ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ބައްޗަންއާއި ލަވަކިޔުންތެރިޔާ އަރިއާނާ ގުރާންޑްއާއި ވައްތަރު ކަމަށް ބޮލީވުޑުގެ އެކްޓަރ ކާތިކް އާރްޔާން ބުނެފިއެވެ.

ކާތިކް މިހެން ބުނެފައިވަނީ އޭނާގެ ފިލްމު ''ބޫލް ބުލައްޔާ 2'' ޕްރޮމޯޓް ކުރުމުގެ އިވެންޓެއްގެ ތެރެއިންނެވެ.

ޔޫޓިއުބަރ ތަންމޭ ބަޓް ކުރި އިންޓަވިއުއެއްގައި ކާތިކްއަށް އައިޝްވާރިޔާގެ ފޮޓޯއެއް ދެއްކުމަށް ފަހު ބުނެފައިވަނީ އައިޝްވާރިޔާ އާރިއާނާއާއި ވައްތަރު ކަމަށެވެ.

ތަންމޭގެ މި ބުނުމަށް ރައްދުދެމުން ކާތިކް ބުނެފައިވަނީ އައިޝްވާރިޔާ އާރިއާނާއާއި ވައްތަރޭ ބުނުމަށް ވުރެ އެރިއާނާ އައިޝްވާރިއާއާއި ވައްތަރޭ ބުނުން މާރަނގަޅު ވާނެ ކަމަށެވެ.

ތަންމޭ ދެއްކި މި ފޮޓޯގައި އައިޝްވާރިޔާ ބޮލުގެ އިސްތަށިގަނޑު ވަނީ ވަރަށް މައްޗަށް އައްސާފައެވެ. އަދި އެރިއާނާގެ ވެސް މިގޮތަށް ބޮލުގެ އިސްތަށިގަނޑު ހަނދާފައިވާ ފޮޓޯއެއް ދެއްކުމަށް ފަހު އެ ދެމީހުން ވައްތަރު ކަމަށް ބުންޏެވެ.

ކާތިކް ވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައި ވެސް މިކަން ހިއްސާ ކޮށްފައެވެ. މި ޓުވީޓަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ އައިޝްވާރިޔާއާއި އެހެން މީހުންނާއި އެއްވަރު ނުކުރެވޭނެ ކަމަށެވެ.

އަރިއާނާއާއި އައިޝްވާރިޔާ ވައްތަރޭ ބުނުމަށް ވުރެ އައިޝްވާރިޔާއާއި އަރިއާނާ ވައްތަރޭ ކާތިކް ބުނުން ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ކަމަކަށެވެ. ކާތިކް ޓުވީޓަށް ކޮމެންޓް ކޮށްފައިވާ ގިނަ ފަރާތްތަކުން ކާތިކްގެ އެ ބުނުމަށް އެއްބަސް ވެފައިވެއެވެ.

އައިޝްވާރިޔާ ވަނީ 75 ވަނަ ކަންސް ފިލަމު ފެސްޓިވަލްގައި މަލުން ތައްޔާރު ކޮށްފައިވާ ކަޅުކުލައިގެ ހެދުމެއްގައި ރެޑް ކާޕެޓްގައި ހިނގާފައެވެ.