އިންޑިއާގެ ލަވަކިޔުންތެރިޔާ ރާހުލް ޖެއިންއަށް އަނެއްކާ ވެސް ރޭޕްގެ ތުހުމަތެއް ކުރެވި އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ރާހުލްއަށް ރޭޕްގެ ތުހުމަތު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ކޮސްޓިއުމް ޑިޒައިނަރެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ރާހޫލް ވަނީ އޭނާގެ މަސައްކަތަށް ތައުރީފުކޮށް އިންސްޓަގުރާމުން މެސެޖު ކޮށްފައެވެ.

އަދި އޭނާގެ ކޮސްޓިއުމް ޑިޒައިނަރަކަށް ހަދަން ބޭނުންވާ ކަމަށް ބުނެ ރާހޫލްގެ ފްލެޓަށް އައުމަށް ދައުވަތު ދިން ކަމަށް ބުންޏެވެ. އެ ގެއަށް ދިޔުމުން އޭނާގެ ހެދުންތައް ދެއްކުމުގެ ބަހަނާގައި ކޮޓަރިއަށް ގެންދިޔަ ކަމަށާއި އެތަނުގައި އޭނާ ރޭޕްކުރީ ކަމަށް ކިޔާދީފައި ވެއެވެ.

އަދި އެކަމާ ދެކޮޅު ހަދާ، އެތަނުން ސަލާމަތްވެގެން ނިކުންނަން އުޅުމުން އޭނާއަށް އަނިޔާ ކުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ''ޓައިމްސް އޮފް އިންޑިއާ'' އަށް ދިން އިންޓަވިއުއެއްގައި ރާހޫލް ބުނެފައިވަނީ އޭނާއާއި ބެހޭގޮތުން ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

''އެއީ ކޮން އަންހެނެއް ކަމެއް ވެސް އަހަރެންނަކަށް ނޭނގެ. އަހަރެންނާއި ބެހޭގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް. މީގެ ކުރިން ވެސް އަހަރެންނަށް ރޭޕްގެ ތުހުމަތެއް ކުރެވުނެ. ނަމަވެސް އެކަމުން އަހަރެންނަށް އިންސާފު ލިބުނު. އަހަރެންނަށް ހީވަނީ މިއީ އެކަމާ ގުޅުން ހުރި އަންހެނެއްހެން'' ރާހޫލް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު