12،000 އަށް ވުރެ ގިނަ ފަހަރު ފުލުހުންނަށް ގުޅި އަންހެނަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހިނގި މި ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި އަންހެންމީހާ އަކީ އުމުރުން 51 އަހަރުގެ ކާރލާ ޖެފަރސަން ނަމަކަށް ކިޔާ މީހެކެވެ. ކޯޓް ލިޔެކިޔުންތަކުގައި ވާގޮތުން މި އަންހެން މީހާ ވަނީ ސެއިންޓް ޕީޓަރސްބާރގް ޕޮލިސް ޑިޕާޓްމަންޓާއި ޕިނެލާސް ކައުންޓީ ޝެރިފްގެ އޮފީހުގެ ނޮން އިމަރޖެންސީ ލައިންތަކަށް ހުއްޓުމެއްނެތި އެތައް ސަތޭކަފަހަރު ގުޅާފައެވެ.

ފުލުހުންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި އަހަރު ސެއިންޓް ޕީޓަރސްބާރގް ޑިޕާޓްމަންޓަށް އައި ފޯންކޯލްތަކުގެ ތެރެއިން ދިހަ އިންސައްތަ ފޯންކޯލް ކޮށްފައި ވަނީ ޖެފަރސަން އެވެ. އޭނާ ގުޅާފައި ކޮންމެ މީހަކު ޖަވާބުދިން ނަމަވެސް އެމީހަކަށް ފުރައްސާރަކޮށް ޖަދަލުކޮށް ހަޑިއެއްޗެހި ކިޔާކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހު އެކަނި ވެސް ޖެފަރސަން ވަނީ 24 ގަޑިއިރުގެ ތެރޭގައި 512 ފަހަރު ފުލުހުންނަށް ގުޅައި ފުރައްސާރަ ކޮށްފައެވެ.

ފުލުހުންގެ ޑިޕާޓްމެންޓްގެ ކޮމިއުނިކޭޝަންސް ސެންޓަރަށް އަންނަ ކޮންމެ ކޯލަކަށް ފުލުހުން ޖަވާބު ދެ އެވެ. އެކި ފަރާތްތަކުން އެކި ސަބަބުތަކާއި ގުޅިގެން ފުލުހުންނަށް ގުޅާއިރު ބައެއް މީހުން ހިންނުތަނަސްވެ ހާސްވެގެން ވެސް ފުލުހުންނަށް ގުޅައެވެ. އަދި ބައެއް ފަރާތްތަކުން ރުޅި އައިސް ހިންހަމަނުޖެހިގެން ވެސް ފުލުހުންނަށް ގުޅައެވެ.

ފުލުހުންގެ ތަރުޖަމާނު ޔުލާންޑާ ފެނާންޑޭޒް ބޭރުގެ މީޑިޔާއެއް ކަމަށްވާ ފޮކްސް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެކި މީހުން އެކި ބޭނުމުގައި ފުލުހުންނަށް ގުޅާކަމަށާއި ކޮންމެ މީހަކު ގުޅި ނަމަވެސް ފުލުހުން އެމީހެއްގެ ކޯލަށް ޖަވާބުދާރީ ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު