އިންޑިއާއިން މުޅިން އަލަށް، ލޭގެ ގްރޫޕެއް ހުރި ފިރިހެނަކު ފެނިއްޖެއެވެ.

އެއީ އީއެމްއެމް ނެގެޓިވްއެވެ. އެއީ މިހާރު ހުރި ބްލަޑް ގްރޫޕްތައް ކަމަށްވާ އޭ،ބީ،އޯ،އޭބީއަށް ނުފެތޭ ލޭގެ ގްރޫޕެކެެވެ. އެއީ ދުނިޔެ އިން ވަރަށް މަދުން ލިބެން ހުންނަ ލޭ ގެ ގްރޫޕެކެވެ.

މި އާ ލޭގެ ގްރޫޕް ހުރި ގުޖްރާތަށް އުފަން އެ މީހާއަކީ އުމުރުން 65 އަހަރުގެ ހިތުގެ މައްސަލަ ހުންނަ ފިރިހެނެކެވެ.

އިންސާނާގެ ހަށިގަނޑުގައި ހަތަރު ވައްތަރެއްގެ ލޭގެ ގްރޫޕެއް ހުރެއެވެ. އަދި އީއެމްއެމް މަތިވާ 375 ވައްތަރެއްގެ އެންޓިޖަން ވެސް ހުންނަ ކަމަށް ވެއެވެ.

ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެންމެ ދިހަ މީހެއްގެ ލޭގައި އީއެމްއެމް ހައި ފްރީކުއެންސީ އެންޓިޖަން ނެތުމުން އެމީހުން އާދައިގެ އިންސާނުންނާ ތަފާތު ވެއެވެ. މިފަދަ އެންމެ މަދުން ލޭގެ ގުރޫޕްތައް ހުންނަ މީހުންނަށް އެމީހުންގެ ލޭ އެއްވެސް މީހަކަށް ހަދިޔާ ނުކުރެވޭނެއެވެ. އަދި އެއްވެސް މީހެއްގެ އަތުން ނު ހޯދޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ވައްތަރުގެ ލޭ ހުރި މީހުންގެ ތެރެއިން ދުނިޔޭގައި ތިބީ އެންމެ ނުވަ މީހެކެވެ.

ސޫރަތުގެ ސަމަރްޕަން ބްލަޑް ޑޯނޭޝަން ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ސަންމުޚް ޖޯޝީ ވިދާޅުވީ ހާޓް އެޓޭކެއް ޖެހިގެން އަހުމަދުއާބާދުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 65 އަހަރުގެ ބަލިމީހާއަށް ހިތުގެ އޮޕަރޭޝަނަށް ލޭ ބޭނުންވި ކަމަށެވެ.

"އެކަމަކު އަހުމަދުއާބާދުގެ ޕްރަތަމާ ލެބޯޓްރީން އޭނާގެ ހަށިގަނޑުގައި ހުރި ލޭގެ ވައްތަރު ނުފެނުމުން ސާމްޕަލްތައް ފޮނުވީ ސޫރަތުގައި ހުންނަ ލޭ ހަދިޔާކުރާ މަރުކަޒަށް،" އޭނާ ވިދާޅުވިއެވެ.

އަދި އެތަނުން ހެދި ޓެސްޓުތަކުން އެއްވެސް ގްރޫޕަކާ އެ މީހާގެ ލޭގެ ސުންކާ ދިމާ ނުވެއެވެ. އޭގެ ފަހުން އެމީހާގެ ގާތްތިމާގެ މީހުންނާއެކު ލޭގެ ސުންކުތައް ތަހުގީގު ކުރުމަށް އެމެރިކާއަށް ފޮނުވީއެވެ.

އޭގެ ފަހުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ އެ މީހާގެ ލޭގެ ވައްތަރަކީ އިންޑިއާގައި އަލަށް ފެނުނު މިފަދަ ލޭގެ ވައްތަރެވެ. އަދި މިއީ ދުނިޔޭގައި ވެސް އެންމެ މަދުން ފެންނަ ލޭގެ ގްރޫޕްގެ ވައްތަރުކަމަަށް ވާއިރު، މިއީ ދުނިޔެއިން ފެނުނު މިފަދަ ދިހަ ވަނަ ވޭދަނަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

އެ ވައްތަރު ލޭގައި އީއެމްއެމް ނެތުމުގެ ސަބަބުން އިންޓަނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން (އައިއެސްބީޓީ) އިން ވަނީ އެ ވައްތަރުގެ ލެޔަށް އީއެމްއެމް ނެގެޓިވް ނަމުން ނަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު