އަބަދުވެސް ފެންނަނީ ވަރަށް އުފާވެރިކޮށެވެ. ދައްކާނީ ގަހާއި އެއާ ގުޅުން ހުރި ވާހަކަތަކެވެ. މުޅި ދިރިއުޅުންވެސް ގަހާ ނުލާ ފުރިހަމަ ނުވެއެވެ. ކުރާ ކޮންމެ މަސައްކަތަކާ ގަސް ގަހާ ގުޅެނީއެވެ. މިއީ ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލްގެ ލީޑީން ޓީޗަރު ޝިފާ މުހައްމަދު(ޝިފާ މިސް)ގެ ވާހަކައެވެ. ޝިފާ ކުރައްވާ ކޮންމެ މަސައްކަތަކާވެސް ގަހާ ގުޅެއެވެ. އޭނާއަކީ ތިނަދޫގައި ސްކައުޓް ހިންގެވުމުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ނީމް ކްލަބް އެންމެ ބާރަށް ހިންގެވީ ޝިފާއެވެ. މިހާރު ތިނަދޫ ސްކޫލްގައިވެސް އެކަން ލީޑް ކުރައްވަނީ ޝިފާއެވެ. ޝިފާއަށް ގަހަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ގެއާއި އެ ނޫންވެސް ތަންތަނުގައި ގަސް އިންދަވައެވެ. އަދި ރަށުގައި ތިމާވެއްޓާ ނޫނީ ގަހާއި ގުޅުން ހުރި ހަރަކާތެއް ހިންގަވާ ނަމަ އެންމެ އިސްކޮށް އުޅުއްވާ އެކަކަކީ ޝިފާއެވެ.

ތައުލީމީ ދާއިރާ އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި މިހާރު ވެސް އެ ދާއިރާގައި ފައިތިލަ ސާބިތު ކުރައްވަމުން ގެންދަވާ ޝިފާ ޑިޕްލޮމާއިން ޓީޗިންގ ނިންމަވާލެއްވުމަށްފަހު، ދެ އަހަރު ވަންދެން އުޅުއްވީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ލީޑިން ޓީޗަރަކަށް ބަދަލުވިއެވެ. ދޭތެރެއަކުން ކްލާސް ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ. އޭނާ މިހާރު ވަނީ ތައުލީމީ ދާއިރާއިން މާސްޓާސްއާ ހަމައަށް ކިޔަވާ ވިދާޅުވެފައެވެ.

"ވަރަށް ކުޑައިރުވެސް ކިޔަވާދެން، ބައެއް ކުދިންނަށް ޓިއުޝަން ދީ ހެދިން، މާމަ އަބަދުވެސް ބުނާނެ ޝިފާގެ ހުންނާނެއޭ ކިޔަވައި ދިނުމުގެ ހުނަރު. އެ ރޮނގުން ކުރިއަށް ދައްޗޭ، އެކަމަކު އެންމެ ފުރަތަމަ ބޭނުންވީ އަސްލުގައި ޑޮކްޓަރަކަށް ވާން މެޑިސިން ދާއިރާއިން ކުރިއަށްދާން، ނުވެވިއްޖެއްޔާ ބޮޓޮނިސްޓަކަށް ވާން ބޭނުންވީ، އެކަމަކު ބޮޓޮނިސްޓަކަށްވެސް ނުވެވުނީމަ، ޑޮކްޓަރަކަށް ނުވެވުނީމަ މާމަ ރިކޮމެންޑް ކުރީ ކިޔަވައި ދެވިދާނެއޭ، ޓީޗަރަކަށް ވެވިދާނެއޭ". ޝިފާ ޓީޗަރަކަށް ވުމުގެ ދަތުރު ފެށުނު ގޮތް ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

ޝިފާ މިސް "ވަގުތު"އާ ވާހަކަދައްކަނީ - ގާފު ފޮޓޯސް

ޝިފާ މިސް އާއި "ނޭޗާ"އަށް އޮތް ލޯބި!

ސްކޫލް ދައުރުގައި ޝިފާ މިސް އާ ގުޅޭގޮތުން ފާހަގަވީ އެންމެ ހާއްސަ އެއް ކަމަކީ ތިމާވެއްޓަށް އޮތް ލޯތްބެވެ. ޝިފާ ވިދާޅުވާ ގޮތުން ނަމަ އެއީ ތަބީއަތުގައި ހުންނަ ކަމެކެވެ.

