ޗައިނާ މީހަކު ޔުނިވަސިޓީއަށް ވަނުމަށްޓަކައި 25 ފަހަރު ޓެސްޓް ހަދައިގެން ވެސް ކޮންމެ ފަހަރަކު ޓެސްޓުން ފެއިލްވެ ޔުނިވަސިޓީއަށް ވަނުމުގެ ފުރުސަތު އަދިވެސް ނުލިބޭތީ އޭނާގެ ވާހަކަ މީސް މީޑިއާގައި އާއްމުކޮށްފިއެވެ.

މިހާރު އުމުރުން 55 އަހަރުގެ ލިއަންގް އާއްމުކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި އޭނާ ސިޝުއަން ޔުނިވަސިޓީއަށް ވަނުމަށްޓަކައި ފުރަތަމަ "ގައޮކާއޯ އެގްޒާމް" ހެދީ 1983 ވަނަ އަހަރު އެވެ. އެފަހަރު އޭނާ ފެއިލް ވުމުން އޭނާ އަޒުމު ކަނޑައެޅީ ކޮންމެގޮތެއް ހަދާފައި ނަމަވެސް އެޓެސްޓުން ފާސްވުމަށެވެ. ނަމަވެސް ފާއިތުވި 40 އަހަރު ދުވަހު ކުރި މަސައްކަތުން ވެސް އަދި އޭނާ އަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މިހާތަނަށް 25 ފަހަރު ޓެސްޓުން ފެއިލް ވެފައި ވީނަމަވެސް ލިއަންގް މިހާރު ތައްޔާރުވަމުން ދަނީ 26 ވަނަ ފަހަރަށް މިޓެސްޓްގައި އިށީންނުމަށެވެ.

"އަހަރެންނަށް އަދި މިވީ 55 އަހަރު. އަހަރެންނަކީ އަދިވެސް ޒުވާނެއް. އަހަރެންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރީ ތާރީޚާއި ޖޯގްރަފީ ފިލާވަޅުތައް ދަސްކުރުމުގައި. އެދެމާއްދާ އިން ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ މިހާރު އަހަރެން ފާސްވާނެ." ލިއަންގް ބުންޏެވެ.

ޗައިނާގެ ދަރިވަރުން އާއްމު ގޮތެއްގައި ޔުނިވަސިޓީއަށް ވަނުމުގެ ޓެސްޓް ހަދަނީ ހައިސްކޫލްގެ ފަހު އަހަރު އެވެ.

މީގެ ކުރިން ލިއަންގް އަށް ވަނީ ޔުނިވަސިޓީއަށް ވަނުމުގެ ޓެސްޓްގައި ބައިވެރިވެވޭ ސިޔާސަތު އޮންނަ ގޮތުން 14 ފަހަރަކު ޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައެވެ. ކުރިން ހަމަޖެހިފައި އޮންނަނީ ކައިވެނި ނުކޮށް ހުރުމާއި އުމުރުން 25 އަހަރު ނުފުރި ހުރުން އެއީ މިޓެސްޓްގައި ބައިވެރި ކުރުމުގައި ބަލާނެ ޝަރުތެއް ގޮތުގައެވެ. ނަމަވެސް 2001 ވަނަ އަހަރު ވަނީ އެދެޝަރުތު އުވާލާފައެވެ.

މިދިޔަ ޖޫން މަހު ލިއަންގް ބައިވެރިވި ޓެސްޓަކީ އޭނާއަށް އެންމެ މަތިން މާކްސް ލިބުނު ޓެސްޓެވެ. މިދިޔަ އަހަރުގެ ޓެސްޓްގައި 750 މާކްސް ލިބޭ ޓެސްޓުން އޭނާ އަށް ލިބުނީ 403 މާކްސް އެވެ. ޓެސްޓުން ފާސްވަނީ އެންމެ މަދުވެގެން 521 މާކްސް ލިބިގެންނެވެ.

"އަހަރެން މިހުރީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ވަންދެން މިޓެސްޓްގައި ބައިވެރިވާ ގޮތައް." ލިއަންގް ބުންޏެވެ.

މީގެ ކުރިން ޗައިނާގެ 72 އަހަރުގެ މީހަކު 19 ފަހަރަށް ޔުނިވަސިޓީ އެންޑްރަންސް ޓެސްޓް ހަދައިގެން ވެސް ފެއިލްވި ޚަބަރު 2019 ވަނަ އަހަރު މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ކުރިން ރާއްޖޭގަ ވެސް ލައިސަންސް ނަގަން ހަދާ ޓެސްޓް ތިއަށްވުރެން ވެސް ގިނައިން ހަދަންޖެހޭ.