މަޝްހޫރު ބޮލީވުޑް ބަތަލާ ސޮނާކްޝީ ސިންހާގެ ފުރަތަމަ ވެބް ސީރީޒް އެމޭޒަން ޕްރައިމްއިން ދައްކަން ހަމަޖެހިއްޖެއެވެ.

ސޮނާކްޝީގެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ މި ވެބް ސީރީޒް އެމޭޒަން ޕްރައިމްއިން ފެނިގެންދާނީ 12 މެއިގެ ފަހުންނެވެ.

ސޮނާކްޝީ ސިންހާގެ ކްރައިމް ތްރިލަރ 'ދަހާދް' ނަމަކަށް ކިޔާ މި ވެބް ސީރީޒް ޑައިރެކްޓް ކޮށްފައިިވަނީ ރީމާ ކަގްތީ އާއި ރުޗިކާ އޮބިރޯއީއެވެ. އަދި މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ހިންދީ ފިލްމުތައް ޕްރޮޑިއުސްކުރަމުން އަންނަ ޕްރޮޑިއުސަރ ޒޯޔާ އަޚްތަރް، ފަރްހާން އަޚްތަރު، ރިތޭޝް ސިދްވާނީއެވެ.

އެކްސެލް މީޑިއާ އެންޑް އެންޓަޓެއިންމަންޓް އާއި ޓައިގަރ ބޭބީގެ މި އުފެއްދުމުގައި ސޮނާކްޝީއާއި އެކީ މައިގަނޑު ރޯލްތަކުން ފެނިގެންދިޔައީ ބަތަލު ވިޖޭ ވަރްމާއާއި ގުލްޝަން ދެވައިއާއާއި ސޯހުމް ޝާހްއެވެ. މި ސީރީޒްގައި ސޮނާކްޝީ ކުޅެފައިވަނީ ވަރުގަދަ ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ.

އަށް އެޕިސޯޑަށް ދިގުދެމިގެންދާ މި ސީރީޒްގެ ވާހަކަ ބިނާވެފައި ވަނީ ބައިގަނޑު މަދު ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަކުން ޕަބްލިކް ފާޙާނާތަކެއްގައި ގޮތް ނޭނގޭ ގޮތަކަށް މަރާލެވިފައިވާ އަންހެނުންގެ މަރު ތަހުގީގު ކުރާ ގޮތުގެ މައްޗަށެވެ. މުޅި ސީރީޒް ނިމެންދެން ފުލުސް އޮފިސަރ އަންޖަލީ ބާޓިއާއި އޭނާގެ ޓީމްއިން ސީރިއަލް ކިލަރގެ މައުލޫމާތު އަޑިއަޑިން ހޯދާ ތަން ދައްކުވައިދޭނީ ސަސްޕެންސް ބޮޑު ގޮތަކަށެވެ.

މީގެ އިތުރުން މި ސީރީޒް ވެގެންދިޔައީ ބާލިނޭލް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އެޅުވި އިންޑިއާގެ ފުރަތަމަ ވެބް ސީރީޒްއަށެވެ.