ބޮލީވުޑްގެ ބަތަލާ ސޮނާކްޝި ސިންހާ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކެއްގެ ސަބަބުން އޭނާ ކައިވެނި ކުރަން އުޅެނީ ކަމަށް ބުނެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.

ސޯނާކްޝީގެ އިންސްޓަގުރާމުގައި މިއަދު ހިއްސާކޮށްފައިވާ ތިން ފޮޓޯއަކާއެކު ބުނެފައިވަނީ އޭނާގެ ވެސް ''ބޮޑު ދުވަސް'' އަންނަނީ ކަމަށެވެ.

އެއް ފޮޓޯގައި ސޮނާކްޝީ ފެންނަނީ ފިރިހެނެއްގެ އަތްތިލައިގައި ހިފާލައިގެން ހުންނަ މަންޒަރެވެ. އަނެއް ފޮޓޯގައި ފެންނަނީ ފިރިހެނެއްގެ ކޮނޑުގައި ބޯ އަޅާލައިގެން ހުންނަ މަންޒަރެވެ. އަދި ތިންވަނަ ފޮޓޯގައި ފެންނަނީ ފިރިހެނެއްގެ އަތުގައި ހިފަހައްޓާލައިގެން ލަދު ރަކި ހިނިތުންވުމެއްގައި އޭނާ ހުންނަ މަންޒަރެވެ.

މި ތިން ފޮޓޯގައި ވެސް ހުރި ފިރިހެން މީހާގެ މޫނެއް ނުފެނެއެވެ. އަދި ތިން ފޮޓޯގައި ވެސް ހުރީ އެކަކުކަން އެނގެނީ ލައިގެން ހުރި ހުދު ގަމީހުގެ ސަބަބުންނެވެ.

މި ތިން ފޮޓޯ ވަކިވަކިން ހިއްސާކޮށް ސޮނާކްޝީ ބުނެފައިވަނީ މިއަދަކީ އޭނާއަށް ބޮޑު ދުވަހެއް ކަމަށެވެ. އޭނާގެ އެންމެ ބޮޑު އެއް ހުވަފެން ހަގީގަތަކަށް ވަނީ ކަމަށް ބުނެފައިވެއެވެ. އަދި އެންމެންނާ އެ ޚަބަރު ހިއްސާ ކުރުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ސޯނާކްޝީގެ މި ޕޯސްޓަށް ފިލުމު އިންޑަސްޓްރީގެ ބައެއް ފަރާތްތަކުންނާއި އޭނާގެ ސަޕޯޓަރުން ވެސް މަރުހަބާ ކިޔާ މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ.

އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ ސޮނާކްޝީ ކައިވެނި ކުރުމަށް ތައްޔާރު ވަނީ ކަމަށެވެ. މި ފޮޓޯތަކަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ސަލްމާން ޚާނާއި ސޮނާކްޝީ ކައިވެނި ކުރަން އުޅޭ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ސޮނާކްޝީގެ އެ ބޮޑު ހުވަފެނަކީ ކޮބައިކަން އަދި ހިއްސާކޮށްފައެއް ނުވެއެވެ.