އަލްފަބެޓް އިންކްގެ ގޫގުލް ހޯމަ ދުވަހު އެތައް ހާސް ޔޫޒަރުންނަށް ޑައުންވި ކަމަށް އެ ކުންފުނީގެ އައުޓްޓޭޖް ޓްރެކިން ވެބްސައިޓް ޑައުން ޑިޓެކްޓަރ އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖީނަށް މައްސަލަ ޖެހިގެން 40،000 އަށް ވުރެ ގިނަ މީހުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކޮށްފައެވެ. އެތައް ބަޔަކަށް ގޫގުލް އަށް ވަނުމަށްދަތިވެ މައްސަލަތައް ކުރިމަތިވެފައިވާކަމަށް ޑައުންޑިޓެކްޓާ އިން ބުނެއެވެ.

ޑައުންޑިޓެކްޓާ ވެބްސައިޓަކީ ގޫގުލް ކުންފުނީގެ ޕްލެޓްފޯމުގައި ޔޫޒަރުންގެ ހުށަހެޅުންތައް ބަލައިގަނެ މައްސަލައެއް އޮވެއްޖެ ހާލަތެއްގައި ކަންކަން ބަލަހައްޓާ ހާއްސަ ވެބްސައިޓެކެވެ. މި ވެބްސައިޓުން އެކި ވަސީލަތްތައް ބޭނުންކޮށްގެން ގޫގުލްގެ ސްޓޭޓަސް ރިޕޯޓްތައް އެއްކޮށްގެން ޓްރެކް ކުރެއެވެ.

އަލްފަބެޓް އިން ހިންގާ ގޫގުލްއަށް މައްސަލަތަކެއް ދިމާވެގެން ރިޕޯޓްކޮށްފައިވާ ބޮޑެތި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ސިންގަޕޫރުގެ ރައްޔިތުން ހިމެނެއެވެ.

ގޫގުލް އިން ޓްވިޓާގައި ކުޑަ ވަގުތުކޮޅަކަށް ޓްރެންޑްވަމުން ދިޔަ އިރު، ޔޫޒަރުން ވަނީ އެރަރ މެސެޖްތަކުގެ ސްކްރީންޝޮޓްތައް ޕޯސްޓްކޮށްފައެވެ. ގޫގުލް އިން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް ގޫގްލް އަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ.

ގޫގުލް އަކީ ސާޗް އިންޖީން ޓެކްނޮލޮޖީ، އޮންލައިން އެޑްވަޓައިޒިން، ކްލައުޑް ކޮމްޕިއުޓިން، ކޮމްޕިއުޓާ ސޮފްޓްވެއާ، ކުއަންޓަމް ކޮމްޕިއުޓިން، އީ-ކޮމާސް، އާޓިފިޝަލް އިންޓެލިޖެންސް އަދި ކޮންޒިއުމާ އިލެކްޓްރޯނިކްސް އަށް ފޯކަސް ކުރާ އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މާކެޓް ޑޮމިނެންސް، ޑޭޓާ ކަލެކްޝަން، އަދި ޓެކްނޮލޮޖިކަލް އެޑްވާންޓޭޖްތަކުގެ ސަބަބުން ދުނިޔޭގެ އެންމެ އަގުބޮޑު އެއް ބްރޭންޑް, "ދުނިޔޭގެ އެންމެ ބާރުގަދަ ކުންފުނި" ގެ ގޮތުގައި މި ކުންފުނި ވަނީ ހިމެނިފަ އެވެ. އެއީ އެމެޒޯން، އެޕަލް، މެޓާ އަދި މައިކްރޯސޮފްޓްގެ އިތުރުން ބިގް ފައިވް އެމެރިކަން އިންފޮމޭޝަން ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.