެވެ. ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި އެތައް މެޗެއް އޭނާ ކުޅެފައިވެއެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ތެރެއިން ދާދު އެންމެ ހަނދާންވާ ކަމަށް ބުނީ، ރޯދަ މަހެއްގައި ދުބާއީއަށް ގޮސް ކުޅުނު މެޗެއް ކަމަށެެވެ.
"އެންމެ ހަނދާންވަނީ ރޯދަމަސް ތެރޭގައި ދުބާއީއަށް ގޮސް އަފްޣާނިސްތާނާއެކު ކުޅުނު މެޗެއް. އެ މެޗުގައި ގިނަ ކުދިން ތިބީ ރޯދައަށް. އެއްވެސް އެއްޗެއް ނުކައި ރޯދައަށް ތިބެ އެންމެން ވެސް ވަރަށް މޮޅަށް ކުޅުން،" އެންމެ ހަނދާންވާ މެޗަކަަށް ވީ ގޮތުގެ ކުރު ހުލާސާއެއް ދެމުން ދާދު ބުންޏެވެ.
ސުވާލު: "ދާދު" މި ނަން ކިޔުން ގޮތް؟
އަސްލު ނަމަކީ "ނާއިޒް" ކަމަށް ވިޔަސް ގިނަ ބަޔަކަށް އެނގެނީ "ދާދު" އޭ ބުނުމުންނެވެ. މީހުންގެ ތެރޭގައި އާންމު ވެފައިވަނީ ވެސް އެ ނަމުންނެވެ. މިއީ ދާދުއަށް އޭނާގެ މަންމަ ކީ ނަމެކެވެ. ކުޑައިރު މަންމަ ލޯބިން ކިޔާލި ނަން ހަރުލީއެވެ. ސްކޫލް ދައުރުގައި ވެސް ކުދިން އޭނާއާ މުހާތަބު ކުރަމުން ދިޔައީ އެ ނަމުންނެވެ.
"ދާދު އެއީ ކުޑައިރު މަންމަ ދިން ނަމެއް. ސްކޫލްގަ ވެސް ދެން އެންމެ ކުޑައިރުން ފެށިގެން ވެސް ކިޔާނީ ދާދު،"
ސުވާލު: ކުޅުނު މެޗެއްގެ ތެރެއިން ދިމާވި މަޖާ ކަމެއް؟
މި ސުވާލު އަމާޒުވުމުން ދާދު ފުރަތަމަ ވެސް ޖަހާލީ ހިނިގަނޑެކެވެ. މެޗުތަކުގައި މަޖާ އެތައް ކަމެއް ދިމާވި ކަމަށް އޭނާ ބުންޏެވެ.
ދިމާވި މަޖާ ގިނަ ކަންތައްތަކެއްގެ ތެރެއިން ހޮވާލައި ދެތިން ކަމެއް ދާދު ހިއްސާކުރިއެވެ. އެއީ ފަތިހުގެ ވަގުތެވެ. އެއްކޮށް ކުޅެން އުޅޭތަނުން ކުއްޖަކު ނިދާ ނުހޭލައިގެން ގޮވަން ދާދުއަށް ދާން ޖެހުނެެވެ. ދާދު ގޮސް ގޮވީމައި، ނިދާ ހޭލައިގެން ރަހުމަތްތެރިޔާއަށް ފުޓުބޯޅަ ދަނޑަށް އާދެވުނީ ސޯޓު ނުބައި ފުށަށް ލައިގެންނެވެ. މިކަންވީ ދާދު އާއި ޓީމުގެ ބާކީ ތިބި ކުޅުންތެރިންނަށް ޖޯކަކަށެވެ.
"ރަށުގައި ފަތިހު ކުޅެން ގޮސް އެއީ. އުޅޭނެ ހުސެން އާލިމް ކިޔާ ކުއްޖެއް އޭނާއަށް ގޮވަން ދާން ޖެހުނީ. ދެން އޭނަ ކުޅެން އައީ ސޯޓު އަނެއް ފަޅިއަށް ލައިގެން،" ދާދު ކިޔައިދިނެވެ.
ސޯޓު ނުބައި ފުށަށް ލައިގެން ކުޅެން އައިސް ހުއްޓާ ދާދުއަށް ދިމާވީ މި ރަހުމަތްތެރިޔާ އެކަންޏެއް ވެސް ނޫނެވެ. ދާދު ބުނީ، ވަރަށް ފަހުން އޮތް ޕްރެކްޓިސް މެޗެއްގައި ވެސް މިފަދަ ކަމެއް ދިމާވި ކަމަށެވެ.
