އިންގްލޭންޑްގެ ބްރިސްޓަލް ޔުނިވާސިޓީގެ ދަރިވަރަކު ނިދާފައި އޮއްވާ ލެޕްޓޮޕްގެ ލިތިއަމް ބެޓެރީތައް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި މަރުވެއްޖެ އެވެ.

އެޑްވާޑް ހޫޒްގެ ވަރަށް ބޮޑަށް އަނދާފައިވާ ހަށިގަނޑު ފެނިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ކޮރންވޯލްގެ ޓޯޕޮއިންޓް ކައިރީގައި ހުންނަ އޭނާގެ މަންމަގެ ގެ "ޑެވިއޮކް ކޮޓެޖް"ގެ ސިޓިންރޫމުންނެވެ.

އަލިފާން ރޯވީ 20 އަހަރުގެ އެ ޒުވާނާ ނިދާކޮޓަރީގައި ހުރި "ނޭނގޭ އެއްޗެއްގައި" ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އެގޭގެ ކޮޓަރިއަށްވެސް ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން އެ ކޮޓަރީގެ ސީލިންގ ވަނީ ވެއްޓިފައެވެ.

ތަޖުރިބާކާރު ފަޔާ އިންވެސްޓިގޭޓަރަކަށް ލެޕްޓޮޕެއްގެ ބަޔަކާއި ޕްލާސްޓިކް ވެލްޑަރަކާއި ބައެއް އެކްސްޓެންޝަން ލީޑްތައް ފެނުނު ނަމަވެސް މަރުގެ މައްސަލަ ތަހުގީގު ކުރާ އޮފިޝަލެއް ކަމަށްވާ އެންޑްރޫ ކޮޒް ވިދާޅުވީ އެއިން އެއްވެސް ލީޑަކީ އޭނާ މަރުވި އަލިފާނުގެ މަސްދަރެއް ކަމަށް ކަނޑައެޅިގެން ނުބުނެވޭނެ ކަމަށެވެ.

ނަމަވެސް ކޮޒް ވިދާޅުވީ، އަލިފާން ގަނޑު ފެތުރެން ފެށުމާއެކު ލެޕްޓޮޕް ބެޓެރީތައް ފަޅައިގެން ގޮސް، އެ ބެޓެރީތައް ގޮވައިގެން އެތަނުގައި ރޯވީ ކަމަށް ވެދާނެ ކަމަށެވެ.

ޓްރޫރޯގެ ތަހްގީގަށް އޭނާ ކިޔައިދިން ގޮތުގައި، އަލިފާންގަނޑު ފެތުރެން ފެށުމާއެކު ލެޕްޓޮޕް ބެޓެރީތަކަށް އަސަރު ކުރުމުން، އަލިފާންގަނޑު އިތުރަށް ވަރުގަދަ ވާން މަގުފަހިވެގެން ދާނެ ކަމަށެވެ.

ހޯމް އޮފީހުގެ ފޮރެންސިކް ޕެތޮލޮޖިސްޓް ޑރ އަމަންޑާ ޖެފްރީ ވިދާޅުވީ، ފިޒިކްސް ކިޔަވަމުންދިޔަ ބްރިސްޓޮލް ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ އެޑްވާޑް މަރުވީ ވިހަ ގަދަ އަލިފާނުގެ ދުމުގެ އަސަރު ކޮށްގެން ކަމަށެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށާއި އެކަމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.