ބިލިއަނަރެއް ކަމަށްވާ ގޫގްލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް ނީލަމެއްގައި 67.6 މިލިއަން ޑޮލަރަށް ޔޮޓެއް ގަނެފިއެވެ. އެރިކް ގަތް ޔޮޓަކީ ރަޝިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަންދްރޭ ގްރޭވްގެ ޔޮޓަކަށް ވާތީ އަންޓިގްއާ އެންޑް ބާބްޑާ އިން ހިފަހައްޓާފައިވާ ޔޮޓެކެވެ.

ކެރީބިއަންގައި އޮންނަ އަންޓިގްއާ އެންޑް ބާބްޑާ އިން މިޔޮޓް ހިފެހެއްޓީ އަންދްރޭ އާއި ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އޭނާގެ ބޭންކް އެކައުންޓްތަކާއި، މުދާ ހިފަހައްޓަން އެމެރިކާ އިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އަންޓިގްއާ އެންޑް ބާބްޑާ އިން މިޔޮޓް ނީލަމުގައި ވިއްކާލަން މަސައްކަތް ފެށީ ޔޮޓް ބަނދަރު ކުރުމަށްފަހު ވެރިޔަކު ނެތި ޔޮޓް އޮންނަން ފެށުމުންނެވެ. ޔޮޓް ބަލަހައްޓަން މަހަކު ލައްކައަކަށްވުރެ ގިނަ ޑޮލަރު އަންޓިގްއާ އެންޑް ބާބްޑާ އިން އައީ ހަރަދު ކުރަމުންނެވެ.

އަންދްރޭ ވަނީ އެއީ އޭނާގެ ޔޮޓެއް ނޫން ކަމަށް ބުނެފައެވެ. ޔޮޓް ރަޖިސްޓްރީ ކޮށްފައި އޮންނަނީ އަންދްރޭގެ އަންހެން ދަރިފުޅުގެ ނަމުގައި ކަމަށް ވެއެވެ. އަންދްރޭގެ އަންހެން ދަރިފުޅު ވަނީ ޔޮޓްގެ ނީލަށް ހުއްޓުވަން ވަކީލުން މެދުވެރިކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ބީލަން ކާމިޔާބުކޮށް އެރިކް ގަތް ޔޮޓަކީ 267 ފޫޓް ދިގު މިނުގައި ހުންނަ އަލްފާ ނެރޯ ނަމަކަށް ކިޔާ ޔޮޓެކެވެ.

އެރިކް ވަނީ 2001 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ގޫގްލްގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ. އޭގެފަހުން އޭނާ ވަނީ ގޫގްލްގެ ޕޭރެންޓް ކޮމްޕެނީ ކަމަށްވާ އަލްފަބެޓްގެ ޗެއާމަން ކަން ވެސް ކޮށްފައެވެ. އެމަގާމުން އޭނާ އިސްތިއުފާ ދިނީ 2018 ވަނަ އަހަރު އެވެ.

އެރިކް އަކީ ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ 60 ވަނައިގައި މިހާރު އޮތް މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 25 ބިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް ފޯބްސް އިން ބުނެއެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން ރަޝިއާގެ ބިލިއަނަރުންގެ ވަރަށް ގިނަ ޔޮޓްތަކުގެ ދަތުރުތަކަށް ދަތިތައް ކުރިމަތިވިއެވެ. ބައެއް ޔޮޓްތައް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރާއްޖެ އައިސް، ރާއްޖޭގައި ވެސް ބަނދަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބޫ ހޯލިސް

    މިއައް ކިޔާނީ ފޭރުން ނޫންބާ
    މީހެއްގެ މުދަލެއް އެމީހަކު ކުރި ކުށަކާނުލާ އެމީހާގެ ނުރުހުމުގައި ހިފަހައްޓާ އެއައް އަތްގަދަކޮށް އެ ވިއްކާލުމަކީ ފޭރުން
    އެމެރިކާއިން ނޫނީ އެހެން މީހަކު ކުރިޔަސް ގޯސްކަމެއް ވާނީ ހަމަ ގޯސް ކަމަކަށް
    ބާރު އޮތީތީވެ ބޭނުންހާ ކަމެއް ކުރެވިދާނެ