ބްލެކްޕިންކްގެ އާ ވީޑިއޯ ލަވަ "ޕިންކް ވެނޮމް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކޭ-ޕޮޕް "ގާލް" ގްރޫޕް، ބްލެކްޕިންކްއިން ނެރުނު އާ ވީޑިއޯ ލަވަ "ޕިންކް ވެނޮމް" އަކީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބޯން ޕިންކް" އަލްބަމްގެ ލަވައެކެވެ.

މި ބޭންޑުގެ މެމްބަރުންނަކީ ޖެނީ، ޖިސޫ، ލީސާ އަދި ރޯޒީއެވެ. ބްލެކްޕިންކްގެ ފުރަތަމަ އަލްބަމް "ދަ އަލްބަމް" 2020 ރިލީޒް ކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ނުވަނީސް އެ އަލްބަމްގެ މިލިއަނަކަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ.

މިފަހަރު ނެރޭ އާ އަލްބަމް ނެރޭ ތާރީހު އިއުލާނު ކުރީ މިދިޔަ ހަފުތާގައެވެ. އެ ގްރޫޕުން ދަނީ "ވޯލްޑް ޓުއާ" އެއް ބޭއްވުމަށްވެސް ތައްޔާރީތައް ވަމުންނެވެ.

މިފަހަރު މި ގްރޫޕުން ނެރުނު ލަވަ އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޔޫޓިއުބް ގައި މި ލަވަ ރިލީޒްކުރިތާ 14 ގަޑިއިރުގެ ތެރޭގައި 66 މިލިއަން މީހުން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން މި ލަވަ ބަލައިފައެވެ.

ބްލެކްޕިންކް އިން ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޓަސްކޯޕް މެދުވެރިކޮށް "ދަ އަލްބަމް" ގެ ނަމުގައި އެމީހުންގެ ފުރަތަމަ ފުލް-ލެންތް އަލްބަމް ނެރެފައެވެ.

ހަތަރު ފަންނާނުންގެ މި ބޭންޑުގެ މަޝްހޫރު ލަވަލަތުކުގެ ތެރޭގައި "ހައު ޔޫ ލައިކް ދެޓް"، "ބޫމްބަޔާ" އަދި "ޑޫ-ޑޫ ޑޫ" ފަދަ ހިޓް ލަވަތައް ހިމެނެއެވެ.

މި ގްރޫޕުން 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ފުރަތަމަ ފަހަރަށް ނެރުނު އަލްބަމް ސްކުއާރ ވަން އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. މި އަލްބަމުގެ އެންމެ މަޝްހޫރު ލަވަތަކަކީ "ވިސިލް" އާއި "ބޫމްބަޔާ" އެވެ.