"ގަސްތައް ފެނުނީމަ އެ ވާ އުފާ، ނުވަތަ ފެހިކުލަ ފެނުނީމަ އެވާ އުފާ، ގުދުރަތީ ރީތި މަންޒަރު ފެނުނީމަ އެ ވާ ހިތްހަމަ ޖެހުން. ދެން ސްކައުޓެއް، ސްކައުޓް ޓްރެއިން ކުރީމަ މިވާގޮތަކީ އަސްލު، ސްކައުޓުންނަކީ ނޭޗާއާ ގުޅިފައި އޮންނަ ބައެއް، ސްކައުޓް ލަވް ނޭޗާ، ނޭޗާ ދެކެ އެހާ ލޯބިވާ މީހަކު ސްކައުޓާއި ގުޅުނީ، ދެން ދޭތިވެސް ނޭޗާއާ ގުޅުނީމަ، ނޭޗާއަށް ހިދުމަތްކޮށްދޭން ބޭނުންވީ". ޝިފާ ވިދާޅުވިއެވެ.

ޝިފާ މިސް ސްކައުޓް ހަރަކާތެއްގައި

އެހެންވެ ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް ޓީޗަރެއްގެ ގޮތުގައި ވަންނަވައި ނޭޗާ ކްލަބެއް ހެއްދެވިއެވެ. އޭނާ ބޭނުންވީ ކުދިންވެސް ނޭޗާއަށް ލޯބި ޖެއްސެވުމަށެވެ.

"ދެން ސްކައުޓް އެކްޓިވިޓީސް ގެންދާއިރުވެސް ވަރަށް ބަލަން، އެންވަޔަރަމަންޓް ކޭމްޕްތައް ބާއްވައިގެންވެސް ބޮޑަށް ކުދިން އެންވަޔަރަމަންޓާއި ނޭޗާ އާއި ރައްޓެހި ކުދިންނަށް ހެދޭތޯ"، ޝިފާ ވިދާޅުވިއެވެ.

ތިނަދޫ ވަރަށް ހޫނު، ބޭނުންވީ ފިނި ތަނަކަށް ހަދަން!

ޝިފާ ވިދާޅުވިގޮތުގައި، އޭނާ ތިނަދު އަށް އައިއިރު އެރަށް ވަރަށް ހޫނެވެ. ރަށުގެ ބޮޑުމިނާ ބަލާފައި ރަށުގައި ގަސް މަދުކަމަށް ފާހަގަކުރެވުނީއެވެ. ބޭނުންވީ އެ ރަށަކީވެސް ފެހި ތަނަކަށް ހެއްދެވުމަށެވެ. އެހެންވެ ޝިފާ ކުރެއްވި މަސައްކަތަކީ އޮށް އިންދަވައިގެން ގަސްތައް ހައްދަން ފެއްޓެވުމެވެ.

މިއީ ސްކޫލްގައި ނޭޗާ ކްލަބްގައި އުޅުއްވި އިރު ޝިފާ ވަރަށް ބޮޑަށް ބާރު އެޅުއްވި ކަމެކެވެ. ގަސް އިންދުމަށް ވަރަށް ބާރު އެޅުއްވިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އޮފިއެލޭ ގަސް އިންދުމާއި ހިތިގަސް ފަދަ ގަސްތަކުގެ އޮށް އިންދަވައިގެން ގަސްތައް ހެއްދެވުމަށް ކުރެއްވި މަސައްކަތެވެ. ޝިފާ އިސްވެ ހުންނަވައިގެން މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވިއެވެ. އެ މަސައްކަތުގައި ޝިފާއާއެކު އުޅޭނީ ސްކޫލް ދަރިވަރުންނެވެ.

ޝިފާ މިސް

"އެ ގަސްތައް ވަކި ވަރަކަށް ބޮޑުކޮށްފައި އޮފީސްތަކަށާއި، ގޭގެއަށާއި، ތަންތަނަށް ހަދިޔާ ކުރަން ފެށީ، ކުދިން ތްރޫކޮށް، އެއި ކުރެވުނު ވަރަށް ރަނގަޅު ކަމެއް". ޝިފާ ވިދާޅުވިއެވެ.

