ބޮލީވުޑުގެ ''ދަބަންގ ގާރލް'' ސޮނާކްޝީ ސިންހާއާއި އޭނާގެ ލޯބިވެރިޔާ ޒަހީރް އިގްބާލުގެ މިޔުޒިކް ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް ސޮނާކްޝީ ބުނެފިއެވެ.

ސޮނާކްޝީއާއި ޒަހީރުގެ ލަވަ ''ބްލޮކްބަސްޓާރ'' ގެ ޓްރެއިލާ ސޮނާކްޝީގެ އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ ''ބްލޮކްބަސްޓަރ'' ވަރަށް އަވަހަށް އަންނާނެ ކަމަށާއި މި ލަވަ ބަލަން އެންމެން ތައްޔާރު ތޯ ސުވާލު ކޮށްފައިވެއެވެ.

މި ލަވައިގެ ޓްރެއިލާ އިންސްޓަގްރާމުގައި ހިއްސާ ކުރުމާއި އެކު ސޮނާކްޝީގެ ސަޕޯޓަރުން އެމީހުންގެ އިހުސާސްތައް ހިއްސާކޮށް ކޮމެންޓް ކޮށްފައިވެއެވެ.

މި ލަވަ ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ސޮނާކްޝީގެ ގިނަ ފަންނާނުން މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ.

މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ސޮނާކްޝީއާއި ޒަހީރް އިގްބާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވެއެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރުމަށް އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތައް ސޮނާކްޝީ ވަނީ މީޑިއާގައި ހިއްސާ ކޮށްފައެވެ.

ސޮނާކްޝީއާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އަރާފައިވަނީ ސޮނާކްޝީގެ އުފަންދުވަހު ޒަހީރް ކޮށްފައިވާ ޕޯސްޓުގެ ސަބަބުންނެވެ.

މި ޕޯސްޓަށް ފަހު ސޮނާކްޝީއާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރުމުން އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުން ސޮނާކްޝީ ބުނެފައިވަނީ އޭނާއާއި ޒަހީރްއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ.

''ބްލޮކްބަސްޓާރ'' ލަވައިގެ ޓްރެއިލާ ޕޯސްޓަށް އެކްޓަރ ވަރުން ދަވަން ކޮމެންޓްކޮށް ބުނެފައިވަނީ އެއީ ބްލޮކްބަސްޓަރ ޖޯޑެއް ކަމަށެވެ.