ކައިވެނި ކުރުމަކީ ވަކި އުމުރަކަށް ދިޔައިމަ ނުކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ލޯބިވާ މީހާ ލިބުމުން އުމުރުން ދުވަސްވީ ނަމަވެސް ކައިވެނި ކުރާ ފަރާތްތައް ވަރަށް ގިނައެވެ.

ނަމަވެސް ގިނަ ފަހަރަށް އުމުރުން ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ މީހުން ކައިވެނި ކުރަނީ ދެވަނަ ނުވަތަ ތިންވަނަ ކައިވެންޏެވެ. ނަމަވެސް އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ އުމުރުން 95 އަހަރުގެ ޖޫލިއަން މޮއިލޭ މިދިޔަ ހަފުތާގައި ކުރީ އޭނާގެ އަލަތު ކައިވެންޏެވެ.

އުމުރުން 95 އަހަރުގެ ޖޫލިއަން މިދިޔަ ހަފުތާގައި ކައިވެނި ކޮށްފައިވަނީ އޭނާގެ ހަގީގީ ލޯބިވެރިޔާ އުމުރުން 84 އަހަރުގެ ވެލެރީ ވިލިއަމްސްއާއެވެ. މި ކައިވެނި ކޮށްފައި ވަނީ 40 މެހެމާނުންގެ ހާޒިރުގައެވެ.

މި ކައިވެނި ކުރެވުމުން ޖޫލިއަންއާއި ވެލެރީ ތިބީ ވަރަށް އުފަލުންނެވެ.

''ޑެއިލީ މިރާ'' ނޫހަށް ދިން އިންޓަވިއުއެއްގައި ޖޫލިއަން ވަނީ 95 އަހަރުގައި އޭނާގެ ފުރަތަމަ ކައިވެނި ކުރެވުމުން ކުރެވުނު އިހުސާސްތައް ހިއްސާ ކޮށްފައެވެ.

''އަހަރެން މިހުރީ ވަރަށް އުފާވެފަ. ހީވަނީ އައު އަހަރެއް ފެށެން އުޅޭހެން. އަހަރެމެން ހަނީމޫނަށް ދިޔުމަށް ނިންމާފައިވަނީ އޮސްޓްރޭލިޔާއަށް. އެތަނަށް ގޮސް އަހަރެންގެ އާއިލާއަށް އަހަރެންގެ އަންހެނުން ވެލެރީ ދައްކާލަން ވަރަށް ބޭނުންވޭ. ވެލެރީއަކީ ވަރަށް ރަނގަޅު މީހެއް. އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަރެންނަށް ވަރަށް އޯގާތެރި. ވެލެރީއާއި އެކު ކުރިއަށް އޮތް ދުވަސްތައް ހޭދަކުރުމަށް އަހަރެން މިހުރީ ކެތްމަދުވެފަ'' ޖޫލިއަން ބުނެފައިވެއެވެ.

ޖޫލިއަންއާއި ބެހޭގޮތުން ވެލެރީ ބުނެފައިވަނީ އޭނާއަކީ އެންމެ ފުރިހަމަ ފިރިހެނެއް ކަމަށެވެ.