ޕްލާސްޓިކް ސާޖަރީއަކީ ކުށްވެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު ސާޖަރީއަކަށް މި ވަނީ ވެފައެވެ. އެގޮތުން މެލޭޝިއާގައި ހޯދަން ބޭނުންވާ އަށް އަންހެނުންގެ ގްރޫޕަކުން ވެސް މި ވަނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން އެމީހުންގެ އައިޑެންޓިޓީ ބަދަލުކޮށްފައެވެ. މިއީ ފުލުހުންނަށް އެމީހުންނަކީ ކާކުކަން އެނގިގެން ހައްޔަރުކޮށްފާނެތީއެވެ.

މެލޭޝިޔާގެ ކެލަންޓާން އަށް ނިސްބަތްވާ މި އަށް އަންހެނުން ފިލައިގެން އުޅޭތާ މިހާރު 17 އަހަރު ވެއްޖެއެވެ. އެ ގްރޫޕަކީ މީހުން މެރުމާއި ފޭރުމާއި ވައްކަން ކުރުން ފަދަ ގިނަ ކުށްތަކެއްގައި ބައިވެރިވަމުންދާ ގްރޫޕެކެވެ.

ކެލަންޓާން ފުލުހުންގެ ވެރިޔާ ދާތުކް ޝާފިއެން މާމާޓް ވިދާޅުވީ، ކެލަންޓާންގެ ކޮންމެވެސް ތަނެއްގައި އަދިވެސް އެެ މީހުން ފިލައިގެން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުންދާ ކަމަށާއި މިއީ ފުލުހުން އެމީހުން ޓްރެކްކޮށް ހައްޔަރު ކުރުމުން ދުރުހެލިވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން ބައެއް މީހުން ތައިލެންޑަށް އެތެރެވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ މީހުންގެ މޫނުގެ ސިފަ ބަދަލުކޮށްފައި ވެއެވެ. އަދި ނަން ފަދަ އައިޑެންޓިޓީތައް ވެސް ބަދަލުކުރީއެވެ.

ފުލުހުން ކްލިނިކްތަކުން އެތައް އަހަރެއް ވަންދެން ބަލަން ތިބި ނަމަވެސް، ކުށްވެރިންގެ އާ މޫނުތައް ނޫނީ ފުލުހުންނަކަށް ނުފެނެއެވެ.

ކެލަންޓާން ފުލުހުންގެ ވެރިޔާ ދާތުކް ވިދާޅުވީ، އަވަށްޓެރި ގައުމުތަކަށް ފިލައިގެން ދާ މީހުން ވެސް އެހިސާބުގައި ދިރިއުޅޭ އާއްމު ރައްޔިތުންނާ ކައިވެނި ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.