މި ދުވަސްވަރަކީ އަވަށްޓެރި އިންޑިޔާގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަ، މޫސުން ގޯސް ދުވަސްވަރެކެވެ. ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައި ބޮޑެތި، ފުން ވަޅުގަނޑުތައް ވަނީ ކޮނެވިފައެވެ. ހަމައެހެންމެ، ފަރުބަދަމަތީ އަދި ބިންގަނޑު އުސް ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތަކުގެ ބިރާވަނީ ކުރިމަތިލާން ޖެހިފައެވެ.

މިފަދަ ޙާލަތްތަކާ ދަނޑިވަޅުތަކަކީ، އެކަންކަމުން އަރައިގަތުމަށް އެންމެން އެއްބައިވެ، އެކަތިގަނޑަކަށް ވާން ޖެހޭ ދުވަސްވަރެކެވެ. މިއީ، މިކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވާ ޙާދިސާއެކެވެ.

އިންޑިޔާގެ ފަރުބަދަ މަތީ ސަރަޙައްދެއްކަމުގައިވާ ދަރުޝުލާގެ، މަގުތައް، ވިއްސާރަވުމާ ގުޅިގެން ފެންބޮޑުވެ، ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން އާއްމު ރައްޔިތުން ބޭނުންކުރަން މަޖުބޫރުވެފައިވަނީ، ބޮޑެތި ހިލަތަކާއި ގައުތަކުން ފުރިފައިވާ ފަރުބަދަ މަތީ މަގުތަކެވެ.

މިފަދަ ފަރުބަދަ މަތީ ތަނެއްގައި، އަނިޔާވެފައި ނުވަތަ ޒަޚަމްވެފައި އޮތް މީހަކު، ސަލާމަތްކޮށްގެން، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށްވަނީ ގެންގޮސް ފަރުވާ ދީފައެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން، އެތައް ބައެއްގެ ބުރަކަށި މަތީގައި މި މީހާ ގެންގޮސްފައިވަނީ، ކުރިން ފާހަގަކޮށްފައިވާފަދަ ހިލަތަކާއި ގައު ގިނަ މަގަކުންނެވެ. އެގޮތަށް، އެމީހުން ހަތް ކިލޯމީޓަރުގެ ދިގު ރާސްތާއަކަށް ބުރަކައްޓާއި ކޮނޑު މަތީގައި، އަނިޔާވެފައިވާ މީހާ ގެންގޮސްފައިވެއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި އުނދަގޫ މަގުން، ޒަޚަމްވެފައިވާ މީހާ ގެންދިއުމުގައި ހަރަކާތްތެރިވީ، ޒަޚަމްވެފައި އޮތް މީހާ ނުވެސް ދަންނަ މީހުންނެވެ. އެމީހުން މި މަސައްކަތް ކޮށްފައިވަނީ، އިންސާނިއްޔަތަކަށް ޚިދުމަތްކުޅައުމުގެ އުފަލަށްޓަކައެވެ.

މި މަންޒަރު ފެންނަ ވީޑިޔޯއެއް، މީސް މީޑިޔާގައިވަނީ އާއްމުވެފައެވެ. މި ވީޑިޔޯ އަށް އެތައް ބައެއްގެ ތަޢުރީފު ލިބިފައިވެއެވެ.