ސުވާލު: ޑިފެންސިވް ގޭމްތަ ނޫނީ އެޓޭކިން ގޭމްތަ؟
ކޮންމެ މެޗަކުން ވެސް ދާދު ފެންނަނީ މޮޅު ފޯވާޑެއްގެ ގޮތުގައެވެ. މެޗުތަކުގައި ގިނަ ގޯލުތަކެއް ޖަހައި، ޓީމު މޮޅުވުމަށް އެހީއަކަށް ދާދުވެއެވެ. އެއީ އޭނާ ކުޅެން ބޭނުންވާ ގޮތެވެ. މި ސުވާލަށް ޖަވާބު ދެމުން ދާދު އިހްތިޔާރު ކުރީ އެޓޭކިން ގޭމަށް ކުޅޭށެވެ.
"ކުރިޔަށް ކުޅޭހިތްވަނީ އަބަދުވެސް. އެއީ ގޯލް ޖަހަން،" ދާދުގެ ބުންޏެވެ.
ސުވާލު: މެސީތަ ނޫނީ ރޮނާލްޑޯތަ؟
މެސީ އާއި ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ނަން ހިނގާ ދެ ކުޅުންތެރިންނެވެ. މިއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ތާއީދުކުރާ އެތައް ބަޔަކު ތިބޭނެއެވެ. އެތަނުން ދާދު ވެފައިވަނީ މެސީގެ ސަޕޯޓަރަކަށެެވެ.
"މެސީ އެއީ އޯލްޓައިމް ފޭވަރިޓް. އެންމެ ކުރިން ސުރެ ވެސް މެސީގެ މީހެއް މިއީ،" ދާދު ބުންޏެވެ.
ސުވާލު: ހަޔާތުގައި މިހާތަނަށް ކުރެވުނު ކަންތައްތަކުގެ ތެރެއިން ރިގްރެޓްކުރާ ކަމެއް؟
މި ސުވާލަށް ޖަވާބު ދެމުން ދާދު ކިޔައިިދިނީ މެޗުތަކުގެ ކުރެވިފައިހުރި ކަންތައްތަކުގެ ވާހަކައެވެ. ރިގްރެޓްކުރާ އެތައް ކަމެއް މެޗުތަކުގެ ތެރެއިން ކުރެވިފައި އެބަހުރި ކަމަށް ދާދު ބުންޏެވެ.
"އެހެން ހުންނާނެ ބައިވަރު. އެންމެ ފަހުން މެޗުގައި ވެސް ފުރަތަމަ ދިން ބޯޅަ ނުޖަހާ މަޑުކޮށްލެވުން ނަމައޭ. ފަހަތުގައި އޮތް މީހާއަށް ދޭން. ދެން ކޮއްޓާލި ބޯޅަ ވެސް ދެވުން ނަމަ އޭ މީހަކަށް،" ދާދު ބުންޏެވެ.
ސުވާލު: ހަޔާތުގެ ބައިވެރިއަކު ހޯދަން ކުރި ކަމެއް؟
މި ސުވާލު އަމާޒުވުމުން ދާދު ޖަހާލީ ހިނިގަނޑެކެވެ. ފުޅާ ހިނިތުންވުމަކާއެކު ދާދު ބުނީ "ތިއީ ވަރަށް ވާހަކަ" ކަމަށެވެ.
އަންހެން ކުއްޖަކު ކާމިޔާބު ކުރަން ވެގެން ދާދު ވަނީ އުޅުމަށް ބޮޑަތި ބަދަލުތަކެއް ގެނެސްފައެވެ. އަންހެން ކުއްޖާ ބޭނުންވާ ގޮތަށް ދާދުގެ އުޅުން ބަދަލުކޮށްފައިވާ ގޮތުގެ ވާހަކަ "ވަގުތު މައިޒާން" އަށް ދާދު ހިއްސާ ކުރިއެވެ.
"އަވަހަށް ގެއަށް ވަދެ، ސިނގިރޭޓު ނުބޮއި، ކޮފީތަކަށް އެހާ ގިނައިން ނާރާ،" ގެނައި ބަދަލުތައް ކިޔައިދެމުން ދާދު ބުންޏެވެ.
ދާދު ބުނީ، އުޅުމަށް ބަދަލުތަކެއް ގެނެސްގެންވެސް އެ އަންހެން ކުއްޖާ ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
ދާދު ތީ މިހާރުވެސް އެންމެ މޮޅު ކުޅުންތެރިޔާ❤️💯 އަބަދުވެސް ކާމިޔާބީއަށް އެދެން🥰
މާޝާﷲ..
ތީ މިނެޓެއްގެ ކަމެއް ނުފުއްޕާ
ފުއްޕާނަން، ފުއްޕޭނެ ބްރޯ... ކައެ، ކަޑަވީތަ؟؟؟