ޝިފާ ފާހަގަކުރެއްވީ 660 އޮށް އިންދައިގެން އޮފިއެލޭ ގަސްތައް ބޮޑުކޮށް ތިނަދޫ ސްކޫލަށްވެސް ގެންދިޔަ ކަމެވެ. އޭގެ ސަބަބުން އެ ސްކޫލް ވަރަށް ބޮޑަށް ހިޔާވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ޝިފާ މިސް ގަހަށް ފެން ދެނީ - ގާފު ފޮޓޯސް

ޝިފާ އިތުރަށް ފާހަގަކުރެއްވީ ހައިޑްރޯފޯނިކްސް ދަސްކޮށްގެން ދަރިވަރުން އަތޮޅު ތައުލީމީ މަރުކަޒުގައި ސިސްޓަމެއް ގާއިމްކޮށް އޭގެން ނަފާ ހޯދި ވާހަކައެވެ. އޭގެ އިތުރުން އަމިއްލަ އަށް މިރުސް ގަހާއި، ޓޮމާޓޯ، ލެޓިއުސް އެއްޗެހިން ބޮޑު މަންފާއެއް ހޯއްދެވިއެވެ.

އަދި އަތޮޅު ތައުލީމީ މަރުކަޒުގެ ނޭޗާ ކްލަބް، ނީމް ނަމުގައި ދަރިވަރުން ލައްވާ ހިތިގަސްތައް އިންދައިގެން ވަކި ވަރަކަށް ބޮޑުކޮށްގެން ތަންތަނަށް ހަދިޔާ ކުރި ވާހަކަވެސް ހިއްސާ ކުރެއްވިއެވެ.

އޭގެ އިތުރުން އަލޯވެރާ ކަހަލަ ހާބަލް ޕްރޮޑަކްޓްސްތައްވެސް ދަރިވަރުންނާއެކު ހެއްދެވުމުގައި ޝިފާ އުޅުއްވިއެވެ. އެކި އެ ގަސްތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައްވެސް ޝިފާގެ ބެލުމުގެ ދަށުން ކުރިއަށްގެންގޮސްފައި ވެއެވެ.

ޝިފާ މިސް ގަސް އިންދުމުގައި

ކުރެއްވުނު މަސައްކަތަކާއެކު ހިތަށް އުފާވެރިކަން!

ޝިފާ ވިދާޅުވި ގޮތުގައި، އޭނާގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މިފަދަ މަސައްކަތްތަކުން ނެރެވުނު ނަތީޖާއިން އުފާވެއެވެ.

"އަސްލުގައި ވަރަށް އުފާވޭ، މިސާލަކަށް އަބޫބަކުރު ސްކޫލްގައި ހުރި ރުށްތަކާއި، އަބޫބަކުރު ސްކޫލްގައި ހުރި ބޮޑެތި ރުށްތައް ފެނުނީމަވެސް ހިތަށް އަރާ މިއީ ކުރީ ދުވަހު ސްކައުޓުން ގޮވައިގެން އައިސް ނޭޗާ ކްލަބް ކުދިން ގޮވައިގެން އައިސް ޖެހި ގަސްތަކޭ، އެ ގަސްތައް ބޮޑުވެފައި ހުއްޓާ ފެނުނީމަ، ހަމަ އެގޮތަށް ތިނަދޫ ސްކޫލްގެ އޮފިއެލޭ ގަސްތައް ފެނުނީމަ ހިތަށް އަރާ އެއްކަހަލަ ދުވަހު އޮށް އަޅައިގެން އިންދި ގަސްތަކޭ މިހުރީ، މިހާރު މި ގަސްތަކުން ހިޔާ ލިބެން ފަށައޭ". ޝިފާ ވިދާޅުވިއެވެ.

ޝިފާ މިސް ދަރިވަރުންނާއެކު

ގަހުގެ ބާވަތްތައް ބޭނުންކޮށްގެން ޝިފާ މިސްގެ އަމިއްލަ ޕްރޮޑަކްޓްތައް!

މިއީ ޝިފާ ތައިލެންޑަށް ވަޑައިގަތް ދަތުރެއްގެ ތެރެއިން ކޯހެއް ހަދައިގެން ކުރައްވަމުންދާ މަސައްކަތެވެ. އެ ގައުމުން ދިމާވި ވަރަށް ސީނިއާ ސްކައުޓާ ވާހަކަދެއްކުމުގެ ތެރެއިން މިކަން ފެށުނީއެވެ.

