އެޓްލާންޓިކް ކަނޑާއި ދިމާލުން ފެންނަން ހުރި ވިލާތަކުގެ ތެރެއިން އަލިފާން ރަތްކުލައިގެ ވިދުމެއްގެ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ. ޕައިލެޓަކު ނަގާފައިވާ އެ ފޮޓޯތައް މިދިޔަ ހުކުރު ދުވަހު ނެގިއިރު، އެތައް ބަޔަކު އެކަމާއި ގުޅޭގޮތުން ވަނީ ވާހަކަދައްކާފައެވެ. އެގޮތުން އެެއީ ސްޓްރޭންޖާސް ތިންގްސްގެ މަންޒަރެއް ކަމަށްވެސް އެއްބަޔަކު ބުނެފައި ވެއެވެ.

އެ މަންޒަރުގެ ފޮޓޯތައް އެތައް ބަޔަކު ވަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުކޮށްފައެވެ

މި ތަސްވީރުތައް ރެޑިޓްގައި ޕޯސްޓްކުރި މީހަކު ޕައިލެޓާ ހަވާލާދީ ބުނީ "މިފަދަ އެއްޗެއް ދުވަހަކުވެސް ނުދެކޭ" ކަމަށެވެ.

ނަމަވެސް އެ ޕައިލެޓާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެޓްލާންޓިކް ކަނޑުގެ މަތިން އެ ބިރުވެރި މަންޒަރު ފެނުނު ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް ނެތެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި އެ އައްޔަކީ މަސް ޝައުގުވެރި ކުރުމަށް ރަތް އަލި ބޭނުންކޮށްގެން މަސްވެރިކަން ކުރާ ދޯންޏަކުން ބޭނުން ކުރި އައްޔަކަށް ވެދާނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ވަކި ވައްތަރެއްގެ މަހެއް ޝައުގުވެރި ކުރުމަށް ވަރުގަދަ ރަތް ލައިޓްތައް ބޭނުންކޮށްގެން މަސްވެރިކަން ކުރާ އުޅަނދުތަކެއް ބޭނުން ކުރަމުންދާ އައްޔެއް ކަަމަށް،" އެކަކު ބުނެފައި ވެއެވެ.