"އޭނާ ވާހަކަދައްކައިގެން ނޭޗާއާ ވާހަކަދައްކައިގެން، ވަރަށް ފަތްޕިލާވެލިން އެއްޗެހި ހަދާހިތްވެއޭ އާއިލާއަކީ ބޭސް އާއިލާއެއް ވީމަ ފަތްފިލާވެލިން އެއްޗެހި ހަދަމޭ ބުނީމަ، އޭނާ ބުނީ ތިމަންނަ ސްކޫލްގައި ހުންނާނެއޭ ޑޮކްޓަރެއް، އޭނަ ޓްރެއިންކޮށްދީފާނެއޭ މިކޮޅުގައި ހުންނަ ދުވަސްކޮޅު"، ޝިފާ ވިދާޅުވިއެވެ.

އެގައުމުގައި ހުރި ދެ ހަފްތާ ތެރޭގައި ޝިފާ ވަނީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރައްވައިފައެވެ. އެ ސްކޫލްގައި ޕްރެކްޓިކަލް ސެޝަންތަކެއް އޭނާ ނެންގެވިއެވެ. އޭގެ ތެރޭގައި ސައިބޯނި ތައްޔާރު ކުރާނެ ގޮތާއި، އެކި ކަހަލަ ކްރީމްތައް ތައްޔާރު ކުރާނެ ގޮތާއި، ހާބަލް ބާމް އާއި ލިޕް ބާމް އާއި މަސާޖް ބާމް ފުރިހަމަ ތަމްރީންތައް ހެއްދެވިއެވެ.

ޝިފާ މިސްގެ އަމިއްލަ ބައެއް ޕްރޮޑަކްޓްތައް

ޝިފާ މި ތަމްރީން ފުރިހަމަ ކުރެއްވުމަށް ފަހު ތިނަދޫއަށް ވަޑައިގެން މިފަދަ ޕްރޮޑަކްޓްތައް ހައްދަވައި މީސް މީޑިއާއަށް ދޫކޮށްލަވައެވެ. އަދި މީހުންގެ ކޮމެންޓްތައް ޕްރޮޑަކްޓްތަކަށް ލިބެއެވެ.

ޝިޕާ މިސްގެ ޕްރޮޑަކްޓްތައް

އެގޮތުން ފާއިތުވެދިޔަ ހަތަރު އަހަރެއްހާ ދުވަސް ތެރޭގައި ޝިފާގެ މީސް މީޑިއާ އެކައުންޓްތައް ބަލާލިއިރު، މިފަދަ އެތައް ޕްރޮޑަކްޓެއް ތައްޔާރު ކުރުމަށްފަހު މީސް މީޑިއާއަށް ދޫކޮށްލާފައި ހުރިތަން ފެނިގެން ދެއެވެ. އޭގެ ތެރޭގައި ތަފާތު އެތައް ކްރީމް ތައްޔާރު ކުރާނެ ގޮތާއި، އޭގެން ލިބޭ ފައިދާތަކުގެ ވާހަކަތައް ހިއްސާކޮށްފައި ވެއެވެ. އަދި ސައިބޯންޏާއި ހޭންޑް އަދި ފޭސް ކްރީމްތައް ތައްޔާރު ކުރަމުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ހުއްޓެވެ.

މިގޮތަށް އޭނާ ތައްޔާރު ކުރާ ޕްރޮޑަކްޓްތައް އޭނާ ގޭގައި ހަދާފައިވާ އަމިއްލަ ލެބްގައި ތަހުލީލުތައް ހަދައެވެ. މިއީ ވަރަށް ވަގުތު ނަގައިގެން އޭނާ ކުރައްވާ މަސައްކަތެކެވެ. ވަރަށް ގިނަ ދިރާސާތައްވެސް ހައްދަވައެވެ.

އޭގެ އިތުރުން ޝިފާ ތައްޔާރު ކުރައްވާ ސަޔަށްވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

ޝިފާ ތައްޔާރު ކުރި ބްލޫ ޕީ ފްލާވާ ޓީ

ޝިފާ ވިދާޅުވީ، އޭނާ އެގޮތަށް ތައްޔާރު ކުރާ ބާމް އެއްޗެހި ރަހުމަތްތެރިންނާއި ޓީޗަރުންނާއި، އެހީތެރިކަމަށް ބޭނުންވެފައި ތިބޭ މީހުންނަށް ހިލޭ ދެއްވާ ކަމަށެވެ.

"ދިނީމަ އޭތި ރަނގަޅުވެއްޖެއްޔާމުން އެމީހުން އަނެއްކާ އެބަ ބޭނުންވޭ ގަންނަން، ވަރަށް މަދު ފަހަރެއްގައި ވިއްކެނީ، ގިނަ ފަހަރު ހަމަ ދެވެނީ މީހުންނަށް ހަދިޔާއަކަށް. އެއީ ބޮޑަށް ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް ވީމަ".

ޝިފާ ވިދާޅުވީ، މިކަން ވިޔަފާރިއެއް ގޮތަށް އޭނާ ފަށައިނުގަންނަނީ ސީދާ އަސްލު ތަމްރީން ޕްރޮގްރާމެއް ހަދާފައި ނެތުމުންނެވެ.

"ޓްރެނިންއަކަށް ފަހު ނުވަތަ ޕްރޮޑަކްޓް ހެދުމުގެ ޑިޕްލޮމާއަކަށް ފަހު އެކަހަލަ ވިޔަފާރިއެއް ގޮތަށް މިކަން ފުޅާ ކުރާނީ". ޝިފާ ވިދާޅުވިއެވެ.

ޝިފާ މިގޮތަށް ތައްޔާރު ކުރައްވާ ޕްރޮޑަކްޓްތަކުގެ ތެރެއިން "ޕެއިން ރިލީފް"ބާމަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރެއްވިއެވެ.

"ކޮވިޑް ވޭދަނަތައް ގިނަވެގެން ދިޔައިރުވެސް ނޭވާލާން އުނދަގޫވެގެން އުޅުނުއިރު އެ ބާމް ވަރަށް ބޮޑަށް އެހީތެރިކަން ދިން، އެ ބާމް ވަރަށް މަޝްހޫރުވެފައި ހުންނާނީ މިރަށުގައި ހާއްސަކޮށް ޕެއިން ރިލީފް ބާމް".

އެގޮތަށް ޝިފާ ތައްޔާރު ކުރެއްވި ބާމް، ކުންފުންޏަކުން ގަންނަންވެސް ރިކުއެސްޓް ކުރިކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ސެޓްފިކެޓް ނެތުމުން އަދި އެކަން އޮތީ ނުވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝިފާ މި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އިރު، މި ޕްރޮޑަކްޓްތައް ބޭނުންވާ އަލޯވެރާ ފަދަ ގަސްތައް އަމިއްލަ ގޭގައި ވަރަށް ބައިވަރު ހައްދަވާފައި ހުރެއެވެ. އެއީ ގިނަ ޕްރޮޑަކްޓްތަކަށް އަލޯވެރާ އަޅާތީއެވެ. އޭގެ އިތުރުން ޝޫ ފްލާވާ އާއި އެކި ކަހަލަ ގަސްތައް ހައްދަވާފައި ހުރެއެވެ.

މިހާރު ޝިފާގެ ވިސްނުން ހުންނެވީ އަދިވެސް މިފަދަ މަސައްކަތްތަކުގައި ކުރިއަށް ދިއުމަށެވެ. އޭނާ ތިނަދޫއަށް ކޮށްދެއްވި މިފަދަ އެތައް ހިދުމަތްތަކަށް ތިނަދޫގެ ރައްޔިތުން ފަހުރުވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙލީ

    ލޯބި މިސް އެއް. މިސްއަކަށް ވުމުގެ ކުރިންވެސް ފަހުންވެސް ވަރަށް ހިތެހޯ ކުއްދެކެ. ❤

    37
    1
  2. އަހުމަދު

    ގެއަށްވުރެ ގިނަވަގުތު ސުކޫލުގައި އުޅޭ މިސްއެއް މިނޫނިއްޔާ ނުދެކެމެވެ.

    30
    2
  3. ވަހީދާ

    އަބަދުވެސް ހިނިތުންްވެފަ ހުންނަ މިސްއެކެވެ. ހިތް ތިރި މަޑުމައިތިރި މިސްއެކެވެ

    32
    1
  4. ފިޒާމް

    ތި ނޫކުލާގެ މަލަށް ކިޔާއުޅޭ ކުޅނދިލިމާވެސް

    10
    3
  5. ުހުވަދޫ އަލިބެއްޔާ

    މަނީހެއިސްޓްގެ ނައިރޯބީ އާ ވައްތަރު..

    15
    1
  6. ޒައިދު

    ބެސްޓް ޓީޗަރ އައި ހޭވް އެވަ އެންޖޯއިޑް ޓީޗިންގް

    12
  7. ހަރީ

    ވަރަށް ބޭރުފުށް ލޯބި މިސްއެއް

    1
    1